(16 މެއި 2021 އާ ގުޅޭ)
"ދަނީ. އަހަރެންމީ ފްރެންޑެއްކަމަށް ނޯޔާ މިހާރު ނުދެކޭ. ސޯ... ގުޑްބާއި." އިރުކޮޅަކު ނޯޔާއަށް ބަލަން ހުރެފައި ޔަޝާ އެގެއިން ނުކުތީ އެވެ. ހިތްހަމަނުޖެހިފައި ހުރެ އެވެ. މީ އެއްގޮތަކަށް ވެސް ނޯޔާގެ ފުށުން ފެނިދާނޭ ޔަޝާ ހީކުރި މަންޒަރެއް ނޫނެވެ. ކުރިއަށްވުރެ ވެސް ހޫނު ރުޅިއެއް ޔަޝާ އައީ އަސްލަން ދެކެވެ.
ހަފަރާތުން މީހާ ފިތި ބާރުވެފައި ހުރިހެން ނޯޔާ ހުއްޓެވެ. ހަރަކާތެއް ނެތިފަ އެވެ. އެކި ވަހުމްތަކުގެ ޝިކާރައަކަށް ސިކުނޑިވެ އެ ޚިޔާލުތަކާއި ސުވާލުތަކުގައި ބަނދެވިފަ އެވެ. ލިބުނު ފުރުސަތުގައި ޔަޝާ ވެސް އިތުރަށް ކަންތައް ބޮޑުކޮށްލީކަން ޔަގީނެވެ. އަނެއްކޮޅުން އެކުވެރިޔާގެ ކުރިމަތީ ފިރިމީހާ ދިފާއު ކުރަން މާގިނަ ވާހަކަތަކެއް ނޯޔާއަށް ދެއްކިފައެއް ނެތެވެ. އެކަން އޭނާއަށް އެނގެއެވެ. ޔަޝާއަށް ފުރުސަތު ލިބުނީ އެހެންވެއެވެ.
ޓީވީއިން މަޣްރިބު ނަމާދަށް ބަންގި ގޮވި އަޑު އިވުނެވެ. ބަންގި ނިމި ދުޢާ ކިޔާ އަޑު އިވެމުންދިޔަ އެވެ. ކޮޓަރިން ނުކުތް ސާރާ ގޭތެރެ ހޯދަމުން ބެލްކަންޏަށް ނުކުތެވެ. ނޯޔާއަށް ގޮވާލި އެވެ. ލަސް ހަރަކާތެއް ކޮށްލި ފަދައިން ނޯޔާގެ މޫނު އެކުއްޖާއަށް ހުއްޓުނެވެ.
"މިއަދު ނަމާދު ނުކުރާނެތަ؟" ސާރާ އަހާލި އެވެ. އެހެންޏާ މަޣްރިބު ނަމާދަށް ގޮވަންވާއިރަށް ނޯޔާ ކުދީންނަށް ހަނދާންކޮށްދޭނެ އެވެ. އޭނާ ނަމާދަށް އަރާނީ އޭގެ ދެބެން ގޮވައިގެންނެވެ. ނޯޔާ ޖަވާބެއް ނުދިނުމުން އޭނާގެ ކަނާއަތުގައި ސާރާ ހިފާލައި މަޑުމަޑުން ތަޅުވާލި އެވެ. މަންމާއޭ އެކުއްޖާ ގޮވާލި އެވެ.
"ހިނގާ..." ސާރާގެ ކޮނޑުގައި ފިރުމާލަމުން ކުރިއަށް ނެރި ނޯޔާ ހިނގައިގަތެވެ.
ނަމާދުން އަސްލަން ގެއަށް އައިއިރު ނޯޔާ އިނީ އަނުމްއަށް ކާން ދޭށެވެ. ދެން ތިބި ދެބެން ވެގެން ކާމޭޒުމަތީ ތަށި ބަހައްޓާ "މެޓު" އަތުރަނީ އެވެ. ރޭގަނޑުގެ ކެއުން ނޯޔާ ނަގަންވާއިރަށް އެހީ ވެދިނުމުގެ ގޮތުންނެވެ. އަސްލަން ގޭތެރެއަށް ވަނުމުން ވެސް ނޯޔާ ސަމާލު ކަމެއް ނުދިނެވެ. އަނުމްގެ ގޮނޑި ކައިރީ މަޑުކޮށްލާ ދަރިފުޅާ އަސްލަން ވާހަކަ ދައްކާލި އެވެ. އަދި ނޯޔާއަށް ގޮވާލި އެވެ. ކުރުކޮށް ހޫންއަކުން ނޯޔާ ނިންމާލި އެވެ. ނޯޔާއަށް ބަދަލެއް އައިސްފަ އިންކަމެއް އަސްލަން ނުދެނަހުއްޓެވެ. އޭނާ ދެން ކައިރިވެލީ ކާމޭޒު ކައިރީ އުޅުނު ސާރާއާއި މަލްސާގެ ކައިރިއަށެވެ.
"ކޮންތާކުން ތިއައީ؟" އަނުމް ފެންވަރުވަން ދާން އެކުއްޖާ ގޮނޑިން ނަގަމުން ނޯޔާ އަހާލި އެވެ. އަނުމް އުރާލައިގެން އަސްލަންއާ ދިމާއަށް ނޯޔާ އެނބުރިލިއެވެ. އަސްލަން ބަލަން ހުރީ ހައިރާން ކަމާއެކު އެވެ.
"މިސްކިތުން... ކިހިނެއްވީ؟ ލަސްވީތަ؟" އަސްލަން ވާހަކަ ދެއްކި އެވެ. ނޯޔާ ބޯ ހޫރުވާލީ އެވެ. ދެ މީހުންނަށް ތިބެވުނީ ދުރުގައެވެ. ނަމަވެސް އަސްލަންގެ ލޮލަށް ނޯޔާ ބަލަން ހުރީ ފަރުވާތެރިވެ އެވެ. އެ ދެ ލޮލުގައި އޮޅުވާލުމާއި ދޮގު ހެދުމުގެ އަސަރެއް ނުވެއެވެ. އިތުރު ސުވާލެއް ނޯޔާ ނުކުރި އެވެ. އޭނާ ހިނގައިގަތީ އަސްލަންގެ ކޮޓަރިއާ ދިމާއަށެވެ.
