ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

"ލަވް ޔޫ ޒިންދަގީ" ޒުވާނާގެ މަރުން ސޯނޫ ހިތްހަލާކު!

ކޮވިޑް-19 އާ ހަނގުރާމަ ކުރަމުން ދިޔަ 30 އަހަރުގެ އަންހެނެއްގެ ވީޑީއޯއެއް ދާދިފަހުން އިންޓަނެޓުގައި ވައިރަލް ވިއެވެ. މި ވީޑިއޯ އިން ފެންނަނީ އޮކްސިޖަން މާސްކް އަޅައިގެން ހޮސްޕިޓަލެއްގެ އިމަޖެންސީ ވޯޑުގެ އެނދެގައި އޮކްސިޖަން ގުޅައިގެން މި ޒުވާނާ އިށީނދެލައިގެން އިންދަ އެވެ.

އޭނާގެ ވީޑިއޯ ޝެއާ ކޮށްފައި ވަނީ އޭނާއަށް ފަރުވާކުރި ޑޮކްޓަރެކެވެ. ޑޮކްޓަރު ސޯޝަލް މީޑިއާގައި މި ވީޑިއޯ ޝެއާ ކުރަމުން ލިޔެފައި ވަނީ މިއީ ވަރަށް ހިތްވަރުގަދަ ޒުވާނެއް ކަމަށެވެ. ކޮވިޑް ބައްޔާ އޭނާ ހަނގުރާމަ ކުރަމުން ދަނީ ވަރަށް ހިތްވަރާ އެކުގައި ކަމަށާއި އޭނާ ދައްކަމުންދާ ހިތްވަރަކީ މި ބަލި ތަހައްމަލުކުރާ މީހުންނަށް މިސާލެއް ކަމަށެވެ.

"އަހަރެން ކައިރީ މި ޒުވާނާ އެއް ދުވަހު ބުނި އޭނާ މިއުޒިކް އަޑުއަހަން ބޭނުމޭ. މިއުޒިކެއް ޖަހާދީ ބަލާށޭ. އެހެންވެ އަހަރެން ފޯނުން 'ނެވާ ލޫޒް ދަ ހޯޕް' އަދި 'ލަވް ޔޫ ޒިންދަގީ' ޖަހައިދިނިން،" ޑޮކްޓަރު ލިޔެފައި ވެއެވެ.

ޑޮކްޓަރު ޝެއާކުރި ވީޑިއޯގައި ފެންނަނީ މިޒުވާން އަންހެންމީހާ "ލަވް ޔޫ ޒިންދަގީ" ލަވަ އަޑުއަހަން އިން މަންޒަރެވެ. އަދި ހިތްވަރާ އެކު އެ ލަވަޔަށް ކުޑަކުޑަކޮށް ހަރަކާތްކުރެވޭތޯ ވެސް އޭނާ އުޅޭތަން ފެނެ އެވެ.

ނަމަވެސް މި ވީޑިއޯ ވައިރަލް ވީތާ ދުވަސްކޮޅެއް ފަހުން މި ޒުވާން އަންހެނާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. އިމަޖެންސީ ވޯޑުގައި އައިސީޔޫ އެނދެއްގެ އިންތިޒާރުގައި 10 ދުވަހު އޮތުމަށް ފަހު އެވެ.

އަންހެން މީހާގެ ވީޑިއޯ

އިންޑިޔާ މީހުންނަށް ކޮވިޑް ވަބާގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެކްޓަރު ސޯނޫ ސޫދުގެ ޓުވީޓެއްގައި މި ޒުވާނާ މަރުވި ވާހަކަ ޔަގީން ކޮށްދީފައި ވެއެވެ.

"ވަރަށް ވަރަށް ދެރަވެއްޖެ. އެ ޒުވާން އަންހެނާ ދުނިޔެ ދޫކޮށް އެދިޔައީ އާއިލާގެ އެއްވެސް މީހަކަށް ވެސް އޭނާއާ ބައްދަލުކޮށްލުމުގެ ނަސީބު ނުލިބި. ހަޔާތަކީ ހާދަ ނާއިންސާފު އެއްޗެކޭ. ދިރިއުޅުމުގެ އުންމީދުއޮތް މިފަދަ އެތައް ފުރާނައެއް ގެއްލިގެން ހިނގައްޖެ. މި ވަބާއަށް ފަހު އަހަރެމެންގެ ދިރިއުޅުން ކިތަންމެ ނޯމަލް ވިޔަސް މި މަރުހަލާ ހަނދާން ނައްތައެއް ނުލެވޭނެ،" ސޯނޫގެ ޓުވީޓުގައި ލިޔެފައި ވެއެވެ.

ހަގީގަތުގައި ވެސް ސޯނޫ ބުނީ ތެދެކެވެ. މި ޕެންޑެމިކްގައި ގެއްލިގެންދާ ފުރާނަތަކުގެ ހަނދާންތައް އަހަރެމެން މުޅި އުމުރަށް ވެސް ހަނދާން ހުންނާނެ އެވެ.