ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ

އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން އާދަމް ޝަރީފް ގޮވާލައްވައިފި

ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް މި ސަރުކާރުން އުފައްދާފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވާ" ނުވަތަ އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އާދަމް ވިދާޅވީ އެސެޓް ރިކަވަރީ ކޮމިޝަން ހަދައިން ދެ އަހަރު ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނު ކަމަށެވެ. އަދި އެ ކޮމިޝަން އުފެދުނުއިރުވެސް ކޮމިޝަންގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އެއީ އެމީހަކާ ދޭތެރޭ އިނގިލި ދިއްކުރާ ކަހަލަ މައްސަލައެއް އޮތް މީހަކު ހިމެނިގެން އެކަން ކުރެވުނީމަ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅެއް ނުވާނެ. އަދި މިހާރުވެސް މި މަސައްކަތްތައް ކުރިއަށް ނުދާތީ އަޅުގަނޑު ދެކޭގޮތުގައި ހަރަދުތަކެއް ބޭކާރުވެގެން އެބަދޭ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ހަމަ އެސެޓް ރިކަަވަރީ ކޮމިޝަން އުވާލަން ނުވަތަ ހަމަ އުވާލުމުގެ ބަދަލުގައި އާ ބަޔަކު އައްޔަނުކޮށްގެން މަސައްކަތް ކުރަން ޖެހޭނެކަމަށް ނަތީޖާ ނެރެން ބޭނުންވާ ކަމަށް ވަންޏާ." އާދަމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހަކު ހިމެނާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިސްޓުގައި ބުނެފައި ވެއެވެ. މިއަދު މަޖިލީހުގެ ސަބް ކޮމެޓީން ވަނީ އެ އެންމެން މަގާމުން ވަކި ކުރަންވެސް ފާސްކޮށްފަ އެވެ. ކޮމެޓީން އެގޮތަށް ފާސްކުރި ނަމަވެސް އެކަން އެގޮތަށް ތަންފީޒްކުރާނެކަމުގެ ޔަގީންކަން ނެތް ކަމަށް ޝަރީފް މިއަދު ވިދާޅުވި އެވެ.

"މީގެ ކުރިންވެސް މި ސަރުކާރުގައިވެސް ތެެރެއިން ކޮރަޕްޝަން ހިންގާފައި ހަމަ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ކަންކަމުގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވަރަށް ބޮޑަށް ދޯހަޅިކޮށް އެކަށީގެންވާ ފިިޔަވަޅެއް ނޭޅި ދޫކޮށްލައިފައި އޮތްކަން." ޝަރީފް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެއް ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވެއެވެ. ނަމަވެސް އެ ކޮމިޝަނުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ކޮމިޝަންގެ މަގްސަދާމެދު އާންމުންވެސް ވަރަށް ބޮޑަށް ސުވާލު އުފައްދަ އެވެ.