ކުދީންނާއި ފިރިމީހާއަށް ކާންދިނުމާއި އެކުދީން ނިދަން ބައިތިއްބުން ފަދަ ހުރިހާ ކަމެއް ނޯޔާ ނިންމާލި އެވެ. ބަދިގޭގައި އެންމެ ފަހު ކަމެއްގެ ގޮތުގައި އެއްޗެހި ހޫނު ކުރަން ނޯޔާ އުޅުނެވެ. އަސްލަން އައިސް ސޯފާގައި އިށީން ގޮތަކަށް ވާހަކަދައްކަން ފެށި އެވެ. އަރީންއާއި މަންމަ ކައިރިއަށް ވަދެލާފައި އޭނާ އަންނާނަން ކަމުގައި ބުންޏެވެ. އޭނާ އަންނަންދެން މަޑުނުކޮށް ނޯޔާ ނިދަން ދާން ވެސް ބުންޏެވެ. އަސްލަން އެޕާޓްމެންޓުން ނުކުތްތަން ފެނުމާއެކު ނޯޔާ ފުން ނޭވާއެއް ދޫކޮށްލި އެވެ. އުނދުން ކައިރީ ތިރީ ކަބަޑުސެޓުގައި އޭނާ ހިފަހައްޓާލިއެވެ. ހިނދުކޮޅަކަށް ދެ ލޯ މަރާލާފައި ހުޅުވާލިއެވެ.
"އެ ދިޔަ ތަނަކަށް ގޮސްފައި މިސްކިތަށް ދިޔައީ. އެކަމަކު އޭރު ދިޔައީ ކޮންތާކަށް؟. ލޫނާ އަރުވައިގެން... ކީއްވެ އެވާހަކަ އަސްލަން ނުބުނީ. އަހަރެން ދުވަހަކު ވެސް އެއްވެސް ކަމަކާ ސުވާލެއް ނުކުރަން. އަސްލަންއަށް ކީއްވެ ނުވިސްނުނީ އަހަރެން އެހެން އެހީ ކަމެއްވެގެންކަން. ކީއްވެ ނުބުނެވުނީ ލޫނާއާ ދިމާވިއޭ... އަސްލަން އަހަންނަށް ބޮޑުކަމެއް ސިއްރު ކުރަނީތަ؟. އޭނާއާ މެދު އަހަރެން ނުރުހޭކަން ރަނގަޅަށް އެނގޭނެ." އަމިއްލަ ހިތާ ނޯޔާ ވާހަކަދެއްކިއެވެ.
ފިކުރުތަކަށް ގެއްލިފައި ހުރި ނޯޔާ ތެޅިގަތެވެ. އަވަހަށް އުނދުން ނިއްވާލި އެވެ. ބާކީވެފައި ހުރި ބަރަބޯ ރިހަކޮޅު ހިނދި ތެލީގައި ހިފީއެވެ. އަވަހަށް އުނދުން މަތިން ތެލި އެއްފަރާތް ކޮށްލިއެވެ. ޗަސް ޖަހާލުމާއެކު ބޮލުގައި ކަނާއަތުން ނޯޔާއަށް ފިރުމާލެވުނެވެ. މިރެޔަށް އޭނާގެ މަސައްކަތްތައް ނިމުނީ އެވެ. މަޑުކުރުމެއްނެތި ނޯޔާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ރަނގަޅަށް ބޭރު ދޮރު ތަޅު ލުމަށްފަހު އަސްލަން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ފަނޑު އަލިކަމެވެ. ނޯޔާ ނިދަން ވަނީކަން ޔަގީނެވެ. އެހެންވެ ކޮޓަރީގެ ދޮރު އަސްލަން ހުޅުވާލީ ބަލައިގެން ނިކަން މަޑުމަޑުންނެވެ. ކޮޓަރީގެ ފަނޑު އަލިކަމުގައި ހުސްކޮށް އޮތް އެނދު އަސްލަންއަށް ފެނުމާއެކު ހިތް އަވަސްވި އެވެ. އަވަހަށް އެތެރެއަށް ވަދެގެން އައިސް ފާޚާނާގައި ޓަކި ދިނެވެ. ދެން ތަޅުގައި ހިފާލިއެވެ. އެތަނުގައި ނޯޔާ ނެތް ކަމާއި ނުދިއްލާ ހުރި ބޮކީގެ ސުވިޗު ވެސް ލޮލުގައި އަޅައިގަތީ ދެނެވެ. ނިކަން އަވަހަށް އަސްލަން އައިސް އަލަމާރި ހުޅުވާލި އެވެ. ނޯޔާގެ ނިދަންލާ ހެދުން ހުރިތޯ އެވެ. އެޔެއް ވެސް ނެތެވެ. ނޯޔާގެ ތުވާއްޔެއް ވެސް ނެތެވެ. ސުވާލު އުފެދި ހައިރާންކަން މަތީ އިރުކޮޅަކު އަސްލަންއަށް ހުރެވުނެވެ. ދެން އޭނާ ކޮޓަރިން ނުކުމެގެން ނޯޔާގެ ކޮޓަރި ކައިރިއަށް އަތުވެއްޖެ އެވެ. ދޮރުގައި ޓަކި ދީފައި ނޯޔާއަށް މަޑުމަޑުން ގޮވާލިއެވެ. ދޮރުގަތުގައި މޫނު ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ އެވެ.
އެރޭ ނޯޔާގެ ޚަބަރެއް އަސްލަންއަށް ނުވިއެވެ. އަމިއްލަ ހިތުގެ ހާލު ބަޔާން ކުރުމުގައި މާބޮޑަށް ވެސް ލަސްކުރެވެނީކަން އަސްލަންގެ ޟަމީރު ވިސްނައިދިނެވެ. ނޯޔާއާ އެކުގައި ވުމަށް އޭނާ އެދޭކަން ހާމަނުކޮށް ހުރުމުގެ ބޭނުން ނެތިއްޖެ އެވެ. ހުރިހާ ގޮތަކުން އޭނާ މިހާރު ނޯޔާ ބޭނުމެވެ. ނުހަނު ބޮޑަށް އެ ލޯތްބަށް އެދެވިއްޖެ އެވެ. ކޮޓަރީގެ ދިމާލަކުން މިވަގުތު ފެންނަނީ މައިރާގެ ހަނދާންތަކެވެ. އެ ކޮޓަރި ޒީނަތްތެރި ކުރި މީހަކީ އޭނާ ވީމައެވެ. ގޭތެރެއިން ފެންނަ ފަރުމާ ތަކަކީ މައިރާގެ ޚިޔާލުތަކާއި ހޮވުމެވެ. މުޅި އެޕާޓްމެންޓަށް ބަދަލު ނުގެނައި ނަމަވެސް އަސްލަން ގަސްދު ކުރީ ކޮޓަރީގައި ހުރި އެއްޗެހި ބަދަލު ކުރުމަށެވެ. އާ ފަރުނީޗަރު ވެއްދުމަށެވެ. އެ ކޮޓަރިއަކީ ނޯޔާއާއި އަސްލަންގެ ކޮޓަރިއަށް ހެދުމެވެ. ތަންމަތީގެ ފަޅުކަމުގައި އެކަނިވެފައި އޮވެ އަސްލަންއަށް ނިދުނީ ވަރަށް ދަންވީ ފަހުންނެވެ.
