ވާހަކަ

ހީނލާގޮތުން

(10 މެއި 2021 އާ ގުޅޭ)

"އެތަނުން ނޯޔާ އުޅޭ ބައެއް އެނގޭނަމަ." މިދުހަތު ހިތަށް އެރި އެވެ. އޭނާ ދުރުގައި ހުރެ މީހަކު އެގެއަށް ފޮނުވަން މިދުހަތުގެ ހިތަށް އެރިއެވެ. ނޯޔާއަށް ހަދިޔާ ދީފައެވެ. ޔަގީނުން ވެސް އޭރުން އެގޭގައި ނޯޔާ އުޅޭ ބައެއް ހޯދި ދާނެ އެވެ. ސީދާ އޭނާ ވަންނަން މަސައްކަތް ކުރަނިކޮށް ހުރިހާ ކަމެއް ގޯހުން ގޯހަށް ހިނގައިދާނޭކަމުގެ ފުރުސަތު މާބޮޑެވެ. އެ ގޭގައި އަސްލަން އާއި އަރީން އުޅޭ ފަންގިފިލާއެއް ނޭނގެ އެވެ. ހުރިހާ ފަންގިފިލާއެއްގައި އުޅެނީ އާއިލާގެ މީހުން ނޫންކަމާއި ބައެއް ބައިތަށް ހުންނަނީ ކުއްޔަށް ދީފައިކަން މިދުހަތަށް އެގެ އެވެ. ވީއިރު ނޯޔާއަކީ އެގޭގައި ކުއްޔަށް އުޅޭ އަންހެންކުއްޖަކަށް ވެދާނޭ ހީކުރީ މިދުހަތު ހިތު އަޅައިގެން އުޅޭ އެދުން ފުރިހަމަ ކުރުމަށް އެންމެ ފަސޭހަވާނީ އެގޮތް ވީމަ އެވެ. އެ ނޫން ހިޔާލު ތަކަކުން ސިކުނޑިއަށް ތުރާތަކެއް ދިނުމުގެ ވިސްނުމެއް ނެތެވެ. އެހެންވިޔަސް އަރީންނާ ގުޅުން ބަދަހިވަމުން އައިއިރު އޭނާގެ ގާތުން އެގޭގައި އުޅޭ މީހުންނާ ބެހޭ ގޮތުން ކުރީން އޮޅުން ފިލުވާލެވުނު ނަމައޭ މިދުހަތު މިހާރު ހިތަށް އަރައެވެ. އަދި އޭރު މިދުހަތު ހޯދަން އުޅުންނަމަ އަރީންގެ ފަރާތުން އެ މަޢުލޫމާތު އޮންނާނީ އެނގި ސާފުވެފަ އެވެ. އަރީން ހުރީ އޭނާ އެދެފި ކޮންމެ ކަމެއް ކުރާން ތައްޔާރަށް ވިއްޔާއެވެ. ފޯނަށް ބަލަމުން މިދުހަތު އެ ގޭ ދޮށުން ހިނގައިގަތެވެ. އޭނާ ކޮންމެވެސް މީހަކަށް ގުޅީއެވެ. ހިތުގައިވީ ރޭވުން ކާމިޔާބު ކުރުމަށްކަން ޔަގީނެވެ.

އަރީނާއި ދެމެދު ހިނގައިދިޔަ ކަންތަކުގެ ހައްލަކީ ކޮބައިކަން މިދުހަތު ވަނީ ވަރަށް ރަނގަޅަށް އަރީނަށް ސާފު ކޮށްދީފަ އެވެ. ކައިވެނި ކުރެވެން ނެތްކަން ޔަގީން ކަމާއެކު ބުނެފަ އެވެ. އޭގެ ފަހުން އަރީންގެ ޚަބަރެއް ނުވެއެވެ. އޭނާ އަމިއްލައަށް ހައްލެއް ހޯދީ ކަމުގައި މިދުހަތުގެ ހިތް ބުނެ އެވެ. އަދި ނުހޯދި ކަމުގައި ވިޔަސް އޭނާއަށް ވަރިހަމަ އެވެ. އިއްޔެވީ ކަމެއް އިއްޔެއަށް ދޫކޮށްލީ އެވެ. ބޭކާރު ވިސްނުންތަކަކުން ސިކުނޑި ބަރާ ކުރުމަކީ އޭނާގެ އުސޫލެއް ނޫނެވެ. މިވަގުތަށް ނަސީބުގެ ވެސް ހުރީ އޭނާއާއެކު ކަމަށްވީމައެވެ. ހީކުރި ވަރަށްވުރެ މާ ބޮޑަށް ވެސް ބެދެން އައި މަޅީގެ ތެރެއިން އޭނާއަށް ބޯދަމައިގަނެވިއްޖެ އެވެ.

* * * * *

ފޯނުގައި ހުރެފައި އެނބުރިލި ނޯޔާއާ ސޯފާގައި އިން އަސްލަންއާ ހަތަރު ކަޅި ހަމަވި އެވެ. ބެލްކަނީގައި ފޯނުގައި ނޯޔާ ހުރިއިރު އަސްލަން އެ އިނީ އޭނާއަށް ބަލަންކަން އެނގުނެވެ. ފޯނުކޯލު ނިންމާލާފައި އައިސް އަސްލަންގެ ކައިރީ ނޯޔާ އިށީނެވެ.

"ޔަޝާއަށް ގުޅާލީ... އޭނާގެ ޚަބަރެއް ނުވެގެން، މިއަދު އައިސް ބަލާށޭ ބުނިން." ނޯޔާ ވާހަކަ ދެއްކި އެވެ.

