ރާއްޖެއިން އިތުރު 1433 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 44،956 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1294 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 134 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް ފަސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި މީގެ ދެތިން ހަތަރު ދުވަސްކުރިން ނެގި ސާމްޕަލްތައްވެސް ހިމެނެއެވެ. މިދިޔަ ސައުވީސް ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 594 ސާމްޕަލެވެ.
ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް
- މެއި 9 - 1091 މީހަކު ޕޮޒިޓިވް
- މެއި 10 - 1204 މީހަކު ޕޮޒިޓިވް
- މެއި 11 - 1501 މީހަކު ޕޮޒިޓިވް
- މެއި 12 - 1572 މީހަކު ޕޮޒިޓިވް
- މެއި 13 - 1216 މީހަކު ޕޮޒިޓިވް
- މެއި 14 - 1467 މީހަކު ޕޮޒިޓިވް
- މެއި 15 - 1007 މީހަކު ޕޮޒިޓިވް
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 16،997 މީހުންނެވެ. މިހާތަނަށް 28،849 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 268 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
އޭގެ ތެރެއިން 15 މީހަކު އޮތީ އައިސީޔޫގައެވެ. 10 މީހަކު ވަނީ ވެންޓިލޭޓަރުގައެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 101 މީހަކު މަރުވެފައިވެއެވެ. އިއްޔެވެސް ހަތަރު މީހަކު މަރުވިިއެވެ. މިއަދުވެސް ހަތަރު މީހަކު މަރުވި އެވެ. ކޮވިޑްގައި މިއަހަރުގެ މިހާތަނަށް 50 މީހަކު ވަނީ މަރުވެފައެވެ.