* * * * *
އަސްލަން ކުރި އަމުރަށް މިފަހަރު ވެސް އަރީނަށް ދެކޮޅަށް އެއްޗެކޭ ނުބުނެވުނެވެ. އޭނާ އާއްމުކޮށް ދައްކާ އަންހެނުންގެ ޑަކްޓަރަށް އެޕޮއިންމެންޓް ހެއްދީ އަމިއްލައަށެވެ. ހެނދުނުގެ ނާސްތާ ހިފައިގެން މަންމަ އައިސް ސުވާލު ކުރީމައެވެ. އޭނާ ޑަކްޓަރަށް ދައްކަން އެއްބަސް ނުވެއްޖެނަމަ އަސްލަން އޮފީހުން އައިސް އަރީން ގޮވައިގެން ހޮސްޕިޓަލަށް ދާނެއެވެ. އެވަގުތަކު އިންނަ އަންހެނުންގެ ޑަކްޓަރަކަށް އަރީން ދައްކާފައި ނޫނީ ގޮވައިގެން ގެއަކަށް ނާންނަމޭ އޭނާ އޮތީ ބުނެފަ އެވެ. އަސްލަންއަކީ ފިރިހެނަކަށްވާތީ އޭނާ ހިޔާލު ފާޅުކުރީ އެމީހުންނާއެކު ނޯޔާ ގެންދާށެވެ. އަރީނަށް ނޯޔާ އެހީވާނެކަން އެނގޭތީ އެވެ. މަންމައާ އެކުކަން ދާނީ ވަގުތުން އަރީން ނިންމީއެވެ.
އެޕާޓްމެންޓްގެ ބެލް އަޅާލި އަޑަށް އަރީން އައިސް ދޮރު ހުޅުވި އެވެ. ހާސްކަން އަރީންގެ މޫނަށް ވެރިވީ ދޮރުމަތީ ޝެހެނާޒު ހުރީމައެވެ. އެކުވެރިޔާ ހިނިތުންވެލައި އަރީނަށް ގޮވާލި އެވެ. އެތެރެއަށް ވަނުމަށް އޭނާ ފިޔަވަޅު އަޅާލީ ވާހަކައެއް ދައްކަމުންނެވެ. ނަމަވެސް ކުއްލިއަކަށް ހިމޭންވީ ސިންކު ކައިރީ ސަބީނާ ހުރިތަން ފެނިފަ އެވެ.
"ރީން މަންމާ، ކިހިނެއްތަ؟" ވަދެގެން އައި ޝެހެނާޒު ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ.
"އަލްހަމްދުލިﷲ، ރަނގަޅު." އަރީނަށް އަވަސް ނަޒަރެއް ދެމުން ސަބީނާ ބުންޏެވެ.
ޝެހެނާޒަކީ އަރީންގެ އެންމެ ގާތް އެކުވެރިޔާކަން ސަބީނާއަށް ވެސް އެނގެއެވެ. އެހެންވެ އަރީންގެ ޚަބަރު އޭނާއަށް އޮންނާނީ ލިބިފައޭ ސަބީނާ ހީކުރިއެވެ. ނަމަވެސް އޭނާ އަޖައިބު ކުރުވީ ޝެހެނާޒުގެ ކިބައިން ފެންނަ ހަމަޖެހުމުގެ ސިފައެވެ. ހިނިތުންވެ ވާހަކަ ދެއްކި އިރު އަރީންގެ ހާލާ މެދު އޭނާ ދެރަވާހެން ހިޔެއް ނުވެއެވެ. ދޮވުނު ތަށިތައް ބަހައްޓާފައި ސަބީނާ އެނބުރިލިއެވެ. ޝެހެނާޒާ ދިމާއަށް ބަލަން އޭނާއަށް ހުރެވުނެވެ. އަރީނަށް އެހާލު ޖެހުނުއިރު ޝެހެނާޒު އެންމެ ގާތް އެކުވެރިޔާއަށް ނަސޭހަތް ނުދިނީ ކީއްވެތޯ އަހަން ސަބީނާގެ ހިތް ބުންޏެވެ. އަދި އަރީނު ބަލިވެ އިނީ ކާކަށްކަން އެނގޭތޯ ސުވާލު ކުރަން ވެސް ސަބީނާ ބޭނުމެވެ. ނަމަވެސް ހިޔާލުތައް ހާވިޔާވީ އަރީންގެ އަޑުންނެވެ. ސަބީނާ ދިއުމަށް އަރީނު އެދުނެވެ. މަންމައާ ކައިރިވެލަމުންނެވެ. ޝެހެނާޒާއި ވާހަކަދައްކާލަން ބޭނުންވަނީ އެކަނިކަން އަރީން ސާފުކޮށް ބުންޏެވެ. އެއްޗެކޭ ނުބުނެ އިޝާރާތެއް ވެސް ކޮށްނުލާ ސަބީނާ އެބައިން ނުކުތީއެވެ.
"ތީނައަށް ކިހިނެއްތަވީ؟ އެއޮއް ރީތި މޫނުކޮޅު އެއްކޮށް މިލައިފި." ޝެހެނާޒާއެކު ސޯފާގައި އިށީން އަރީނަށް ބުނެލި އެވެ.
އަރީން ވާހަކަ ނުދައްކާ އިންނަން ފެށުމުން ޝެހެނާޒު ފަރުވާތެރި ކަމާއެކު ބަލަން ފެށިއެވެ. ކިހިނެއްވެފައިތޯ ތަކުރާރުކޮށް އަހާލިއެވެ. ބޮޑު ބައްޔެއް ޖެހުނީތޯ ވެސް ސުވާލު ކުރިއެވެ. ހިސާބެއްގެ ހާސްކަން ޝެހެނާޒުގެ މޫނަށް ވެރިވެއްޖެއެވެ. އަރީންގެ މޫނުގެ އިތުރުން އެ ހަށިގަނޑަށް ވެސް ބަދަލުތަކެއް އައިސްފަ ހުރިކަން ފާހަގަ ކުރެވުނެވެ. ހަށިގަނޑު ނިކަމެތި ވެއްޖެކަން ޔަގީނެވެ.
