ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެކްޓިވް ކޭސް 15،000 އަށް، 290 މީހަކަށް ފަރުވާ ދެނީ

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 15،000 ވުރެ މައްޗަށް އަރައިފި އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު މިިދިޔަ ހަތަރު ދުވަހުވެސް ހުރީ 1،000 މަތީގައެވެ.

ކުރީން ނަގާފައިވާ ބައެއް ސާމްޕަލްތަކާއެކު މިދިޔަ ސައުވީސް ގަޑިއިރުތެރޭ 1467 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ 5،037 ސާމްޕަލްގެ ތެރެއިންނެވެ. މިއަދު ޕޮޒިޓިވް މީހުންނާއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15،003 އަށް އަރާފައެވެ.

އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 290 އަށް އަރާފައެވެ. މިއީ އެންމެ ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ރެކޯޑް އަދަދަކަށް މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިދިޔަ 12 ވަރަކަށް ގަޑިއިރުތެރޭ ހަތަރު މީހަކު މަރުވެފައިވެއެވެ. މިއަދު ފުރަތަމަ މަރުވީ އުމުރުން 86 އަހަރު މީހެއް ކަމަށެވެ. އޭގެ ފަހުން 64 އަހަރުގެ މީހަކުވެސް މަރުވިއެވެ. މި ދެ މީހުންނަކީ ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ދެ ފިރިހެނުންނެވެ.

އެ ފަހުން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އުމުރުން 86 އަހަރުގެ އެ މީހާ މަރުވީ މިއަދު ހެނދުނު 9:05 ގައެވެ. މަރުވެފައިވަނީ ދިވެހި އަންހެނެކެވެ.

އޭގެ ފަހުން މަރުވީ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއަދުގެ ހަތަރު މަރާއެކު ކޮވިޑްގައި ރާއްޖެއިން މަަރުވި މީހުންގެ އަދަދު ވަނީ 91 އަށް އަރާފައެވެ. މިއީ މިއަހަރުގެ 40 ވަނަ ކޮވިޑް މަރެވެ. 2020 ވަނަ އަހަރު ކޮވިޑް ޖެހިގެން މަރުވެފައިވަނީ 51 މީހެކެވެ.