"އެއީ އަހަރެން ދެކެ ރުޅި އަންނަ ފްރެންޑް ދޯ" އަސްލަން ބުނެލި އެވެ.

"އެއީ ބޭކާރު ރުޅިއެއް، އޭނާއަށް އަދި ވިސްނޭނެ." ނޯޔާ މާނަވީ ލުއި ހިނިތުންވުމެއް ދިނެވެ.

"ނޯޔާގެ ބެސްޓް ފްރެންޑް ދޯ." އަސްލަންއަށް ޔަގީން ކުރެވުނަސް އަހާލި އެވެ.

"ބުނެވިދާނެ އެހެން، ޔަޝާއަކީ ވަރަށް ނައިސް ވާނެ. އެންމެ ގިނަދުވަހު އަހަރެންގެ ރައްޓެއްސެއްގެ ގޮތުގައި ހުރީ އޭނަ... އަސްލަންގެ ބެސްޓް ފްރެންޑެއް ހުރޭތަ؟" ނޯޔާ އެނގެން ބޭނުންވި އެވެ.

"ބެސްޓް ފްރެންޑް. މިހާރު އެ ނަމުގައި ރައްޓެއްސެއް ނުހުންނާނެ... އެކަމަކު އިތުބާރު ކުރެވޭ މީހެއްގެ ގޮތުގައި ކައިރީގަ އެންމެ ދުވަސްވީ މީހަކީ ހުސެން."

"ދެން ލޫނާ..." ހުސެންގެ ނަން އިވުމާއެކު ނޯޔާގެ ސިކުނޑިއަށް ލޫނާގެ ނަން ވަނީ އެވެ. ވަގުތުން އަސްލަންއާ އަމާޒުކޮށް ސުވާލުގެ ތީރު ނޯޔާ އެއްލައިފި އެވެ. އަނބިމީހާ އެއްލި ތީރު އަސްލަން ހިފިއިރު އެ މޫނުން ފާޅުވެލީ ލުއި ހިނިތުންވުމެކެވެ. ފަރުވާތެރިކަމާއި ލޯތްބާއެކު އެ ދެ ލޮލުން ނޯޔާއަށް ބަލަން އިނދެއެވެ.

"އޭނާ ދޯ... އެވެސް ރައްޓެއްސެއް. އެކަމަކު އަހަރެންނަށްވުރެ ބޮޑަށް މައިރާގެ ރައްޓެއްސެއް. އަހަރެން ދުށީ އެފަދައިން. ދެ މީހުން މަސައްކަތް ކުރަން ޖެހިފައި އޮތީ އެއްތާކު... ނޯޔާ!... ވީ އާ ޖަސްޓް ފްރެންޑްސް." އަސްލަންގެ އަޑުގައިވީ އޭނާ ބުނާ އެއްޗެއް ޤަބޫލު ކުރާށޭ ބުނާ ފަދަ އާދޭހެކެވެ. ނޯޔާގެ ހިތުގައި ވަހުމްތަކެއް އުފެދޭކަށް އަސްލަން ނޭދެ އެވެ. އެވަރުގެ ހިރާސެއް އޭނާ ނުނަގާނެ އެވެ.

އަސުރުން ފައިބައިގެން ހަވީރުގެ ސަޔަށް ނޯޔާ ތައްޔާރުކުރި ބާވަތްތައް ހިފައިގެން ސަބީނާގެ ބަޔަށް އައެވެ. އަރީން އެއްގޮތަކަށް ވެސް އެޕާޓްމެންޓުން ނުނިކުންނަންކަން އެންމެންނަށް އެނގެ އެވެ. ސަބީނާ ކާއެއްޗެހި ހިފައިގެން ކޮންމެ ފަހަރަކު ޖެހެނީ އެބަޔަށް ދާށެވެ. ޑަކްޓަރަށް ދައްކަންދާން އަރީން ޖެހޭނެކަން ސަބީނާ ދެއްކީ ނޯޔާގެ ގާތުގަ އެވެ. މަންމަ ބުނެބުނެ ވަރުބަލިވެއްޖެ ކަމެވެ. ބަނޑުބޮޑުކަން ޢާއިލާއަށް އެނގުނު ފަހުން ވެސް އަރީން އެ އޮންނަނީ ގޭގައިކަން ސަބީނާ ފާހަގަކުރި އެވެ. ސަބީނާއާއެކު އަރީންގެ ބަޔަށް މިއަދު ވެސް ނޯޔާ އައެވެ. އެޕާޓްމެންޓަށް ދެ މީހުން ވަނަސް އަރީން ވާހަކައެއް ނުދައްކަ އެވެ. އިރުކޮޅަކު އިނދެލާފައި ނޯޔާ އެބައިން ނުކުންނަނީ އަރީންނާއެކު ސަބީނާއަށް ވަގުތު ދީފަ އެވެ. އެއްގޮތަކަށް ވެސް ނޯޔާއާ މެދު އަރީން ހިތްހަމަނުޖެހޭކަން ޚުދު ނޯޔާއަށް ޔަގީން ކުރެވެ އެވެ. އެހެންވިޔަސް އެ ހިތްހަމަނުޖެހުން ގުޅިފައިވަނީ ކޮންކަމަކާކަން ދެނެގަންނާކަށް ނޯޔާއަކަށް ނޭނގެ އެވެ.

