ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެކްޓިވް ކޭސް: 3112 ކުދިން، 12003 ދިވެހިން

May 17, 2021

ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 15،000 އިން މަތީގައި ހުރިިއިރު އޭގެ ތެރޭގައި 3112 ކުދިން ހިމެނޭ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 44،523 މީހަކަށެވެ. އޭގެ ތެރެއިން 28،456 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 15،958 އެވެ.

އެޗްއީއޯސީން އާންމުކޮށްފައިވާ މަައުލޫމާތުތަކަށް ބަލާއިރު 10 އަހަރުން ދަށުގެ 1،663 ކުއްޖަކު ހިމެނެއެވެ. އަދި 18 އަހަރާއި 10 އަހަރާ ދެމެދުގެ 1،449 ކުދިން ހިމެނެއެވެ. 18 އަހަރާއި 39 އަހަރާ ދެމެދުގެ 7،495 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އަދި 40 އަހަރާއި 59 އަހަރާ ދެމެދުގެ 3،185 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެކްޓިވް ކޭސްތަކުގެ ތެރޭގައި ދޮށީ އުމުރުގެ 927 މީހަކު ހިމެނެއެވެ.

އަދި އުމުރު ކަށަވަރު ނުވާ 284 މީހަކު ހިމެނެއެވެ. އެއީ ބިދޭސީންނެވެ. އެ މީހުންގެ އުމުރު އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ނެތް މީހުންނެވެ.

އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 12،003 ދިވެހިން ހިމެނެެއެވެ. އަދި 1،371 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި އިންޑިއާގެ 893 މީހަކާއި ސްރީލަންކާގެ 205 މީހަކާއި ނޭޕާލްގެ 174 މީހަކު ހިމެނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އިއްޔެ އާއި ރޭގެ މަރުތަކާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 99 އަށް އަރާފަ އެވެ. އަދި މިއީ މި މޭ މަހުގެ 26 މަރެވެ. މި އަހަރުގެ 48 ވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިވަގުތު 262 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ ވަނީ ފުރުމާ ދާދި ގާތުގަ އެވެ.