ލިބުނު އިންޒާރަކާއި ގުޅިގެން މަޖިލީސް އިދާރާގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މަޖިލީސް އިދާރާއަށް ތްރެޓެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށެވެ. އަދި މި ވަގުތުގެ ހާލަތު ބަލާ ސެކިއުރިޓީގެ ކަންކަން ދަމަހައްޓަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ. މަޖިލީހުގެ އިއްޔެގެ ޖަލްސާއެއް ޓީވީ ޗެނަލަކުން ލައިވް ސްޓްރީމްކުރަމުން ދަނިކޮށް ފޭސްބުކްގެ ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މަޖިލީހުގެ އިދާރާ އިންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ އަމީންއާންމުގެ ސަމާލުކަމަށް ގެނެސް އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ މައްސަލަަތައް އަވަހަށް ތަހުގީު ކުރުމަށްވެސް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.