ޔަޝާ އަންނަން ވާއިރަށް ކާމޭޒުމަތީ ނޯޔާ ތަށިތައް އަތުރާލި އެވެ. ކުދީންނާއި ފިރިމީހާއަށް ސައިދީ ނިންމާލި އެވެ. އޭނާ ސައިނުބޮއެ މަޑުކުރީ އެކުވެރިޔާ އައުމުން އޭނާއާއެކު ސައިބޯށެވެ. ސަބީނާގެ ކަންބޮޑުވުމުގެ ވާހަކަ އަސްލަންއާ ހިއްސާ ކުރީ ސައި މޭޒު ދޮށުން ކުދީން ދިޔައިމަ އެވެ. އަންހެނުންގެ ޑަކްޓަރަކަށް އަރީން ދައްކަންވެއްޖެކަން ނޯޔާ ބުންޏެވެ. މާބަނޑު ދުވަސްވަރު އިތުރު ސަމާލު ކަމެއް ހަށިގަނޑަށް ދޭންވާނޭ ކަމެވެ. ރަނގަޅަށް ނުކާއިރު ބަނޑުގައި ހެދިބޮޑުވަމުން އަންނަ ދަރިފުޅަށް ބޭނުންވާ ކާނާއާއި ވިޓަމިން ހަމައަށް ނުލިބިދާނޭތީ ނޯޔާ ކަންބޮޑުވުން ފާޅުކުރި އެވެ. އަސްލަން އިސް ނަގަނިކޮށް އަރީން އެއްބަސް ވެދާނޭކަން ނޯޔާ ބުންޏެވެ. އަނބިމީހާގެ ވާހަކަ އަސްލަން އަޑުއެހި އެވެ. އެކަމާމެދު އޭނާ ވިސްނި އެވެ.

ޔަޝާ އޮފީހުން ނިމިގެން އާދެވޭއިރު ހުންނާނީ ފަސްގަޑި ބައިވެފައި ކަމުގައި އޮތީ ބުނެފަ އެވެ. އަސްލަން ނުކުތީ އަނުމް ގޮވައިގެން ހަވީރު ފިނީގައި ދުއްވާލުމަށެވެ. ކުދީން ގޮވައިގެން ބޭރަށް ނުދެވޭތާ ގިނަ ދުވަސްވެއްޖެކަން އެނގޭތީ އެވެ. ދެން ތިބި ދެބެން ވެސް ތިބީ ދުއްވާލަން ދާން ބޭނުންވެފަ އެވެ. އެހެންވެ އަސްލަން ނުކުމެގެން ދިޔައީ އެކުދީން ބަލާ އަންނާނޭ ކަމުގައި ބުނެފަ އެވެ.

ދެބެން ރީތިކޮށްފައި ނުކުމެ ސޯފާގައި ނޯޔާ އެ ކުދީންނާއެކު އިނެވެ. ހުޅުވާފައި ހުރި ޓީވީއިން އެކުދީން ބަލާ ކާޓޫނު އާދެ އެވެ. އެ ބަލަން ނޯޔާ ވެސް އިނީއެވެ. އަނުމް ގޮވައިގެން ދުއްވާލާފައި އަސްލަން އައެވެ. އެޕާޓްމެންޓުގެ ދޮރުމަތިން ނޯޔާގެ އަތަށް އަނުމް ދިއްކޮށްލުމާއެކު އޭނާ އެނބުރި ހިނގައިގަތީ މަލްސާ ގޮވައިގެންނެވެ. ހުޅުވުނު ލިފްޓުން ރިދާން ނުކުތީ އެވަގުތެވެ. މަލްސާ އޭނާގެ ގާތުގައި ދުއްވަން ދާން ބުނެލި އެވެ. ރިދާން ވަގުތުން އެއްބަސްވުމުން ގޭތެރޭގައި އިން ސާރާއަށް ބައްޕަ އަންނަންދެން މަޑުކުރާކަށް ނުޖެހުނެވެ. ޔަޝާ އައީ އެމީހުން އެ ދެބެން ގޮވައިގެން ދުއްވަން ގޮސްވީ ވަގުތެވެ.

"ހާދަ ބިޒީއޭ މީނަ މިހާރު." އެތެރެއަށް ޔަޝާ ވަނުމުން ދޮރުލައްޕަމުން ނޯޔާ ވާހަކަ ދެއްކި އެވެ.

"ނޯޔާ ވެސް ޖޮބަށް ދާނަމަ އެނގޭނީ." ޔަޝާ ބުނެލި އެވެ.

"އެއްކަލަ މީހާ... އަދޭ ސައިބޯން. އޭރުން ތި މޫޑު ރަނގަޅު ވެދާނެ. މިގެއަށް އަންނައިރު އަބަދު ޔަޝް ހުންނަނީ ރުޅި ގަދަ ވެފަ. އެހެން ނުހުރެބަލަ... އެނގޭތަ! އަހަރެން އަލަށް ގިތެޔޮ ބޯކިބާ އެޅީ. ޔަޝާއަށް ޓަކައި... ރަހަބަލަން ވާނެ. މަންމަ އަޅާ ބޯކިބާއާ އެއްވެސް ތަފާތެއް ނުހުންނާނެ." ވައަތްފަރާތު އަތުތެރޭ އަނުމް އިންއިރު އަނެއް އަތުން ޔަޝާގެ އަތުގައި ހިފާލައިގެން ހުރެ ކާމޭޒު ދޮށަށް ނޯޔާ އައެވެ.

