ރައްޔިތުންގެ މަޖިލިސް

ސަރުކާރުން އަމަލުކުރަމުންދާ ހުށަހެޅުންތަކުގެ މައުލޫމާތު 241 ކޮމިޓީއާ ހިއްސާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައިވާ ހުށަހެޅުންތަކަށް ސަރުކާރުން އަމަލުކުރަމުންދާ ގޮތުގެ މައުލޫމާތު ކޮމިޓީއާއި ހިއްސާކޮށްފި އެވެ.

ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރިޕޯޓުގައިވާ ހުށަހެޅުންތަކާ ގުޅިގެން ސަރުކާރުން އަމަލުކުރަމުންދާ ހުށަހެޅުންތަކުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސްއަށް ފެނިވަޑައިގަންނަވާތީ އެކަމާ ގުޅޭ ގޮތުން ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ.

އެ ކަރުދާހުގައިވާ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަކީ ހަމައެކަނި ކޮމިޓީގެ މެމްބަރުންނާ ހިއްސާކުރަން ބޭނުންވާ މައުލޫމާތު ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަންވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އެހެން ވިދާޅުވުމަށްފަހު އެ ކަރުދާހާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރުމަށް މިއަދުގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު އަދ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައި އޮތީ ވަރަށް ސާފުކޮށެވެ.

މީގެއިތުރުން 271 ސަފްހާގެ މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.

ރިޕޯޓުގައިވާ ޖުމްލަ 45 ހުށަހެޅުމުގެ ތެރެއިން 38 ހުށަހެޅުމަކަށް އަމަލުކުރަމުންދާ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ގޮތް ކޮމިޓީން ގާތުން ބަލައި ފިޔަވަޅު އެޅުމަށް ބާރު އަޅުއްވާނެ ކަމަށް އިންކުއަރީ ކުރިއަށް ގެންދިޔަ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް އޮތީ ކުރިންވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އިންކުއަރީ ރިޕޯޓަށް ފިޔަވަޅު އެޅުމާއި އަދި އަޅަމުންދާ ފިޔަވަޅުތައް ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރުމަށް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.