ނަޝީދަށް އަމާޒު ކުރި ހަމަލަ

އިންޓެލިޖެންސްގެ އޮޑިޓަށް ހާއްސަ ޓީމެއް، މަސައްކަތް ފަށައިފި

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް އެކަމަށް ހާއްސަ ޓީމެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވައިފި އެވެ.

އެމްއެންޑީއެފް އަދި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެއްދެވުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަން އިއުލާނު ކުރެއްވީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ އެމްއެންޑީއެފް އަދި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެއްދެވުމަށް ޓީމެއް އެކުލަވާލައްވާފައިވާ ކަމަށެވެ. އެ ޓީމު އެކުލަވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ހިމަނުއްވައިގެންނެވެ.

މަބުރޫކު ވިދާޅުވީ އެ ޓީމުގެ މަސައްކަތް ކުރިއަށްދާ ކަމަށާ އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރަކުން އެކަމުގެ މައުލޫމާތު ރައީސް ސޯލިހަށް އެ ޓީމުން އަރުވަމުން ގެންދަވާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓެއް ކުރުމަށް ރއީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޓީމެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ކަމަށެވެ.

އެ ޓީމުން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އޮޑިޓުން ހޯދިފައިވާ ކަންކަން ރައީސްއާ ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހް ކުރީން ވިދާޅުވީ އެވަރު ބޮޑު ހާދިސާއެއް ހިނގާދިޔައިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅިގެން ދިރާސާއެއް ހެއްދެވި ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭ ރިޕޯޓެއް އެމްއެންޑީއެފްގެ ފަރާތުން ވަރަށް އަވަހަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންޓެލިޖެންސް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް ރައީސް ގަބޫލުފުޅު ވެސް ކުރެއްވި އެވެ. އެ ދެ ރިޕޯޓު ބެއްލެވުމަށްފަހު އިންޓެލިޖެންސާއި ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވި އެވެ.

ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އޮޑިޓެއް ހައްދަވަން ފެއްޓެވިއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ރައީސް މުހައްމަދު ނަޝީދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ޑިފެންސް މިނިސްޓަރު އެކަމަށީގެންވާ ފިޔަވަޅު އަޅުއްވާފައިނުވާ ކަމަށް ވިދާޅުވެ ސިޔާސީ ބޭފުޅުންގެ ފާޑުވިދާޅުވުން ޑިފެންސް އާއި މިނިސްޓަރު މާރިޔާއަށް ވަނީ އަމާޒުވެފައެވެ.