މޫސުން

މޫސުމުގެ އެލާޓް 15 އަތޮޅަކަށް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓުން މޫސުމީ އިންޒާރު ދީފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެއީ މިއަދު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:30 އަށެވެ. ފަނަރަ އަތޮޅަކަން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ.

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެ އެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަ ފޫޓް ހުންނާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.