ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"މި ތިބީ ރައްޔިތުންނާއެކު ކޮވިޑާ ހަނގުރާމަ ކުރަން"

ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދު ނަމަވެސް އަދި ރައްޔިތުންގެ ހިދުމަތުގައި ކިތަންމެ ދުވަހެެއް ހޭދަވެފައިވީނަމަވެސް އަދި ސިއްހީ ހިދުމަތްތެރިން ސާބިތުވެ ތިބީ ދިވެހި ރައްޔިތުންނާއެކު ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ ހަނގުރާމާގައި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ ތިން ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ ހާހުން މަތީގައެވެ. ފަހު ދެ ދުވަހު އެ ނަންބަރު ހުރީ 1500 އިން މަތީގައެވެ. މިވަގުތުވެސް 12،800 ވުރެ ގިނަ މީހުން ބަލިން ފަސޭހަނުވެ ތިބިއިރު 263 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ފަސް މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންނާއި ކޮވިޑް ސާމްޕަލް ނެގުމާއި ބަލި މީހުން އުފުލުމާއި ފެސިލިޓީތަކުގައިވެސް ސިއްހީ ހިދުމަތްތެރިން ދަނީ މަަަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަރަށް ގިނަ ސިއްހީ ހިދުމަތްތެރިން އެއްވެސް ޗުއްޓީއެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމާއި ގުޅިގެން ސިއްހީ ހިދުމަތްތެރިން ވަރުބަލިވެފައިވާ ކަމަށާ ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދު ކަމުން ނާޒުކު ހާލަތަކަށް ގޮސްދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދަނީ ދެމުންނެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ތަޖުރިބާ ކުރަމުންދާ އެންމެ ނުރައްކާތެރި ދުވަސްތަކެވެ. މިވަގުތު ސިއްހީ ހިދުމަތްތެރިންނަށް ވަރަށް ބޮޑަށް ބުރަވެފައިވާތީ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑޮކްޓަރު ފާތިމަތު މުފްލިހާ ވިދާޅުވީ ސިއްހީ ހިދުމަތްތެރިން ތިބީ ރައްޔިތުންނާއެކު ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ ވަރުގަދަ ހަނގުރާމާގައި ސާބިތުވެ ކަމަށެވެ.

މުފްލިހާ ވިދާޅުވީ ކޮވިޑްގެ ނުރައްކާ ކުރިމަތިވި ކޮންމެ ފަހަރަކު އެކަމުން އަރައިގަތީ ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިން ކުރި މަަސައްކަތުން ކަމަށާ އެހެން ކަމުން މިހާރު އޮތް ހާލަތުންވެސް އަރައިގަނެވޭނެ ކަމަށެވެ. ފަރުވާދޭން ހުރި އެނދުތައް ފުރޭ ވާހަކަ އާއި ސިއްހީ ހިދުމަތްތެރިން މަދުކަމުގެ ވާހަކަ ތަކުރާރު ދައްކަނީ ރައްޔިތުންގެ ހޭލުންތެރިކަމަށާ ބައްޔާ ދެކޮޅަށް ކުރަން ޖެހިފައިވާ މަސައްކަތުގެ މުހިންމު ކަމާއި ނާޒުކުކަން ބުނެދިނުމަށް ކަމަށްވެސް ޑރ. މުފްލިހާ ވިދާޅުވިއެވެ.

"ހެލްތް ކެއާ ވޯކާސް މި ތިބީ ތިޔަ ބޭފުޅުންނާއެކީގައި މިކަމުގައި ހަނގުރާމަ ކުރުމަށް،" މުފްލިހާ ވިދާޅުވިއެވެ.

ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 6 - 703 މީހަކު ޕޮޒިޓިވް
  • މެއި 7 - 766 މީހަކު ޕޮޒިޓިވް
  • މެއި 8 - 509 މީހަކު ޕޮޒިޓިވް
  • މެއި 9 - 1091 މީހަކު ޕޮޒިޓިވް
  • މެއި 10 - 1204 މީހަކު ޕޮޒިޓިވް
  • މެއި 11 - 1501 މީހަކު ޕޮޒިޓިވް
  • މެއި 12 - 1572 މީހަކު ޕޮޒިޓިވް

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 12،873 މީހުންނެވެ. މިހާތަނަށް 27،123 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 263 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 87 މީހަކު މަރުވެފައިވެއެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވުމުން ފިޔަވަޅުތައް ވަނީ މިހާރު ހަރުކަށިވެސް ކޮށްފައެވެ.