މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ އަލް ޖަޒީރާގެ "ޓޯކް ޓު އަލް ޖަޒީރާ" ޕްރޮގްރާމް ވާހަކަފުޅު ދައްކަވަމުންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ޑރ. މުއިއްޒު އިންތިހާބުވި ފަހުން ބައިނަލްއަގްވާމީ ނިއުސް އެޖެންސީ އަކަށް ދެއްވި ފުރަތަމަ އިންޓަވިއު އެވެ.
ޕްރޮގްރާމްގެ ޕްރެޒެންޓަރު ވަނީ މޫސުމީ ނުރައްކާތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުން އިންޒާރުތައް ދެމުންދާކަން ފާހަގަކޮށްފަ އެވެ. އަދި 2050 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ 80 ޕަސަންޓްގައި ދިރިނޫޅެވޭނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރާތީ އެކަމަށް އޮތް ޕްލޭނާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.
މުއިއްޒު ވިދާޅުވީ މޫސުމީ މައްސަލަތަކާ ގުޅޭގޮތުން ކުރިންވެސް އެފަދަ ވާހަކަތައް ދައްކަމުންދިޔަ ކަމަށާއި މޫސުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ސީދާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މީގެ 50 އަހަރު ކުރިންވެސް ދައްކާ ވާހަކައެއް އެއީ. އަދި ކަނޑުގެ ލޮނުގަނޑު ތިދަންނަވާ މިންވަރަށް އުފުލޭތަނެއް އެހާ ވަރަކަށް ނުފެނޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރާއްޖެ ޒިޔާރަތްކޮށް ބަލާލުމުން ރާއްޖޭގެ ހާލަތު ސީރިއަސް ނޫންކަން ފެނިގެންދާނެ ކަމަށެވެ.
އެކަމަކު މުއިއްޒު ވިދާޅުވީ މޫސުމީ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި އެމަނިކުފާނު ނަންގަވާ ކަމަށެވެ. އަދި ރިސޯޓްތައް ހެދުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ތިމާވެށި ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅުއްވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެއިން 2030 ވަނަ އަހަރު ނެޓް ޒީރޯ ގައުމަކަށްވުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ ބޭނުންވާ ޓެކްނިކަލް އަދި ފައިސާގެ އެހީ ބޭނުންވާ އަދަދާ ގާތްކުރާ މިންވަރަށްވެސް ނުލިބޭ ކަމަށެވެ.
އެހެންކަމުން 2030 ވަނަ އަހަރަށް ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމުގެ އަމާޒު ހާސިލުނުކުރެވިދާނެ ކަމަށާއި ނަމަވެސް އެކަން ހާސިލުކުރަންޖެހޭކަން މުއިއްޒު ވިދާޅުވި އެވެ.
އެ އަމާޒު ހާސިލުކުރުމަށް ދައުލަތުގެ ހަރަދުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް ހޭދަކުރައްވާނެ ކަމަށާއި ކަމާގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.