ރައްޔިތުންގެ މަޖިލިސް

ފަލަސްތީނަށް ދޭ ހަމަލާތައް މަޖިލީހުން ކުށްވެރިކޮށްފި

ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފި އެވެ.

މަޖިލިސް އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް އެގައުމުގެ އާންމު ރައްޔިތުންނަށް އިޒްރޭލުން ދެމުން ގެންދާ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓައިލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، އެމީހުންގެ މުދަލާއި ފުރާނައަށް ގެއްލުން ދެމުންދާ ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރޯދަ މަހު އެމީހުން މިސްކިތުގައި އަޅުކަމުގައި ތިއްބައި ދިން ހަމަލާ އަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާ ހިލާފު އަމަލެއް ކަމަށާއި އެއީ މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ އަމަލެއް ކަމަށްވެސް ބުނެފައިވެ އެވެ.

"ރައްޔިތުންގެ މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބިވެތި ރައްޔިތުންނާ އެކުގަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ މަދަދުވެރިވުން މަތީ އެވެ." މަޖިލިސް އިދާރާގެ ބަޔާންގައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދޭ ލާއިންސާނީ އަމަލުތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލަ އެއްވެސް ހުށަހަޅާފަ އެވެ. މައްސަލަ އަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުން ވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވާފަ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް އެ ކަންކަން ހުއްޓާލަން ދެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން ހުއްޓުވައި ދިނުމަށް އެދި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.