"އަން! އުރާލަބަލަ... މީ ވަރަށް ބަސްއަހާ ބޭބީއެއް." ޔަޝާއަށް އަނުމް ދިއްކޮށްލަމުން ނޯޔާ ބުނެލި އެވެ. އެ ކުޑަކުޑަ މޫނަށް ޔަޝާ ބަލާލި އެވެ. ކުޑަކުދީންނާ ހެދި ޔަޝާ ވަރު ހުންނަކަން ނޯޔާއަށް އެނގެ އެވެ. އޭނާގެ ދައްތަ ނެހާގެ ތުއްތު ކުއްޖާ އުރާ ބޮސް ދީ ލޯބިކޮށް ހަދާވަރު ނޯޔާއަށް ހުރީ ފެނިފަ އެވެ. މިއަދު ނޯޔާގެ އަތުތެރޭން ނެރެ އެންމެ ގާތް އެކުވެރިޔާއަށް އަނުމް ދިއްކޮށްލީ އަމިއްލަ ދަރިފުޅު ދިން ފަދައިންނެވެ. ނޯޔާ ދިއްކޮށްލުމުން ޔަޝާ އެކުއްޖާ އުރާލީ ނޫނެކޭ ބުނަން ނުކެރިގެން ކަހަލަ އެވެ. ނޯޔާ ދުރަށް ޖެހިލަންވާއިރަށް އެ ކުޑަކުޑަ ދަރިފުޅު ކަންބޮޑުވެ މަންމައަށް ގޮވާފަދައިން ގޮވަން ފެށި އެވެ. އެ މަންޒަރުން ޔަޝާ ހައިރާންވެ އަޖައިބުވި އެވެ. އެކުއްޖާ ފުރިހަމަ ލަފުޒުތަކެއް ބޭނުން ނުކުރި ނަމަވެސް މަންމާއޭކަން އެ ގޮވަނީ އަޑު އަހަން ހުރި ކޮންމެ މީހަކަށް ސާފުވާނެ އެވެ. އެހެން މީހެއްގެ ދަރީން ތަކެއްގެ މަންމައަށް އެކުވެރިޔާވެ ނިމިއްޖެޔޭ ޔަޝާ ހިތަށް އެރި އެވެ.

"ލައްބަ ދަރިފުޅު. މީ މަންމަގެ ބެސްޓް ފްރެންޑް... މިވެސް ތި ކުދީންގެ އާންޓީއެއް... ލޯބިލޯބި އާންޓީއެއް." ހިނިއައިސްފަ ހުރެ ނޯޔާ ވާހަކަ ދެއްކި އެވެ. އޭނާ ކުރިން ތައްޔާރުކޮށްފައި ހުރި ސައިޖަގުން ޖޯޑަށް ސައި އަޅަމުންނެވެ. ނަމަވެސް އަނުމް ގަޔާވާ ގޮތެއް ނުވިއެވެ. ބޮޑެތި މީހުންގެ ހިތް ދެނެގަންނަން ކުޑަކުދީން މޮޅުވާނޭ ބުނެ އެވެ. ޔަޝާ ގަޔާ ނުވެފައި އިންކަން އަނުމްއަށް އެނގުނީ އެވެ. މަންމަގެ ގާތަށް ދާން އެކުއްޖާ ކުސްތަޅަނީ އެހެން ވެއެވެ.

އެކުވެރިޔާގެ ގާތުގައި ނޯޔާ އެތައް ވާހަކައެއް ދެއްކި އެވެ. އެކަމަކު އެއްފަހަރު ވެސް ގޭތެރޭގެ ހަލާތާއި ދިރިއުޅުމުގެ ހާލަތު ހިއްސާއެއް ނުކުރެއެވެ. ކުދީންގެ ފަރާތުން ފެންނަ އެކިއެކި މަޖާ ކަންކަމުގެ ވާހަކަ ކިޔައިދީ ހީނ ހެދި އެވެ. އެ މޫނުން ފާޅުވާ ހިނިތުންވުމާއި ވާހަކަ ދެއްކުމުގައި ހުރި އުފާވެރިކަން ޔަޝާއަށް ކަމެއް ބުނެދިނެވެ. ދިރިއުޅުމާމެދު ނޯޔާ ހިތްހަމަޖެހި އެކަމަށް އާދަވެފައި ހުރި ކަމުގެ ހެއްކެވެ.

ސައިގެ ކަންކަން ނިމި ޔަޝާ ގޮވައިގެން ނޯޔާ އައިސް ސޯފާގައި އިށީނެވެ. އެތަނުގައި ބަހައްޓާފައި ހުރި ހެއްލޭ ކޮށީގެ ތެރެއަށް އަނުމް ލާފައެވެ. ވާހަކައެއް ބުނަން އުޅޭ ފަދައިން ނޯޔާއަށް ޔަޝާ ގޮވާލި އެވެ. ނަމަވެސް އޭނާ ހިމޭންވީ އެޕާޓްމެންޓުގެ މައިދޮރު ހުޅުވުނީމަ އެވެ. އެތެރެއަށް ވަނީ އަސްލަނާއި ރިދާނެވެ. އާދައިގެ މަތިން އެންމެންގެ އަޑަށްވުރެ މަލްސާގެ އަޑު ބާރެވެ. ޔަޝާ ފެނި އެ ދެ މީހުން ވެސް ހިނިތުންވެލި އެވެ. ރިދާން މަޑެއް ނުކުރި އެވެ. އޭނާ ވަން ދޮރުން ނުކުމެގެން ދިޔައީ އެވެ. އަސްލަން މިސްރާބު ޖެހީ ކޮޓަރިއަށެވެ. ދަމުން ދިޔައީ ދެބެން ވެސް ގޮވައިގެނެވެ.

"ރިއާން ދޯ އެއީ." ދޮރާ ދިމާއަށް ބަލަން އިނދެފައި ޔަޝާ އަހާލި އެވެ.

