ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހަރުކަށި ފިޔަވަޅާއެކު ކާފިއު އިތުރު 14 ދުވަހަށް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ރާއްޖޭގައި އެޅި ފިޔަވަޅުތައް ދެ ހަފްތާއަށް އިތުރުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެއި މަހުގެ ތިންވަނަ ދުވަހު އެޅި ފިޔަވަޅުތައް ދެ ހަފްތާގެ މުއްދަތަށް އިތުރުކުރާ ކަމަށެވެ.

ފިޔަވަޅުތަކަށް ބަދަލު ގެނައުމަށް ފަހު މި މަހުގެ ތިންވަނަ ދުވަހު ނެރެފައިވާ އެންގުމުގައި ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގާނެ ކަމަށެވެ. ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައެޅުމުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ނިންމާދފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނަލެވެ.

އެ އެންގުންތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

ކޮވިޑް މަރު 94 އަށް، އަހަރުގެ 43 ވަނަ މަރު

ކޮވިޑްގައި މިދިޔަ 24 ގަޑިއިރުތެރޭ ތިން މީހަކު ވަނީ މަރުވެފަ އެވެ. އިއްޔެ ވަނީ ފަސް މީހަކު މަރުވެފައެވެ.

މި މަހުގެ މަރުގެ އަދަދު ވަނީ 21 އަށް އަރާފައެވެ. މިއީ މި އަހަރުގެ 43 ވަނަ މަރެވެ. މިދިޔަ އަހަރު ކޮވިޑްގައި މަރުވެފައިވަނީ 51 މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިދިޔަ ހަތަރު ދުވަހު ޕޮޒިޓިވް ނަންބަރު ހުރީ ހާހުން މަތީގައެވެ. ބައެއް ދުވަސް ދުވަހު 1500 އިން މައްޗަށްވެސް ނަންބަރު އަރައެވެ. 1400 އާއި 1200 މީހުންވެސް ޕޮޒިޓިވްވެފައިވެއެވެ. ނަންބަރު ހާހުން މަތީގައި ހުރީ ބެކްލޮގެއް އޮތުމުންނެވެ. ނަމަވެސް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ހުރީ 800 އިން މަތީގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ ފަސް ސާމްޕަލަކުން އެއް ސާމްޕަލް ޕޮޒިޓިވްއެވެ. އާންމުކޮށް ކޮންމެ ދުވަހަކު ރާއްޖޭގައި ޓެސްޓް ކުރަނީ 5،000 ސާމްޕަލް އެވެ. އޭގެތެރެއިން ހާހެއްހާ މީހުން ޕޮޒިޓިވްވާއިރު އެއީ ކޮންމެ ފަސް ސާމްޕަލަކުން އެއް ސާމްޕަލް އެވެ. އެ ނަންބަރު އެއަށްވުރެވެސް މައްޗަށް ދާ ދުވަސްތައް ގިނައެވެ.

  • މެއި 8 - 509 މީހަކު ޕޮޒިޓިވް
  • މެއި 9 - 1091 މީހަކު ޕޮޒިޓިވް
  • މެއި 10 - 1204 މީހަކު ޕޮޒިޓިވް
  • މެއި 11 - 1501 މީހަކު ޕޮޒިޓިވް
  • މެއި 12 - 1572 މީހަކު ޕޮޒިޓިވް
  • މެއި 13 - 1216 މީހަކު ޕޮޒިޓިވް
  • މެއި 14 - 1467 މީހަކު ޕޮޒިޓިވް

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،666 މީހުންނެވެ. މިހާތަނަށް 28،013 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 260 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.