"ބުނެބަލަ! އެހީވާން އެނގޭނީ އޭރުން." ޝެހެނާޒު ކައިރިއަށް ޖެހިލައި އަރީންގެ އަތްތިލައި ހިފާލި އެވެ.
"ބުންޏަސް އެހީއެއް ނުވެވޭނެ. އެކަކަށް ވެސް އެހީއެއް ނުވެވޭނެ." އަރީން ބުނެލީ މަޑުންނެވެ.
"ކީއްވެ؟ ޑަކްޓަރުން ބުނީތަ؟ ފަރުވާއެއް ނެތް ބައްޔަކީތަ؟" ޝެހެނާޒު ހިތަށް އެރި ކޮންމެ އެއްޗެއް ދުލުން ބޭރުކޮށްލީ ކަންބޮޑުވެފައި އިނދެއެވެ.
"އަހަރެން ޕްރެގް." ހިމޭން ކަމުގައި ވަގުތުކޮޅެއް ދިއުމަށްފަހު އަރީން ބުންޏެވެ.
"ހުވާތަ؟ ދެން..." ބަލިވެއިނުމަކީ ނިޢުމަތަކަށްވާއިރު އުންމީދު ކުރި އުފާވެރިކަން އެކުވެރިޔާގެ މޫނުން ފާޅުނުވާތީ ޝެހެނާޒު ސުވާލު އުފެދުނެވެ. ހިތް އަވަސްވުމާއެކު ތަހުނިޔާ ކިޔަން އުޅެފައި ވެސް ޝެހެނާޒު ހުއްޓާލީ އެހެންވެއެވެ.
"އަހަރެން ޑިވޯސްޑް. ކުދީން ގެންގޮސްފި." އަރީން ކުރުކޮށް ބުނެލި ނަމަވެސް އެ ބުނީ ލައްކަ ވާހަކަކަން ޝެހެނާޒަށް ފަހުމް ވެއްޖެ އެވެ. އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއެކު އޭނާގެ ދެ ބުމަ ހިއްލާލައި ލޯ ބޮޑުކޮށްލެވުނެވެ. ކިހިނެއް ކޮންއިރަކުވީ ކަމެއްތޯ އަހާ ފަދައެވެ.
"މިދުހަތްތަ؟" ސިއްރެއް ބުނެލި ފަދައިން އެކުވެރިޔާގެ ގާތުން ޝެހެނާޒަށް އަހާލެވުނެވެ. އަރީން ބޯޖަހާލިއިރު އެ ދެ ލޯ ކަރުނުން ފުރިއްޖެ އެވެ. އިސްޖަހާލުމާއެކު ލޯ ކައިރިން އަރީން ކަރުނަ ފުހެން ފެށިއެވެ.
"އަރީނަށް ހަމަޔަގީންތަ؟" އެވަރުގެ ޅައެއްޗެއް އަރީން ނާޅާނެއޭ ހިތަށް އަރާވަރުން ޝެހެނާޒަށް އެހުނެވެ. ދެން ވެސް އަރީން ބޯޖަހާލީ އެއްބަސްވާށެވެ.
"އެހިސާބަށް ދިޔައިރު ޕްރޮޓެކްޝަން ބޭނުމެއް ނުކުރަންތަ؟" ޝެހެނާޒަށް ސުވާލު ކޮށްލެވުނެވެ.
އަރީނަށް ރޮވުނީ އެވެ. ލޯ ފުހުނަސް ކަރުނަ އައުން ނުހުއްޓުނެވެ. އޭނާގެ ގައިގާ ޝެހެނާޒު ބައްދާލިއެވެ. ބުރަކަށީގައި ފިރުމާލިއެވެ. ހިސާބެއްގެ ހަމަޖެހުމެއް އެތައް ދުވަހަކަށްފަހު އަރީނަށް ލިބުނެވެ. ޝެހެނާޒުގެ ގާތްކަމާއި އޯގާތެރިކަން ދިނީ އަރީން ހަމައަކަށް އެޅޭން ދެނެވެ. އަރީންގެ ރުއިން ހުއްޓުމަކަށް އައުމާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.
"އަރީން ކޮންމެކަމެއް ކުރިޔަސް ފަވާދާ ހަމައަށް ނުގެންނައްޗޭ އަހަރެން ބުނިން. ކައިވެނި ރޫޅޭ ހިސާބަށް ކަންތައްތައް ނުގެންދަން ހަނދާންކޮށްދިނިން. ފަވާދު ވަރެއް މިދުހަތު ނުވާނެ. ދުވަހަކުވެސް އެވަރުގެ ފިރިހެނަކު ދެން ނުލިބޭނެ. ތިވަރުކަމެއް ވީއިރު އަރީނަށް ހަމަ ނޭނގުނުތަ؟ ކޮބާ މިދުހަތު؟ އޭނާ ހަވާލެއް ނުވި ދޯ. އަރީނަށް އެނގޭ ވަރަށް އަހަންނަށް މިދުހަތުގެ ގޮތް ނޭނގުނަސް، ބުނަމުން ދޯ އައީ އޭނާ އެހާ ރަނގަޅު މީހެއް ވައްތަރު ނުޖަހައޭ... އަރީން! އަހަރެން ލަންކާއަށް ބަދަލުވާން އުޅޭ ވާހަކަ ބުނީމެންނު. މިއަދު އެހާވަރުން މިއައީ ފުރުމުގެ ކުރީން ކޮންމެހެން ވެސް ބައްދަލުކުރަން. ދެން ނާދެވިދާނެތީ. މިދުހަތާ މެދު ސީރިއަސް ނުވައްޗޭ ކިތަންމެ ފަހަރަކު އަރީން ކައިރީ ބުނީމެންނު. އަހަރެންނަށް ވެސް ހެދުނު ގޯހެއްމީ. މިދުހަތު އައިކަން އެނގި އެ ޚަބަރު އަރީނަށް ދިން މީހަކީ އަހަރެން. އެންމެފަހުން އަހަންނަށް މިއާދެވުނީ މާލަސްވީ ފަހުން. އެނގޭތަ! އޭނާ އަރީނަށް ވަރަށް ބޮޑަށް އޮޅުވާލައިފި. އެއީ ބޮޑު މަކަރުވެރިއެއް."