"ރިދާން. ފެނިފަ ހިތަށް ގޮތެއްވީތަ؟" އެކުވެރިޔާގެ ގާތުގައި ނޯޔާ ލާނެތްވެލި އެވެ.

"އޭނާއާ އިންނަމަ. އެވެސް މިގޭ ކުއްޖެއް... ފިރިހެންވަންތަ، ސިފަ ރީތި، ސްމާޓް ފިރިހެނެއް." އިރުކޮޅަކު އިނދެފައި ޔަޝާ ބުނެލި އެވެ. ވެރިވި ހައިރާންކަމުގެ އަސަރުން ނޯޔާގެ މޫނު ހުދު ވެގެން ދިޔަ އެވެ. ކައިވެނީގެ ކުރީކޮޅު ޚުދު ނޯޔާއަށް ވެސް ފެނުނީ އެ ޢާއިލާއިން ފާހަގަ ކުރެވުނީ ރިދާނެވެ. ހިތް ރުހޭ ސިފަތަކެއްގެ ވެރިއަކަށް ރިދާނު ވެއެވެ. ނަމަވެސް ރިދާނުގެ މައްޗަށް އުފެދުނު އިހްސާސާއި ޖަޒުބާތުތައް ފިނިވެ ނެތިގެން ދިޔައީ އަސްލަންގެ މައްޗަށް ހިތް ޖެހުނު ހިނދުންނެވެ. މިހާރު އެ ހިތާއި ފުރާނައިގެ ބައިވެރިޔާ ކަމުގައި އަސްލަން ވެއްޖެ އެވެ. އެހާ ފުން ސާފު ލޯތްބެއް އަސްލަންގެ މައްޗަށް ނޯޔާގެ ހިތުގައި ހިނގައެވެ.

"އަދިވެސް ޔަޝާއަށް ނުވިސްނޭތެ؟. ގޮތް ދޫ ނުކުރަން ވެގެންތަ ތިކަހަލަ އެއްޗެހި ތި ބުނަނީ. އަހަރެން މީ އަސްލަންގެ އަނބިމީހާ." ހިތުގެ އެންމެ ފުނުން ނުކުތް އާހެއް ފަދައިން ނޯޔާއަށް ޝަކުވާ ކޮށްލެވުނެވެ.

ކޮޓަރީގައި އިނުމުގެ ބަދަލުގައި އެނދުމަތިން އަސްލަން ތެދުވި އެވެ. އައިޕެޑްއިން ދެބެން ވީޑިއޯ ބަލަން ތިބިތަން ބަލާލި އެވެ. އޭނާ ފިޔަވަޅު އަޅާލީ ކޮޓަރިން ބޭރަށެވެ. ގަސްދުކުރީ އަނބިމީހާގެ އެކުވެރީންނަށް އިޚްތިރާމުކޮށް އެކުވެރިކަން ބޭއްވުމަށެވެ. މިހާތަނަށް އޭނާ ކަންތައްކުރީ ހިލަމެއް ވެލާއިރަށް ފިލައި ހޮރަށް ވަދެ އޮންނަ ކަކުންޏެއް ފަދައިންނެވެ. އެގޮތް ދޫކޮށް އަސްލަން ގަސްދުކުރީ އެވެ. ނޯޔާގެ ކޮޓަރިއާ ހަމައަށް އަސްލަންއަށް އާދެވުނުއިރު ސޯފާގައި ދެ އަންހެން ކުދީން ތިބި ގޮތް ފެނުނެވެ. ބެލްކަންޏާ ކުރިމަތި ވާނޭ ހެން ހުރި ސޯފާއިން އަސްލަންއަށް ފެންނަނީ ދެ އަންހެން ކުދީންގެ ފުރަގަހެވެ. ކިރިޔާ ދެ ކޮނޑުން މައްޗެވެ. އޭނާ އަންނަކަމުގެ ހިލަމެއް އެމީހުންނަށް ނުވާނެކަން ޔަގީނެވެ. ނަމަވެސް އަސްލަންގެ ފިޔަވަޅު މަޑުޖެހުނެވެ. ޔަޝާއާއި ނޯޔާއާ ދެމެދު ދެކެވޭ ވާހަކަ ސާފުވީ އެވެ. ހަމައެއާއެކު ޔަޝާ ދެންމެ ދުލުން ބޭރުކޮށްލި ބަސްތައް ހާރަކަށް އެމުނިގެތެމުން ދިޔަ މިނާފުއްތަކެއް ފަދައެވެ. އެ ޖުމްލަތައް އަސްލަންގެ ކަންފަތުގައި ގުގުމާލި އެވެ. މެޔަށް ބަރުކަމެއް އިހްސާސް ކުރުވިއެވެ.

"އަނބިމީހާއަށް ވަގުތު ދިނުމަކީ ގޭގައި ލޯ ކުރިމަތީ ހަމައެކަނި ފެންނަން ހުރުމެއް ނޫނޭ. ތި ބޮލުގައި ތެތްކަމެއް ވެސް ނެތީތަ މިހާރު؟. އޭނާ އެއްފަހަރު ވެސް ނޯޔާ ގޮވައިގެން ބޭރަށް ދިޔަތަ؟ ދާން ބުނެލިތަ؟ ކޮފީއަކަށް ނޫނީ ކުޑަމިނުން ސައިކަލުގައި ބުރެއް ޖަހާލަން ދިޔައީންތަ؟... މައި ޑިއާ. އޭނާ ނޯޔާގެ މައުސޫމް ކަމާއި ނައީވްކަމުން ފައިދާ ނަގަނީ."

