ލައިފްސްޓައިލް

ދަގަނޑު ފުއްޕާމެއެއް ތެރޭ 70 އަހަރު، ބަޔަކަށް އިބުރަތެއް!

ޕޯލް އެލެކްޒެންޑާ މަޝްހޫރު ވެފައި ވަނީ ދަގަނޑު ފުއްޕާމެއެއްގެ ތެރޭގައިވާ މީހާގެ ނަމުންނެވެ. މި ދަގަނޑު ފުއްޕާމޭ ތެރޭގައި ޕޯލް އޮންނަތާ 70 އަހަރު ވެއްޖެ އެވެ. އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހުގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ޕޯލް އަށް 1952 ވަނަ އަހަރުން ފެށިގެން އަމިއްލައަށް ނޭވާއެއް ނުލެވެ އެވެ. އޭނާ ނޭވާ ލަނީ މި ދަގަނޑު ފުއްޕާމޭގެ އެހީގަ އެވެ.

އުމުރުން އެންމެ ހަ އަހަރުގައި ޕޯލް އަށް ޕޯލިއޯ ވައިރަސް ޖެހި ފަސް ދުވަސް ވަންދެން ކަރުންމަތި ވާގިނެތިފައި އޮތެވެ. އޭނާއަށް ހަރަކާތް ނުކުރެވި ނޭވާ ނުލެވެން ފެށުމުން ހޮސްޕިޓަލަށް ގެންދިއުމުން މަރުވީ ކަމަށް ނިންމި އެވެ. ނަމަވެސް އޭނާގެ ފުރާނަ ނުދާކަން ކުއްލިއަކަށް ޑޮކްޓަރަކަށް އެނގި ޓްރެކިއޯސްޓޮމީ އެއް ހެދި އެވެ. މިއީ ކަރުން ލޯވަޅެއް އަޅައިގެން ނޭވާ ހޮޅިޔަށް ޕައިޕެއް ލައްވައިގެން ހަދާ މެޑިކަލް ޕްރޮސީޖާ އެކެވެ. އަދި ދަގަނޑު ފުއްޕާމެއަކަށް އޭނާ ލައި 18 މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބޭއްވި އެވެ.

މިޗް ސަމާސް ތައްޔާރުކުރި ކުރި ޑޮކިއުމެންޓްރީއެއްގައި ވާހަކަ ދައްކަމުން ޕޯލް ބުނި ގޮތުގައި އެ ޒަމާނުގައި މީހުން އޭނާއާ އެހާ ގަޔައެއް ނުވެ އެވެ. އަދި އޭނާ ކައިރިއަށް އަންނަން މީހުން އެހާ ހިތްހަމައެއް ނުޖެހެ އެވެ.

މިފަދަ ހާލެއްގައި 70 އަހަރު ދަގަނޑު ފުއްޕާމޭގެ ތެރޭގައި އިންސާނަކު އޮންނާނެ ގޮތް ހިތަށް އަރުވާލިޔަސް މީހަކު ހިތް ކުދިކުދި ވާނެ އެވެ.

ދުވާލު ހަތަރުދަމު އޭނާ ކުރަނީ ކީއްތޯ މި ޑޮކިއުމެންޓްރީގައި ޕޯލް އާ ސުވާލު ކުރެ އެވެ. އޭނާ ބުނަނީ އެހެން މީހުން ވެސް ކުރާ ކަންތައްތައް ކަމަށެވެ.

"ހެނދުނު ހޭލައިގެން އަހަރެން ދަތްއުނގުޅާ، މޫނުދޮވެ، ތުނބުޅި ބާލާ ހަދައިގެން ސައި ބޮނީ. އަހަންނަށް ބޭނުން ވަނީ ވަރަށް ކުޑަކުޑަ އެހީތެރި ކަމެއް. ދެން އަހަރެން ފޮތް ކިޔާ ހަދަން. ނޫނީ ކޮންމެވެސް އެއްޗެއް ދަސް ކުރަނީ. ބައެއް ފަހަރަށް ކުލަޖައްސަން އަނެއްބައި ފަހަރު ކުރަހަނީ. ހަމައެކަނި ޓީވީ ބަލަން އަހަރެން ނަފުރަތު ކުރަން،" ޕޯލް ބުންޏެވެ.

ޕޯލް ވަނީ ސްކޫލުގެ ތައުލީމު ނިންމާފަ އެވެ. ނަމަވެސް ކޮލެޖަށް ވަދެވޭ ގޮތެއް ނުވެގެން ދެ އަހަރު ދުވަހު އޭނާ އުޅެން ޖެހުނެވެ. ކޮލެޖަށް ނުވައްދަން އުޅުނު އެއް ސަބަބަކީ ކޮލެޖުގައި ކިޔެވޭ ވަރަށް ވުރެ އޭނާގެ "ނުކުޅެދުންތެރިކަން" މާ ބޮޑު ކަމެވެ. އަނެއް ސަބަބަކީ ޕޯލިއޯ ވެކްސިން ނުޖަހާ ހުރީމަ އެވެ. ނަމަވެސް ދެ އަހަރު ދުވަހުގެ ބުރަ މަސައްކަތުން އޭނާ ވައްދަން ކޮލެޖަކުން އެއްބަސްވި އެވެ. ދެ ޝަރުތަކާ އެކުގަ އެވެ. ފުރަތަމަ ޝަރުތަކީ ޕޯލިއޯ ވެކްސިން ޖެހުމެވެ. ދެ ވަނަ ޝަރުތަކީ އޭނާއާ ޒިންމާ ވާނެ ފްރެޓާނިޓީއެއް ހޯދުމެވެ.
މި ހުރިހާ ޝަރުތެއް ހަމަކޮށް ކޮލެޖުގެ ތައުލީމު ފުރިހަމަ ކުރުމަށް ފަހު މިހާރު ޕޯލް އަކީ ގާނޫނީ ވަކީލެކެވެ. ބާ އެގްޒޭމުން ފާސް ވެގެންނެވެ.

އޭނާގެ އަމިއްލަ ބައޮގްރަފީ ޕޯލް ލިޔެފައި ވަނީ އަނގަޔަށް ގަލަން ޖަހައިގެން އަނގައިންނެވެ. މިއީ އެހެން މީހުން އޭނާގެ ހިތްވަރުން ހިތްވަރު ލިބިގަންނަން ޕޯލް ލިޔުނު ބައޮގްރަފީ އެކެވެ.

"ކޮންމެ ހާލަތެއްގައި މީހާއަށް އުޅެން ޖެހުނަސް، އެމީހާގެ މާޒީ އޮތީ ކޮންމެ ގޮތަކަށް ނަމަވެސް، ނުވަތަ ދިރިއުޅުމުގައި ކުރިމަތިވަނީ ކިތަންމެ ބޮޑު ގޮންޖެހުމެއް ކަމަށް ވިޔަސް، ހަގީގަތުގައި ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ކަމެއް ކުރެވިދާނެ. ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ވިސްނުން އެކަމަކަށް ފޯކަސް ކޮށް ބުރަ މަސައްކަތް ކުރުން،" ޕޯލް ބުންޏެވެ.

މާޒީގައި ދިމާވެފައިވާ ކަންކަމަކީ ނުވަތަ މީހާގެ ގައިގައި ހުރި ބޮޑެތި ނުކުޅެދުންތެރިކަމަކީ އޭނާގެ ކުރިމަގަށް އެޅޭ ހުރެހެއް ނޫންކަން ޕޯލްގެ ވާހަކައިން އޭނާ ވަނީ ދިރިތިބީންނަށް މިސާލު ދައްކާފަ އެވެ.