ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ

ހިޔާނާތް ބަލާ ކޮމިޝަނަށް އެމްޑީޕީގެ މެންބަރުންގެ ނުރުހުން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މަަސައްކަތްތަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަރަށް ބޮޑަށް ފާޑުވިދާޅު ވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާ ކަމަށް ވިދާޅުވެފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމު ވިދާޅުވީ އެ ކޮމިޝަން އެކުލަވާލިތާ ދެ އަހަރާ ބައިވީއިރު ހިޔާނާތުގައި ސީދާ ބައިވެރިވި މީހުން ހޯދިފައި ނެތުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. ކޮމިޝަންގެ މެންބަރުންގެ މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރުމަށް ވެސް މީކާއިލް ވަނީ އެދިވަޑައިގެންފަ އެވެ.

"މިލިސްޓު ފެނުމުން އެއް ކަމަކާ އަޅުގަނޑު ލަދުގަތް. އެއީ މި ލިސްޓުގެ 60 އެތައް ޕަސެންޓަކީ މައުލޫމާތު ކަލެޓް ކުރުމާއި ހަމައިގައި، އެ މަރުހަލާގަިއ ހުރި މީހުން. ދެ އަހަރާ ބައިވެގެން ދާއިރު ރިޔާސީ ކޮމިޝަނެއް ވަކިން ހަދައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށް ލިސްޓެއް އެކުލަވާލާއިރު އެ ލިސްޓުގެ 60 އެތައް ޕަސެންޓެެއް މީހުންނަކީ އަދި މައުލުމާތު އެއްކުރުމުގެ ސްޓޭޖުގައި ހުރި މީހުންނޭ ބުނީމާ ހަމަ އަޅުގަނޑު ވެސް ލަދު ގަނޭ،" މީކާއިލް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތަކަށް އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ގެންގޮސްފައި ނެތް ކަމަށެވެ. ލިސްޓުގައި 281 ބޭފުޅުން ހިމެނޭއިރު އޭގެތެރެއިން 176 ބޭފުޅެއްގެ ފުރިހަމަ މައުލޫމާތުތައް އަދިވެސް ކޮމިޝަނަށް ހޯދިފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

"އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ އެސެޓް ރިކަވަރީ ކޮމިޝަނުން މިވީހާ ދުވަހު މައުލޫމާތު ނުހޯދުނީތޯއޭ؟ ނޫން ނަމަ ހޯދަން ހުރި ހުރަސްތަކަކީ ކޮބައިތޯއޭ؟ މި ހިސާބަށް މިކަން ދިޔައީ ކީއްވެތޯ؟ އެއީ މުޅި ލިސްޓަށް ބަލާނަމަ 63 ޕަސެންޓް [މައުލޫމާތު ނުހޯދޭ]. ދެން އެއާ ޖެހިގެން މި އޮންނަނީ އިންވެސްޓިގޭޝަންގައި 69 ފަރާތެއް. މިއީ 25 ޕަސެންޓް. އެހެންވީމާ އެނގޭ އެސެޓް ރިކަވަރީ ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއްް ނުކުރެވޭކަން،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކޮމިޝަންގައި ތިއްބެވި މެމްބަރުންނާ އެކު، ދައުލަތަށް ގެއްލުނު އެއްވެސް ފައިސާއެއް ހޯދިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަނަށް ފާޑުވިދާޅު ވަމުން އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ކޮމިޝަނުން އެކުލަވާލި ލިސްޓު ކިތަންމެ ދިގު ނަމަވެސް ހާސިލްވީ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އެގޮތުން އެ މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރެވުނު ތަނުގައި ދައުލަަތަށް ގެއްލުނު އެންމެ އެސެޓެއް ވެސް އަނބުރާ ހޯދިފައި ނުވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެހެންވެ ސަލީމް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތައް މަޖިލީހުން ވަރަށް ގާތުން ބެލުމަށެވެ. އަދި މައްސަލަ ތަހުގީގު ކުރެވޭނެ ޓައިމްލައިންއަކާއި އަދި އެސެޓްތައް އަލުން ހޯދޭނެ ޓައިމްލައިނެއް ކޮމިޝަނުން ހުށަހަޅަން އޭނާ އެދިވަޑައިގެންނެވި އެވެ.

ކޮމިޝަންގެ ތަހުގީގަށް ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދައި ކޮމިޝަންގެ މަސައްކަތް އަވަސްކުރަން ވެސް ސަލީމް ވަނީ ގޮވާލައްވާފަ އެވެ.

ކޮމިޝަނުން ފާޑުކިޔުން އަމާޒުވާ ކޮންމެ ފަހަރަކު މުވައްޒަފުން މަދުކަމާއި ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާއި ހައްސާސްކަން ކޮމިޝަނުން އަބަދުވެސް ފާހަގަކުރަމުންދެ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތަކެއް ހާމަކުރި ނަަމަވެސް އެ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ކަނޑައެޅެން ނެތް ކަމަށް ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވަމުން ވެސް އެބަގެންދަވަ އެވެ. އަދި ލިސްޓުގައި ހިމެނޭ މީހުންނަށް ދައުވާ ކުރަން ފޮނުވޭނީ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ހޯދާ ހެކިތަކެއްގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.