"ޔަޝް... ސްޓޮޕް. ޕްލީޒް ސްޓޮޕް." ކައިރީގަ އިން ޔަޝާގެ އަތުގައި ހިފާލުމާއެކު ނޯޔާއަށް ބާރުކޮށްލެވުނެވެ. އެ ވާހަކަތަކުން ކުއްލިއަކަށް ހިތަށް ވެރިވާން ފެށި ނުތަނަވަސްކަމެއްގެ ބޮޑު ކަމުންނެވެ. އެ ވާހަކަތައް ނޯޔާގެ ހިތާއި ސިކުނޑީގައި ނުބައި ހިޔާލުތަކެއް އުފަން ކުރުވަފާނެކަމުގެ ބިރަށެވެ.

"އައި އޭމް ހެޕީ... އަސްލަން ގޯހެއް ނޫން، އެއީ ރަނގަޅު މީހެއް، އޯގާތެރި ފިރިއެއް. މީނދަ ކުޑަކުޑަ ކުއްޖާ އާއި ދެން ތިބި ދެކުދީންނަކީ އަސްލަންގެ ފުރާނަ. އޭނާ ގެއިން ނުކުމެގެން އެދަނީ އޭނާގެ ފުރާނަ އަހަރެންގެ އަތްމައްޗަށް ދޫކޮށްފައި. އަހަރެންގެ ގޮތް އޭނާއަށް ނޭނގުނަސް. އަސްލަން އަހަންނަށް އިތުބާރު ކުރޭ... އަނބިމީހާއަށް އެންމެ މުހިންމު އެއްޗަކީ އޭނާގެ ފިރިމީހާގެ އިތުބާރު. އަދި އަހަރެން ބަލިވި ދުވަހު އަހަރެންގެ މައްޗަށް ހެޔޮ. އޯގާތެރި ފިރިއެއްކަމުގައި އަސްލަންވި. ޕްލީޒް ޔަޝާ. ދެން ތިކަހަލަ އާރެއް ނެތް ވާހަކަތަކެއް ނުދައްކާތި. އައި ލައިކް ހިމް. އެ ފިރިމީހާ އާއި މިތަނުން އެއްވެސް ކުއްޖަކު ދޫކޮށެއް ނުލާނަން. އޭނާގެ ދަރީންނަށްވީ ފަދައިން މިހާރު އެއީ އަހަރެންގެ ވެސް ދަރީން. ތީ އަހަރެން ވަރަށް ލޯބިވާ އެކުވެރިޔެއް، އެހެންވިޔަސް މިގެއަށް އަހަރެންގެ ގާތަށް އައުމަކުން މިހާރު ތި އެކުވެރިޔާއަށް އުފާވެރިކަމެއް ނުލިބޭ. އަހަރެންގެ ދިރިއުޅުމާމެދު ހެޔޮ ބަހެއް ނުބުނެވޭ. އަހަރެންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ނުފެންނަހާ ޤާފިލްވެއްޖެ... މިގެއަށް އަންނާން..."

ކުއްލިއަކަށް ނޯޔާގެ ވާހަކަ ހުއްޓާލީ އެވެ. އެމީހުންނަށް ހިލަމެއްވީ އެވެ. ނޯޔާ ސޯފާއިން ކުޑަކޮށް ތެދުވެލި އެވެ. ހަމައެފަދައިން ޔަޝާ ވެސް ތެދުވެއްޖެ އެވެ. ނޯޔާގެ ނަޒަރު ދަތުރުކުރި ދިމާއަށް އޭނާގެ ލޯ ހިންގާލި އެވެ. ދެ އަންހެން ކުދީންނަށް ފެނުނީ އަސްލަން ނުކުންނަން އައިތަނެވެ.

"ނަމާދަށް..." ދޮރު ހުޅުވާލާފައި ނޯޔާއަށް ބަލާލަމުން އަސްލަން ބުންޏެވެ. ދެން ނިކަން އަވަހަށް ނުކުމެއްޖެ އެވެ. އޭނާގެ ހިތް އުފަލުން ފުރި ބަންޑުންވަނީ އެވެ. ޔަޝާ ގާތު ނޯޔާ ދެއްކި ވާހަކައިންނެވެ. އެއީ ތެދެކެވެ. އޭނާ ނޯޔާއަށް ވަރަށް އިތުބާރު ކުރެއެވެ. އޭނާއާ ދުރަށްދާން ނޯޔާ ބޭނުންނުވާއިރު އަސްލަންގެ ހިތުގެ އެދުމަކީ ވެސް އެއީ އެވެ.

ދެ އެކުވެރީންގެ ދެމެދު ދެކެވުނު ވާހަކަ އަސްލަންއަށް އިވުނު ކަމާމެދު ނޯޔާއަށް ވިސްނަން ހުރެވުނީ އެވެ. ޔަޝާ މަޑު ހިނގުމުގައި ނުކުތީ ބެލްކަންޏަށެވެ. އޭނާ ހިތުން ހުރިހާ މަސައްކަތެއް މި ކުރެވެނީ ނޯޔާއަށް ރަނގަޅު ގޮތް ވިސްނޭތޯ އެވެ. ދަރިންތަކަކާއި ފިރިއެއްގެ ޒިންމާގައި ނޯޔާގެ އަމިއްލަ ނަފްސު ވަޅުލެވެނީ ކަމުގައި ޔަޝާއަށް ހީކުރެވެނީ އެވެ. ނޯޔާގެ އަމިއްލަ ޝަހުސިއްޔަތެއް ނެތްކަމުގައި ޔަޝާ ޤަބޫލު ކުރެއެވެ. އަދި އެއީ ނޯޔާއަށް ލިބެންޖެހޭ މަޤާމެއް ނޫނެވެ. އެ އެކުވެރިޔާއަކީ ދަރީންތަކެއް ބަލަން ގޭގައި އިންނަން ޖެހޭ ފަދަ އަންހެނެއްނޫނެވެ. މަތީ ތަޢުލީމު ހާސިލު ވިޔަސް ޔަޝާއަށް ބުއްދި ލިބުނުހެން ހިޔެއްނުވެއެވެ. އެހެންނޫންނަމަ ގޭތެރެ ބަލަހައްޓަން އިންނަ އަންހެނުންނަކީ އެއްވެސް ބައެއްނޫންކަމުގައި ޔަޝާ ނުބުނީހެވެ. އެފަދަ ފީކަޅާ ވިސްނުމެއް ނުގެންގުޅޭނެ އެވެ.

