ތޫފާން

ބާރުގަދަ ތޫފާން އުތުރުން ރާއްޖެއާ ދުރަށް

May 15, 2021

އަރަބިކަނޑުގައި އުފެދުނު ބާރު ގަދަ ތޫފާން، "ޓައުޓޭ" -- ބޮނޑުގެ އާއިލާގެ ބާއްވަތެއް -- މިހާރު ދަތުރު ކުރާނީ ރާއްޖެ އާ ދުރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

"ޓައުޓޭ" ގެ ނަން ދެވިފައިވާ މި ތޫފާން މިހާރު ހުރީ ހއ. ތުރާކުނުން ގާތްގަނޑަކަށް 400 މޭލު ދުރުގަ އެވެ. އެ ތޫފާން ދަތުރު ކުރަމުން ދާނީ ރާއްޖެއާ ދުރަށެވެ.

އަރަބިކަނޑުގައި ފުރަތަމަ އުފެދުނީ ކޮޅިގަނޑެކެވެ. އެ ކަނޑުގެ އިރުދެކުނުގައި އުފެދުނު ކޮޅިގަނޑުގެ ބާރު ގަދަވެ ފަހުން ވަނީ ބާރުގަދަ ތޫފާނަކަށް ބަދަލުވެފަ އެވެ.

މެޓުން ބުނީ ރާއްޖެއަށް މިހާރު ގަދަވަޔާއެކު ކުރަމުންދާ ވިއްސާރަ މިރެއިން ފެށިގެން މަޑުވާނެ ކަމަށް ލަފާކުރެވިފައިވި ނަމަވެސް ހުޅަނގު މޫސުމުގެ ސަބަބުން ރާއްޖެއަށް ކުރާ ވިއްސާރަ އެކި ރާއްޖޭގެ ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވެސް ކުރާނެ ކަމަށެވެ.

މެޓުން ބުނާ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން މެދު އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލުގެ ބާރުމިނަށް ވައިގަދަވާނެ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވެސް ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. މޫސުން ގޯސްވާ ވަގުތުތަކުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނާއިރު ދަތުރުކުރާ ފަރާތްތަކުން މިދުވަސްވަރު މޫސުމަށް ސަމާލުކަން ދީގެން ނޫނީ ދަތުރު ނުކުރުމަށް ސިފައިން ގެންދަނީ ތަކުރާރުކޮށް އެދެމުންނެވެ. މިދިއަ ދެވަހު ރާއްޖެއަށް ކުރި ވިއްސާރަގައި ރަށްރަށުގައި ފެން ބޮޑުވެ ގެއްލުންތައްވި އެވެ.