ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް ޕޮޒިޓިވް 5،000 މީހަކު ގޭގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 15،958 ގައެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ 5،000 އަށް ވުރެ ގިނަ މީހުން ތިބީ ގޭގައި ކަމަށެވެ.

ހޯމް އައިސޮލޭޝަންގައި ތިބި މީހުންގެ ހާލު ބަލައި އޭގެ ތެރެއިން ހައި ރިސްކު މީހުން ދެނެގަނެ އެ މީހުންނަށް ދޭންޖެހޭ ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ޝަހީދު ވިދާޅުވި އެވެ.

"ނަމަވެސް އެއީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއް" ޑޮކްޓަރު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ގިނަ ބަޔަކު ގޭގައި ތިބުމުން އެކަށީގެންވާ ގޮތެއްގައި އެ މަަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 9 - 1091 މީހަކު ޕޮޒިޓިވް
  • މެއި 10 - 1204 މީހަކު ޕޮޒިޓިވް
  • މެއި 11 - 1501 މީހަކު ޕޮޒިޓިވް
  • މެއި 12 - 1572 މީހަކު ޕޮޒިޓިވް
  • މެއި 13 - 1216 މީހަކު ޕޮޒިޓިވް
  • މެއި 14 - 1467 މީހަކު ޕޮޒިޓިވް
  • މެއި 15 - 1007 މީހަކު ޕޮޒިޓިވް

މިވަގުތު 262 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ ވަނީ ފުރުމާ ދާދި ގާތުގަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 97 މީހަކު މަރުވެފައިވެއެވެ. މިއަދު ތިން މީހަކު މަރުވިއެވެ. އިއްޔެވެސް ހަތަރު މީހަކު މަރުވިިއެވެ.