"އޭނާ ލޯބިވެޔޭ ހީކުރެވުނީ. އަހަރެންނާމެދު ބެހެއްޓި ގާތްކަމާއި އެތައް ވަގުތެއް އަހަންނަށް ޓަކައި ހުސްކުރި. ހާއްސަކަން އިހްސާސްކޮށްދިން. ފަވާދަށްވުރެ ބޮޑަށް އަހަންނަށް އެ ލޯބި ހޯދުން މުހިންމުވީ. ފަވާދުގެ ކައިރިން ވަރިވުމުގެ ހިޔާލު ވެސް އުފެދުނީ އެހެންވެ. އެކަމަކު އެނގިއްޖެ... ފަވާދު ފަދަ ފިރިއަކު ނުލިބޭނެ. އަހަންނަށް ޑިޒާވްއެއް ވެސް ނޫން އެކަހަލަ ރަނގަޅު ފިރިއަކު. ޝެހޭ! އަހަރެން ސަމާލުކަން ދިނިން. ރައްކާތެރިކަން ހިޔާރުކުރިން. މިހެންވީ އަހަރެންނަށް ނޭނގި. މިދުހަތާ އިންނަން އަހަރެން ބޭނުންވީ. އެހެންވިޔަސް އިންނާށޭ ކިޔާ މިވަރުގެ ކަމެއް ކުރާހާ އަހަރެން މޮޔައެއް ނޫން. މިދުހަތު ގަސްދުގަ ކުރި ކަމެއްހެން ހީވަނީ... އަހަރެންނަށް އެނގުނީ ޕްރެގްވީމަ. މިދުހަތު ގޯހެއް ހަދައިފިކަން." ކުރެހިފައިވާ އަޑުން އަރީން ވާހަކަ ދެއްކިއެވެ.
"ޝައްކެއްވެސް ނެތް! މީ ގަސްދުގަ އަރީނަށް ދިން ލަނޑެއް! ކޮބާ އޭނާ؟" ޝެހެނާޒުގެ އަޑުގައި ހަރުކަށިކަމާއި ފޫހިކަން ވިއެވެ.
"ނޭނގެ. ބަލާކަށް ބޭނުމެއް ވެސް ނޫން. މިހެންވީމަ އަހަރެން ހީކުރީ އެޓްލީސްޓް އޭނާ އިންނަން ބޭނުންވާނޭ ކަމަށް. އެކަމަކު އޭނާ މި ކުއްޖާ ބޭނުމެއް ނޫން. މިކަމުން ސަލާމަތްވާން ބުނީ. ހުރިހާ ކަމެއް ނިމެންދެން އޭނާ އަހަރެން ކައިރީ ހުންނާނަމޭ ވެސް ބުނި. ކޮންމެ ގޮތެއް ވިޔަސް ކައިވެންޏެއް ނުކުރެވޭނެކަން. ކަމެއް ކުރަން ބޭނުން މީހާ މަގެއް ހޯދާނެ، އެކަމަކު އޭނާ ދެއްކީ ކަން ނުވާން ހުރި ސަބަބުތައް، ބޭކާރު ބަހަނާތައް... މިކަމުގައި ދެ މީހުން ވެސް އެއްވަރޭ ބުނީ. އޭނާ މިސްޓޭކެއް ނުހަދަމޭ ބުނީ. އޭނާ ވެސް ގަސްދުގަ މިވަރުގެ މިސްޓޭކެއް ނުހަދާނެ ނޫންހޯ. އެވަރުން!... ޝެހޭއަށް އެނގޭތަ! އެވަރުން އަދި ނިމުނީއެއްނޫން. ފަހުން ގުޅާލީމަ ބުނީ... ކޮންމެވެސް އަންހެނެކާ އިންނަން އުޅޭ ވާހަކަ. އޭނާ ވަރަށް ލޯބިވެޔޯ. އެމީހަކު އިންނަން އެއްބަސް ނުވެގެން އުޅެނީ. އެއްބަސްވާއިރަށް އިންނަން އޭނާ ހުރީ ތައްޔާރަށް. އެވަގުތު ޖެހޭއިރު އެހެން މީހަކާ އިނދެގެން ހުންނާކަށް މިދުހަތު ބޭނުމެއްނުވޭ. އަހަންނާ ނީންނާނެކަން މިހާރު ސާފުވެއްޖެ. އަހަރެންނާ ބައްދަލުކޮށް އެ ހުރިހާ ވަގުތެއް އަހަންނާއެކު ހޭދަ ކުރިއިރު ވެސް އޭނާ އެބުނާ އަންހެނެއްގެ ކަންތައް ކުރާކަން ޔަގީން." މިދުހަތު ކަންތައް ކުރި ގޮތް އަރީން ކިޔާދިނެވެ.
"ލޯބިވެ ހޭބަލިވަނީ އެހެން އަންހެނެއް ދެކެ. އިންނަން ބޭނުމީ އެހެން އަންހެނަކާ. ދެން ކީއްވެއޯ އަރީނަށް މިހެން ހެދީ." ޝެހެނާޒަށް ދަތްކުނޑިވިކާލެވުނެވެ. ދެ އެކުވެރިންގެ ދެމެދަށް ހިމޭންކަން ވެރިވިއެވެ. އެގޮތުގައި ވަގުތުކޮޅެއް ފާއިތުވުމަށްފަހު އަނެއްކާ ވެސް ވާހަކަދެއްކީ ޝެހެނާޒެވެ.
"މިދުހަތުގެ ދަރިއަކު އެބަހުރި. ފިރިހެން ކުއްޖެއް. އަންހެނުން ހުންނަނީ ވަރިކޮށްފަ. މިހާ ދުވަހު ބޭރުގައި އުޅެފައި މިއަހަރު މާލެ އައީ. އަންހެނުން ކައިރީ ދަރިފުޅު ހުންނަނީ. މިކޮޅުގަ އެމީހުން ދިރިއުޅެނީ." ޝެހެނާޒު އައި ހަގީގީ ބޭނުން ހާމަކުރި އެވެ. އަރީނަށް މިދުހަތު ސިއްރުކޮށްގެން އުޅޭ ކަންތައް ކިޔާދިނެވެ. ޝެހެނާޒަށް ކިޔާދިން މީހާ ކިޔައިދިން ގޮތަށެވެ.