"އަސްލަން ބުނީ ނަމާދަށޭ ދޯ." ކުއްލިއަކަށް ބެލްކަނީގައި ހުރެފައި ޔަޝާ އެނބުރި ނޯޔާއަށް ބަލާލަމުން ވާހަކަ ދެއްކި އެވެ.

"އާދެބަލަ." ނޯޔާ އާނއެކޭ ބުނާއިރަށް ޔަޝާ އަތުގެ އިޝާރާތާއެކު އަވަހަށް ބުނެލި އެވެ. އަތްފޯރާ ފަށަށް ނޯޔާއަށް އާދެވުނު ހިނދު އޭނާގެ ވައަތު ހިކަނދި މަސްގަނޑުގައި ޔަޝާ ހިފާލި އެވެ. ބެލްކަނީގެ ފާރުބުރި ކައިރިއަށް ކުއްލިއެއް ޖެހިގެން ނޯޔާ ކައިރިކޮށްލީ އަވަސް ގޮތަކަށެވެ.

"އެއީ ކާކު؟" މަގުމަތި ދައްކާލަމުން ޔަޝާ ސުވާލު ކުރި އެވެ. އެ އަޑު ނޯޔާއަކަށް ނީވުނެވެ. ވަށައިގެން ދުނިޔޭގެ ދައުރުވުން ހުއްޓިއްޖެ ކަހަލައެވެ. ލޮލުގެ ފެނުމުގެ ދާއިރާ ހަނިވެއްޖެއެވެ. ހަމައެކަނި ނޯޔާއަށް ފެންނަނީ މަގުމަތީގައި ވާހަކަދައްކަން ތިބި އަސްލަން އާއި ލޫނާ އެވެ. ބަނޑާ ދިމާލުން ޖައްސާލެވުނު ވައަތްތިލައިގެ ތެރެއަށް ނޯޔާގެ ހެނދުން ބޮޑިވެލިއެވެ. އަތުގެ މުއްބާރުވެލި އެވެ.

"ލޫނާ... ލޫނާ އައިސްގެންތަ އަސްލަން އެ ދިޔައީ؟ ލޫނާ ގުޅާފަ ބުނީތަ؟ އެކަމަކު މިގެއަށް ނާންނާށޭ އަސްލަން ބުނި. އެއީ ހުސް ދޮގުތަ؟. އަހަރެންގެ ކުރިމަތީ... އެއީ އޮޅުވާލުމެއްތަ؟. ނޫން! ކީއް ތިކުރަނީ؟. ލޫނާގެ އަތުގައި ތިހިފީ ކީއްވެ؟. އަސްލަން... ޕްލީޒް... މިވަގުތު ތިހެން ނުހަދާ، ޕްލީޒް... ޔަޝާއާއި އަހަރެން މިހުރީ ބަލާށޭ، އެއްފަހަރު ވިޔަސް މައްޗަށް ބަލާލަބަލަ. ޕްލީޒް އަސްލަން. އޭނާއާ ދުރަށް ގޮސް އަހަރެންނަށް ބަލާބަލަ." ލޭގެ ހިނގުން އަވަސްވެ ހިތް ތެޅިތެޅި އޮތެވެ. އޭނާގެ މޭ ތޮރުފާލި ފަދަ އިހްސާސަކާއެކު ނޯޔާއަށް ތުންފިއްތާ ބާރުކޮށްލެވުނެވެ.

"އަހަރެންނަށްވުރެ އޭނާ އިސްވެއްޖެ. ދެން ވެސް ޖަސްޓް ފްރެންޑްސް... ތި ސައިކަލު ފަހަތަށް، އަސްލަންގެ ފަހަތުގައި އިނުން އެންމެ ހައްޤުކަން ބޮޑީ އަހަރެން. އަސްލަންގެ އަނތްބަކީ އަހަރެން. އަހަރެންގެ އިންތިޒާރު ބޭކާރުވީތަ؟ އެ ފުރުސަތު ނެތީ ހަމައެކަނި އަހަރެންނަށްތަ؟." ގައުވެފައި ހުރި މީހަކު ފަދައިން ހަރަކާތް ކެނޑިފައި ނޯޔާ ހުއްޓަސް އެ ހިތް ރޮނީ އެވެ. ސައިކަލާ ދިމާއަށް އަސްލަން އައިއިރު އޭނާގެ ފަހަތުން ނުނެއްޓިގެން އުޅޭ މީހަކު ހެން ޗާރާކަން ދައްކަމުން ލޫނާ އުޅުނެވެ. ޕާކުކޮށްފައި ހުރި ސައިކަލު އިސްޓާޓުކޮށް މަގުމައްޗަށް އަސްލަން ނެރިލުމާއެކު ސައިކަލު ފަހަތަށް ލޫނާ އެރިއެވެ. ލާފައި ހުރި ދިގު ހެދުން ނުހަނު ބޮޑަށް ކޮށިކޮށްލައިގެންނެވެ. އަސްލަންގެ ކޮނޑުގައި ދެއަތް އަޅުވާލައި އެ ބުރަކަށީގައި ޖެހިގެންނޭ އިނީ ނޯޔާގެ ހިތް ބުނެއެވެ. ސައިކަލު ދުއްވާލައި މަގުން އޮބާލަންދެން ވެސް ނޯޔާ ބަލަން ހުރީއެވެ.

