ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މާދަމާ ބާބުޑާ ފުރާވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޓިއުގާ އެންޑް ބާބިއުޑާއަށް މާދަމާ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސް -- ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގެ ހަތަރު ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޮންފަރެންސްގެ ދައުވަތު ރައީސް މުއިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގެ ހަވާސާގައި ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ކޮންފަރެންސްގައި ރައީސް މުއިއްޒު ހަތް ސްޓޭޓްމަންޓެއް ދެއްވާނެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.