ރައްޔިތުންގެ މަޖިލިސް

ދީނަށް ހަޖޫ ޖަހާ މީހުންނަށްވެސް ފިޔަވަޅު އަޅަން ޖެހޭ: ހައިތަމް

ހަރުކަށި ފިކުރު ހުއްޓުވަން ނިކުންނައިރު ދީނަށް ހަޖޫ ޖަހާ ފުރައްސާރަކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވެއްޖެ އެވެ.

ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ހައިތަމް ވިދާޅުވީ ވަޅި ޖެހުމާއި ތަންތަން ގޮއްވާލަން ގޮވުމާއި މީހުން މެރުމަކީ މިހާރު ކޮފީއެއް ބޯލުން ކަހަލަ އާދައިގެ ކަމަކަށް ވެގެން ގޮސްފައިވާ ކަމަށެވެ.

އެފަދަ މައްސަލަތަކަށް ފިޔަވަޅު ނޭޅިގެން އޫޅޭއިރު ދީނަށް ފުރައްސާރަކޮށް އުޅޭ މީހުންނަށްވެސް ފިޔަވަޅު އެޅެމުންދާ ތަން ފެންނަމުން ނުދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މީގައި ވަރަށް ބޮޑަށް އެބަ އޮވޭ ދެކޮޅު. މިސާލަކަށް ދީނާއި އިދިކޮޅަށް ވާހަކަ ދައްކާ މީހުން އެބަތިބި ބައިވަރު. ވަރަށް ބޮޑަށް ދީނާ ދެކޮޅަށް މިދައްކަނީ ކުޑަކުޑަ ވާހަކަ ދެއްކުމެއް ނޫން. ބޮޑެތި ސިންގާ ވާހަކަ. ކީރިތި ރަސޫލާ އަށް ހަޖޫޖަހައިގެން ފާޑުކިޔާ އެތައް ބަޔަކު އެބަތިބި މި މީހުންގެ ތެރޭގައި. އެ މީހުންނަށް ފިޔަވަޅެއް ނޭޅި އެމީހުންގެ ވާހަކަ ނުދެއްކި ދެން ދީނީ ހަރުކަށި ފިކުރޭ ކިޔާ ބައެއްގެ ވާހަކަ ދެއްކުނީމަ ދެން ތަންކޮޅެއް އެބަ އުނދަގޫވޭ،" ހައިތަމް ވިދާޅުވި އެވެ.

އެހެންކަމުން ހަރުކަށި ފިކުރުގެ މައްސަަލައާއި ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ހައިތަމް ގޮވާލެއްވި އެވެ. އަދި އެއިން އެއްވެސް ކަމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމުގައިވެސް ހައިތަމް ވަނީ ވިދާޅުވެފަ އެވެ.

ދީނަށް ހަޖޫ ޖަހާ މީހުންގެ ވާހަކަ ހައިތަމް ނެންގެވިއިރު މިއަދުގެ ބަހުސްގައި އެމްޑީޕީގެ އެހެން މެމްބަރުން މުޅިންހެންވެސް ދެއްކެވީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާދިއުމުގެ ވާހަކަތަކެވެ. ދީނަށް ފުރައްސާރަ ކުރާ މީހުންގެ ވާހަކަ ބޮޑަށް ނެންގެވީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެމްބަރުން ނެެވެ.