އިންޓަނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގެން އަގުތައް ހެޔޮކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށް މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގަ އެވެ.
މި އަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ މުވާސަލާތީ ޖަމިއްޔާ އައިޓީޔޫ އިން ކަނޑައަޅާފައިވަނީ "އެކްސެލެރޭޓިން ޑިޖިޓަލް ޓްރާންސްފޯމޭޝަން އިން ޗެލެންޖިން ޓައިމް" އެވެ.
މިއަހަރުގެ މިދުވަސް މި ދިމާވީ ކޯވިޑް-19ގެ އުދަގޫ ހާލަތާ ދުނިޔެ ބައްދަލުކޮށްފައިވާ ވަގުތުގައި ކަމަށްވާތީ އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މިފަދަ ހާލަތެއްގައި ވެސް މުޖުތަމައުތައް ނުހުއްޓި ހިނގަމުން ދިއުމުގައި އައިސީޓީ ވަސީލަތްތައް އަދާކުރާ މުހިއްމު ދައުރު ހާމަވެގެން ހިނގައްޖެ ކަމަށެވެ.
ރާއްޖެއަށް މީގެ 78 އަހަރު ކުރިން އައިސީޓީ ހިދުމަތްތައް ތައާރަފްވެފައިވާއިރު ޒަމާނާ އެއްގޮތަށް ހިދުމަތްތައް ތަރައްގީކޮށް ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއިން ހާސިލްކޮށްފައިވެ އެވެ. އެގޮތުން ރާއްޖެއާއި އެހެން ގައުމުތައް ސަބްމެރިން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމާ އެކު ރާއްޖޭގެ އެތެރޭގައި ފައިބާ ނެޓްވޯކްތައް ވަނީ ގާއިމުކޮށްފަ އެވެ.
ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން މިނިސްޓަރުން ވިދާޅުވީ އައިސީޓީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށުފެންވަރުގައި ހިދުމަތް ދިނުމުގައި ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ފައިބާ ނެޓްވޯކުން ގުޅާލެވޭ ރަށްތައް އިތުރުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ފައިބާ ނެޓްވޯކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް މިހާރު ލިބެމުންދާ ކަމަށެވެ. އަދި ރާއްޖެއަށް 4ޖީއާއި 5ޖީ ޓެކްނޮލޮޖީގެ ހިދުމަތް ތައާރަފް ކުރެވިފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.
ގައުމުތަކުގެ މެދުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުވުމުގައި ބޮޑެތި ފަރަގުތަކެއް ހުރި ކަމަށްވެސް މިނިސްޓަރު ގަބޫލުކުރައްވަ އެވެ. އަދި ރާއްޖޭގެ އައިސީޓީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން އިންޓަނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާއި މެދު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަން އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވާފައިވެ އެވެ.
ރައްޔިތުންގެ އިހްސާސްތަކަށް ބަލައިގެން އިންޓަނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖެއާއި އެހެން ގައުމުތައް ގުޅުވައިދޭ އިތުރު ސަބްމެރިން ކޭބަލްތައް ގާއިމުކުރުމަކީ ހިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ބަދަލު ގެނެވޭނެ ގޮތެއް ކަމަށްވާތީ އެކަން ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަންވެސް ފާހަގަކުރައްވާފައިވެ އެވެ.