އަރީންގެ ހިތް ކުދިކުދި ވެއްޖެކަން އެ މޫނަށް ބަލަން އިން ޝެހެނާޒަށް ޔަގީން ކުރެވުނެވެ. އެ މޫނުން ފެންނަ ކުޑަކުޑަ ދިރުން ވެސް ގެއްލުނީ އެވެ. ހުއްޓުން އަރާފައި އަރީން އިނެވެ. ހާސްވެ ހިތްބިރުގަތް ވަރުން އެކުވެރިޔާގެ އަތުގައި ޝެހެނާޒަށް ހިފާލެވުނެވެ. ނޭވާލާތޯ ބެލުނެވެ. ދެތިން ފަހަރަށް އަރީންގެ ނަމުން ޝެހެނާޒު ގޮވާލިއެވެ.
"މިގޮތަށް އަރީންގެ ގާތުގައި އިންނަން ބޭނުން. ގާތް އެކުވެރިޔެއް ބޭނުންވާނެކަން އެނގޭ. އަހަރެންގެ މުޅި ދިރިއުޅުން ބަދަލު މިކުރަނީ، ކުދީން ކިޔެވުން ނިމެންދެނެ ލަންކާގައި ތިބޭނީ. މާދަން ނޫން އަނެއްދުވަހު ފުރަނީ. މާދަން އެއްކޮށް އުޅެވޭނީ ދަތުރުގެ ކަންތައްތަކުގައި. މިވަގުތު ދާން ޖެހޭތީ ވަރަށް ދެރަވޭ. އައި އޭމް ސޮރީ... އަހަރެންނަށް މާފުކުރޭ. ވަރަށް ކެތްތެރިވާތި. މިދުހަތުގެ މަތިން ދެން ހަނދާންނައްތާލާ." ޝެހެނާޒު ފިރުމާލީ އަރީންގެ ކޮނޑުގައެވެ. އޭނާ މަޑުމަޑުން ބޯޖަހާލީއެވެ. އެކުވެރިޔާ މަޑުކުރުވަން ނުހަނު ބޭނުންވިޔަސް އެއީ އިންސާފަކަށް ނުވާނޭ އަރީނަށް ވިސްނުނެވެ. ޝެހެނާޒު ނެތުމުން އޭނާ ކަންކަން ހިއްސާ ކުރާނޭ ހަމަ އެކަކުވެސް ނުހުންނާނޭކަން އެނގެއެވެ. ލަދުގަނެ ދެރަވެފައި ހުރެ ވެސް ވާހަކަދެއްކުނީ ޝެހެނާޒު ވީމައެވެ. އެހެން މީހަކަށް އެ ވާހަކަތައް ކިޔައިދޭނެ ހިތްވަރެއް އަރީނަށް ނުލިބޭނެއެވެ.
* * * * *
މެންދުރު ކާން ގެއަށް އައިސް އިން އަސްލަންއާއެކު ކާމޭޒު ދޮށުގައި ސާރާއާއި މަލްސާ އިނެވެ. ނޯޔާ ކާން ނީށިންނާތީ އެކަމަށް އަސްލަން ދެފަހަރު އެދުނެވެ. ކޮންމެ ފަހަރަކު ބުނެލަނީ ކާނީ ފަހުން ކަމެވެ. ކުދީންނާ ދެކެވުނު ވާހަކައިގެ ތެރެއިން މިއަދު ނޯޔާ މެންދުރު ނަމާދު ނުކުރާ ވާހަކަ ބުނީ މަލްސާ އެވެ. ދެބެން ނަމާދަށް އެރިއިރު މަންމަ އިނީ ބަލަން ކަމަށް އެކުއްޖާ ބުންޏެވެ. ފުސްމޫނު ދެއްކި ނަމަވެސް އެ ވާހަކަތަކާއެކު ނޯޔާގެ މޫނު ރަތްވެލި ގޮތް އަސްލަން ދުށްޓެވެ. ނޯޔާ ނަމާދު ނާޅާނޭކަން އަސްލަން އެނގެ އެވެ. އެހެންވެ ކިހިނެއްކަން ވީ ދެނެގަންނަން އަސްލަން އުނދަގުލެއް ނުވިއެވެ. އެހެންވެ ނޯޔާއަށް އައިސްފަ ހުރި ބަދަލު އަސްލަންގެ ހިތާއި ސިކުނޑި ގުޅުވީ އެކަމާ އެވެ.
"އަންހެން ކުދީންނަށް ނަމާދު ނުކުރެވޭ ދުވަސްތަކެއް އަންނާނެ. ޑެޑީގެ މިތިބީ ހުސް އަންހެން ދަރީން. ތި ކުދީން ބޮޑުވީމަ މަންމަ ކިޔާދޭނެ އެއީ ކީއްވެކަން."
"މިހާރު ވެސް މަލް ބޮޑޭ. ބަލާ... އަތުން އެކަނިއެއްނު މިކަނީ. ބައިވަރު ކަންތައް ކުރަން މަލްއަށް ދަސްވެއްޖެ." އަސްލަން ދެއްކި ވާހަކަ އެ ކުދީންނަށް މޭރުން ނުވިޔަސް މަލްސާ ރައްދުގައި ވާހަކަދައްކަން އަވަސްވެލިއެވެ.
"ނޯޔާ. ފޯނު ރަނގަޅުތަ؟" ކުދީންގެ ވާހަކަތަކުން އެއްފަރާތްވެލުމާއެކު އަސްލަން އަހާލިއެވެ.
"ކޮޓަރީގަވީ." ނޯޔާ ބުނެލިއެވެ.
"އަހަރެން ގުޅިން. މެސެޖު ވެސް ކުރީން... ރެއާއި މިއަދު ހެނދުނު ވެސް ވާހަކަ ދެއްކޭ ގޮތް ނުވީމަ ނުބުނެވުނީ. އާއިލާ ދުވަހެއް އޮފީހުން ފާހަގަކުރޭ. މިއަދު ހަވީރު އެކަން އޮތީ. ހަތަރެއް ޖަހާއިރު. ކުދީންނަށް ކުޅިވަރުތަކާއި ހަވީރު ސަޔެއް ތައްޔާރުކޮށްފަ އޮތީ." އަސްލަން އޮޅުން ފިލުވައިދިނެވެ. ނޯޔާ މަޑުމަޑުން ބޯޖަހާލި އެވެ. ކުއްލިއަކަށް އޭނާ ހިތަށް އެރީ މީ ރަނގަޅު ފުރުސަތެއް ކަމެވެ. އަސްލަންއާއި ކުދީންނާއެކު އެ އިވެންޓުގައި ބައިވެރިވުމަށެވެ. އެ އޮފީހުގައި އަސްލަންއާއެކު މަސައްކަތް ކުރާ މީހުން ވެސް އޭރުން ނޯޔާއާ ބައްދަލުވާނެތީ އެވެ. އެންމެންގެ ތެރޭ ލޫނާއަށް އަސްލަންގެ އަނތްބަކު ހުރިކަން ބުނެދޭން ނޯޔާ ގަސްދުކުރި އެވެ. އޭރުން ދެން ވެސް އަސްލަން ކަންތައް ކުރާ ގޮތެއް އެނގިދާނެތާއޭ ނޯޔާ ހިތަށް އެރިއެވެ.