"އެއީ ކާކު؟" ޔަޝާ އަނެއްކާ ވެސް އެއްސެވެ.

"އަސްލަންގެ އޮފީސް ކުއްޖެއް." ނޯޔާ މަޑުމަޑުން ބުނެލި އެވެ.

"ނަމާދަށް މީހުން ދަނީ ސައިކަލު ފަހަތަށް އޮފީސް އަންހެން ކުދީން އަރުވައިގެންތަ؟ އެވެސް މިގޭ ދޮށުން. ނޯޔާ ތިބުނާ ސާލިހު ރަނގަޅު ފިރިމީހާތަ އެއީ؟. ލޯބިވަނީ ހަމައެކަނި ނޯޔާހެން މަށަށް ހީވަނީ. އަހަރެންނަށް ބުނެވުނީ ހަމަ ރަނގަޅަށް. އޭނާ ނޯޔާ ގެންގުޅެނީ ދަރީން ބަލަން. ގޭތެރޭގެ މަސައްކަތް ކުރުވަން. މަންމަމެން ރުހޭ މީހަކު ގެނައިމަ ފަސޭހަވާނެއެއްނު. ޖަލަކަށް ލާފައި އިން އެހާމެ ރީތި ގުމްރީއެއްތީ. އޮޅުކޮށް ހިތްޖައްސުވައިފަ، އޭނާ ދެއްކި ކުލަވަރުތަކުން ޝޯހުވެ ދުނިޔޭގެ މިނިވަންކަން މަތިން ތިއިނީ ހަނދާންނެތިފަ. މިހަތަރު ފާރުގެ ބޭރުގައި ދުނިޔެއެއް އޮތްކަން އެނގޭތަ؟."

"ޔަޝާ ދޭ." ކުއްލިއަކަށް ނޯޔާ ބުނެލި އެވެ.

"ތި ސިކުނޑިން ނިކަން ވިސްނަބަލަ." ނޯޔާގެ ދެކޮނޑުގައި ހިފައި ހަލުވައިލަމުން ޔަޝާ ބުންޏެވެ.

"ﷲއަށް ޓަކައި... ދެން ދޭ. މިގެއިން ދޭ. ދެން ނާންނާތި." މިފަހަރު ނޯޔާގެ އަޑާއެކު އޭނާގެ ނަޒަރު ޔަޝާއަށް އަމާޒު ކޮށްލި އެވެ. އެހިނދު މަޑުމަޑުން ޔަޝާ ދެފަރާތަށް ބޯ ހޫރާލި އެވެ.

"ޔޫ ވިލް ރިގްރެޓް ދިސް. ހީ އިޒް ނޮޓް ވާތް އިޓް. އެ ދެ މީހުން ފެނި ނޯޔާ ހިތަށް އެއްޗެއް ނޭރިތަ؟ އަހަރެންގެ ފިރިމީހާނަމަ ނުހުންނާނަން، އޮފީހުގައި އުޅޭ އަންހެންކުދީންނާ ގާތްކަން ބާއްވަންޖެހޭނެ މިންގަނޑެއް އޮންނާނެ، މީ ކޮންގަޑިއެއް، އެ ދިޔައީ ނަމާދަށޭ ކިޔާފަ، އެނގޭނެ މިތާ އަހަރެންނާ އެކުކަން ނޯޔާ އިނީ، އޭނާ ދިޔަތަނެއް ނުބަލާނެކަން، ސުވާލެއް ވެސް ނުކުރާނެކަން، ޝައްކެއް ކުރާނަމަތާ ސުވާލު އުފެދޭނީ... ޕްލީޒް ނޯޔާ. ބްލައިންޑްލީ އޭނާއަށް ތިހާ ޓްރަސްޓް ނުކުރޭ. އެ ދެ މީހުން އެ ދިޔައީ ކޮންތާކަށް ކީއްކުރަންކަމެއް ވެސް ނޭނގެ."

"ޔަޝާ." ނޯޔާގެ އަޑު ބާރުވެލިއިރު މިފަހަރު އަޑުގައި ހުރި ތުރުތުރު ސިއްރެއްނުވިއެވެ.

"ދަނީ. އަހަރެންމީ ފްރެންޑެއް ކަމަށް ނޯޔާ މިހާރު ނުދެކޭ. ސޯ... ގުޑްބާއި." އިރުކޮޅަކު ނޯޔާއަށް ބަލަން ހުރެފައި ޔަޝާ އެގެއިން ނުކުތީއެވެ. ހިތްހަމަނުޖެހިފައި ހުރެއެވެ. މީ އެއްގޮތަކަށް ވެސް ނޯޔާގެ ފުށުން ފެނިދާނޭ ޔަޝާ ހީކުރި މަންޒަރެއް ނޫނެވެ. ކުރިއަށްވުރެ ވެސް ހޫނު ރުޅިއެއް ޔަޝާ އައީ އަސްލަންދެކެވެ. (ނުނިމޭ)