ޖުމްހޫރީ ދުވަސް

ޖުމްހޫރީ ދުވަހުގެ ޖަލްސާ ކަވަރު ކުރަން މީޑީއާއަށް ދައުވަތެއް ނެތް!

Nov 10, 2015

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާ ކަވަރު ކުރަން މީޑިއާގެ އެއްވެސް ފަރާތަކަށް ދައުވަތެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މީޑިއާއާ ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ މިރޭގެ ޖަލްސާގެ ފޮޓޯތައް ޖަލްސާގެ ވަގުތުގައި ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށާއި ޖަލްސާގެ ލައިވް ކަވަރޭޖް ޕީއެސްއެމްގެ ޓީވީއެމާއި ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

"ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާއަށް އެއްވެސް މީޑިއާއަކަށް ދައުވަތު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ،" ރައީސް އޮފީހުން ހިއްސާ ކުރި މެސެޖްގައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ މި ޖަލްސާއަކީ މިނިވަން ދުވަހުގެ ޖަލްސާ ފިޔަވައި ރާއްޖޭގައި ބާއްވާ އެންމެ ހައިބަތު ބޮޑު އެއް ޖަލްސާއެވެ. މިޖަލްސާގައި ޝަރަފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރުގެ ގައުމީ އިނާމާއި ރައީސްގެ ހާއްސަ އިނާމާއި މެޑަލް ދިނުމުގެ އިތުރުން ގައުމާ މުހާތަބު ކުރައްވާ ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.

މިރޭގެ ޖަލްސާއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ވަގުތަކާ ދިމާވާ މިފަދަ ބޮޑު ޖަލްސާއެވެ. އަދި މިރޭގެ ޖަލްސާއަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަަމަލަ އަށް ފަހު މިފަދަ ޖަލްސާއެއްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސް މެއެވެ.