ކައި ނިމިގެން ކުދީން ނުފައިބަނީސް އަސްލަން ނިންމާލާފައި ތެދުވި އެވެ. އޭނާ އޮފީހަށް ދާން ނުކުތުމުގެ ކުރީން ނޯޔާގެ ކައިރީ ހުއްޓިލި އެވެ. ނޯޔާގެ ކަނާއަތުގެ ކުޑަހުޅާ ހިސާބުގައި ހިފާލި އެވެ. އަޅާފައި ހުރި ކުޑަ ބުރުގާކޮޅުގެ ތެރެއިން ފެންނަން ހުރި ނޯޔާގެ މޫނަށް އަސްލަން ބަލާލިއެވެ. އަނެއްއަތުން ނޯޔާގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް އުފުލާލިއެވެ. ނަޒަރު ސީދާ ކޮށްލުމަށެވެ.
"މިއަދު އެއްވެސް ކަމެއް ކުރަން އުޅޭނެ ކަމެއްނެތް. ރެސްޓް ކޮށްލާ." އަސްލަން ބުންޏެވެ. އެ ދެ ލޮލުގައިވި އަސަރު ފެނި ނޯޔާގެ ހިތް ބެހިގެންދާން އުޅުނެވެ.
"ތިހާ ލޯބިން ވާހަކަ ދެއްކީމަ ހުރިހާ ކަމެއްގެ މަތިން ހަނދާންނައްތާލަން ބޭނުންވޭ. އެކަމަކު ލޫނާއާ ސިއްރުން ބައްދަލު ކުރުމަކީ އަހަރެންނަށް ރުހެވޭނެ ކަމެއްނޫން. މި ދިރިއުޅުން ހަމަޖެހޭ ދިރިއުޅުމަކަށް ނުވާނެ. އަސްލަންއަށް އަބަދު ޝައްކުކުރާ އަނތްބަކަށް އަހަރެން ވާން ނޭދެން. އެކަހަލަ އަނތްބަކަށް އަހަރެން ހަދަން މަސައްކަތް ތިކުރަނީ އަސްލަން. އަހަރެން ވެސް ވަރުބަލިވާނެކަން އެނގޭތަ؟ އެތައް ގޮތަކުން އަހަރެން ހިންޓު ދިނިން. ކީއްވެތަ އަދިވެސް އަސްލަން ނޭނގިގެން ތިއުޅެނީ. އަހަރެން ކިހާ ލޯބިވާކަން. އަހަރެންގެ ހިތް ނުކިޔަމަންތެރި ކުރުވީ ހަމަ އަސްލަން." މަޑުމަޑުން އަސްލަންގެ އަތް ނޯޔާގެ ދަތްދޮޅިއާ ދުރުކޮށްލި އެވެ.
އަސުރު ވަގުތެވެ. ބޮޑު ދެބެންގެ ކޮޓަރީގެ ތަޅުންމަތީ އޮތް ރަގު މަތީ އަނުމް ކުޅެން ބައިންދާފަ އިނެވެ. ނޯޔާ ހުރީ ފާހާނާގައެވެ. ފެންވަރުވާ ނިމިފައި ހުރި ސާރާ ތުވާލިކޮޅު އޮޅާލައިގެން ކުޑަކޮއްކޮ ކުޅޭތަން ބަލަން ހުއްޓެވެ. މަލްސާ ފެންވަރުވައިގެން ނޯޔާ ފާހާނާއިން ނުކުތީ ދެނެވެ. ދެބެން ލައްވާނޭ ހެދުން އޭނާ އިސްތިރިކޮށް ތައްޔާރުކޮށްފައި ހުއްޓެވެ. ފަހަރަކު ކުއްޖަކު ތައްޔާރު ކުރަމުން ދަނިކޮށް ކޮޓަރީގެ ދޮރުން ވަނީ އަސްލަން އެވެ.
"ރެޑީވަނީ ދޯ." އަސްލަން ބުނެލިއެވެ. އޭނާ ދެން ބުނީ ހަމައެކަނި ގެންދާނީ ސާރާއާއި މަލްސާ ކަމެވެ. އަނުމް ގެންދާ ވަރަށްވުރެ މާކުޑައީ އެވެ. އަނުމް ގޮވައިގެން ނޯޔާ އަރާމުކޮށްލަން ހުރުމަށް ބުންޏެވެ. އޮފީހުގެ މީހުންތަކު ތެރެއަށް އަނބިމީހާ ގެންދަން އަސްލަން ބޭނުން ނުވީއެވެ. އެކި މިޒާޖުގެ މީހުން އޮފީހުގައި އުޅޭއިރު ތުންތުން މަތިން ވިޔަސް ނޯޔާއާ ގުޅުވައި ވާހަކައެއް ފެތުރެން ފުރުސަތު ނުދޭން ވެގެންނެވެ. ހަމައެއާއެކު އެންމެ ބޮޑަށް އަސްލަން ކަންބޮޑުވަނީ އޭނާގެ އަނބިމީހާއަށް ފިރިހެނުންގެ ލޯތައް ހުއްޓޭނެތީ އެވެ. ކަތި ނަޒަރަކުން މީހަކު އޭނާގެ އަނބިމީހާއަށް ބަލާލުމަކީ އެ ހިތަށް ކެތްވާނޭކަމެއް ނޫން ކަހަލައެވެ. ކުރީބައިގަ ނޯޔާގެ ހިޔާލެއް ނުހޯދާ ގޮތް ނިންމީ އެހެންވެއެވެ.
"ކާމޭޒުމަތީ ހުންނާނެ ނޯޔާއަށް ގެނައި އެއްޗެއް." އަސްލަން ބުންޏެވެ. ނޯޔާގެ ހާލަތު އެނގި އޭނާ އައީ އަނބިމީހާ ހިތްހަމަޖައްސަން ހަދިޔާ ހިފައިގެންނެވެ.
ހަތަރެއް ޖަހަންވާއިރަށް ސާރާއާއި މަލްސާ ގޮވައިގެން އަސްލަން ނުކުތެވެ. އޭނާ ވެސް ދިޔައީ ރަސްމީ ހެދުން ބަދަލުކޮށް އާދައިގެ ގޮތަކަށެވެ. ރުޅިގަދަވެގެން ނޯޔާއަށް ތަންކޮޅެއް ބާރު އަޑެއް ލައްވާލެވުނެވެ. ދެ ލޯ ބޮޑުކޮށްގެން އުރުގައި އިން އަނުމް އޭނާގެ މޫނަށް ބަލަމުން ދިޔަކަން ފާހަގަވީ ދެނެވެ.
"ދަރިފުޅުގެ ބައްޕައަށް ހުންނަނީ ކިހިނެއްވެފަތަ؟" އަނުމްއަށް ބަލާލަމުން ނޯޔާ ބުނެލި އެވެ. އެކުއްޖާ ނިކަން އަވަހަށް ހަތަރެސްފައި ތަޅުވައިގަނެ މަންމައަށް ގޮވަން ފެށިއެވެ. ނޯޔާއަށް ލިބެމުންދިޔަ ނުތަނަވަސްކަމުގެ ހިލަމެއް އެ ކުޑަކުޑަ ފުރާނައަށްވާނީ ކިހިނެއް ހެއްޔެވެ. އެކަން ނޯޔާއަށް ވިސްނެއެވެ. އެކުއްޖާގެ ކޮލުގައި ބޮސްދީފައި ހިނގައިގަތީ ކާމޭޒާ ދިމާއަށެވެ. އަސްލަން ގެނައީ ކޯއްޗެއްތޯ ބަލާށެވެ. ދެ ކޮތަޅެއް ހުރިއިރު އެއް ކޮތަޅުގައި ހުރީ އައިސްކުރީމެވެ. އަނެއް ކޮތަޅުގައި ހުރީ އެކި ވައްތަރުގެ ޗޮކުލެޓެވެ.
"މިއަށް ހެއްލޭނެ ކަމަށްތަ އެގެނައީ." ނޯޔާއަށް ބުނެލެވުނެވެ. އައިސްއަލަމާރިއަށް އެއްޗެހިތައް ގެން ގޮސް ލިއެވެ.
ސޯފާއަށް ވެއްޓިގަނެގެން އޮތް ނޯޔާއަށް ތެދުވަން ޖެހުނީ ބެލް އަޅާލި އަޑު އިވިފައެވެ. ތެދުވެ ސޯފާގެ ކޮޅުގަ އަތްގަނޑު މަތީ އޮތް ބުރުގާ ބޮލަށް މަހާލިއެވެ. ދޮރު ހުޅުވާލުމާއެކު ފުރަތަމަ ވެސް މޫނުގައި ޖެހުނީ މާބޮނޑިއެކެވެ. އޭގެ މަތިން ރިދާންގެ މޫނު ފެންނަން ހުއްޓެވެ.
"ތިޔޯ..." ނޯޔާއަށް ބުނެވުނެވެ.
"މިއައީ ރައްދު ކޮށްދޭން. ކުއްޔަށް އުޅޭ ބަޔަކުން މީހަކު ގެނެސް މަންމައާ ހަވާލުކުރީ. އަހަރެން އޮފީހުން އައިތަނާ އެއީ ކާކުގެ އެއްޗެއްތޯ ބަލާށޭ މަންމަ ބުނީމަ އެނގުނީ ނޯޔާއަށް އައިސްފަ އޮތް އެއްޗެއްކަން." ރިދާން މާބޮނޑި ދިއްކޮށްލިއެވެ. އޭގައި ނޯޔާ ހިފި އެވެ. އަތްތިލަވަރުގެ ހުދުކުލައިގެ ކާޑެއް މާބޮނޑީގެ ކޮޅުގައި އެލުވާފައި އޮތެވެ. އެ ބަލަން ބޭނުންނުވީ އެއީ ވެސް އަސްލަންގެ ކަމެކޭ ހީކޮށްފައެވެ. އެހާވަރަކުން އަސްލަން އެ އުޅެނީ ކަމެއް ފޮރުވާށޭ ޔަގީނާ ގާތަށް އޭނާއަށް ހީކުރެވުނެވެ.
"ވަރަށް ބޮލުގަ ރިއްސާތީ މިދަނީ އަނުމް ގޮވައިގެން ޖައްސާލަން." ނޯޔާ ބުނި ގޮތުން ރިދާނު ދާންވީކަން އެނގުނެވެ. އެހެންވެ އޭނާ އައިކޮޅަށް ހިނގައިގަތީއެވެ. ލިފްޓަށް އެރުމަށެވެ.
އިރުއޮއްސުމުގެ ކުލަވަރު އުޑުމަތިން ފާޅުވާން ފެށިއެވެ. އަނުމްއަށް ޓީވީ އަޅުވައިދީ ކޮއްޓަށް ލާފައި ނޯޔާ ނުކުމެ ހުރީ ބެލްކަނީގަ އެވެ. އޭނާއަށް ލިބުނު މާބޮނޑި ކާމޭޒުމަތީ އޮތެވެ. ނޯޔާ ހުރީ އަސްލަން އަންނާނެ އިރެއްގެ އިންތިޒާރުގަ އެވެ. ޝައިތާނާ ވެސް ވަގުތުގެ ބޭނުން ހިފާލި ކަހަލަ އެވެ. ނޯޔާގެ ވަސްވާސްތައްވީ އިތުރެވެ. ޠަބީޢަތްވީ ހައްތަހާ ގޯހެވެ. އިރުއިރުކޮޅާ ދަތްކުނޑިވިކާލެވެއެވެ. ކިހިނެއް ކަންތައްކުރަންތޯ އަސްލަން ގަސްދުކުރަނީ އަހަން ނޯޔާ ހުރީ ތައްޔާރުވެއެވެ. އަނތްބެއްގެ ގޮތުގައި ނޯޔާއާ މެދު ދެކެންތޯ އަސްލަން ކައިރީ އަހަން އޭނާ ނިންމި އެވެ. މަގަށް މަޑުކުރި ހުދުކުލައިގެ ޓެކްސީ އިން އަސްލަން ފޭބިތަން ފެނުނީ އެވަގުތެވެ. ފަހަތު ސީޓުން ކުދީން ގޮވައިގެން ފޭބީ ލޫނާ އެވެ. (ނުނިމޭ)