ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ފްރީ ފަލަސްތީން" ކެންޕެއިންގައި ބައިވެރިވެވަޑައިގެން ޒުވާނުން މިއަދު ކުރިއަށް ގެންދާ ހަރަކާތަށް ހިތްވަރު ދެއްވައިފި އެވެ.
ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ހާއްސަ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ އުޚުވަތްތެރި ރައްޔިތުންނާއެކު ކަން ހާމަކުރުމުގެ ގޮތުން މަޖީދީމަގުގައި ކުރިއަށް ގެންދާ ހަރަކާތުގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން ބެލްކަނިތަކާއި މަގުތަކަށް ނިކުތުމަށް ވަނީ ހަމަޖެހިފައެވެ.
އެ ހަރަކާތް ފެށެން ތައްޔާރުވެފައިވަނިކޮށް ރައީސް ސޯލިހް ވަނީ ފަލަސްތީނުގެ ދިދައާއެކު މުޅި ދުނިޔެެއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.
މި ސަރުކާރުން އެކި ފަހަރު މަތިން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފައިވެއެވެ.
އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވި ތަގުރީރު ގައި ފަލަސްތީނާ، އިޒްރާއީލުގެ މައްސަލާގައި ދިވެހިންގެ ވިސްނުން ހުރި ގޮތް އެ މަނިކުފާނު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފަ އެވެ. އަދި މީގެ ކުރިން ވެސް ފަލަސްތީނުގެ މައްސަލާގައި ދިވެހި ރާއްޖެ ނަގާފައިވާ ސްޓޭންޑް އާ ކުރައްވާ އެކަން ވަނީ މުޅި ދުނިޔެއަށް އިއުލާނު ކޮށް ދެއްވާފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރަން އދ. ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ގެއްލި އެތައް އަހަރުތަކެއް ފާއިތުވެގެން ދާއިރު، އެ މައްސަލަ ހައްލު ނުކުރެވި އޮތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. ފަލަސްތީނަށް މިނިވަން ކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި ރާއްޖެ އިން ކުރާ ތާއިދު އަބަދުވެސް އެގޮތުގައި އޮންނާނެކަމަށެވެ.
"ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު،" އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ގަވާއިދާ ހިލާފަށް ހިފައި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ދައުލަތެއް އުފައްދާފައިވާ އިޒުރޭލުން ކޮންމެ އަހަރަކުވެސް ރޯދަ މަހުގެ ފަހު ދިހައެއްގައި ލާއިންސާނީ އަމަލުތައް ތަކުރާރު ކުރެއެވެ.
އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެގަނެ އަޅުކަމުގައި ތިބި ފަލަސްތީން މީހުންނަށް އަނިޔާކުރުން ބޮޑު މައްސަލައަކަށްވެ މުޅި ދުނިޔެ ސަމާލުވެފައި އޮތް މިދަނޑިވަޅުގައި ވެސް އިޒްރޭލުގެ ޒައާމަތުން އިހުތިޔާރުކޮށްފައި ވަނީ ހަރުކަށިކަމާއި ގޮތްދޫނުކުރުމެވެ. މުސްލިމުން ފާހަގަކުރާ މާތް މައްސަރުތަކާއި އީދުތަކުގައި ފަލަސްތީން މީހުންނަށް ޖެއްސުންކޮށް އަނިޔާކުރުމަކީ އިޒްރޭލުގެ ޒައާމަތަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.
އިޒްރޭލުގެ އަނިޔާވެރިކަން ފަލަސްތީންގެ މީހުންގެ މައްޗަށް ގަދަވެގަންނަ ކޮންމެ ފަހަރަކު ގައުމުތަކަށް ކުރެވެން އޮންނަ ކަމަކީ ހަމަލާތައް ކުށްވެރިކުރުމެވެ. ތިޔަކަން ނުކުރާށޭ ބުނުމެވެ.
މިފަހަރު ވެސް ކަންހިގަމުން ދަނީ މިއާދައިގަ އެވެ. އެމެރިކާ އާއި ޔޫރަޕާއި އިނގިރޭސިން އަދި އިންސާނިއްޔަތަށް ނަމުގައި މަސައްކަތްކުރާ އޭޖެންސީތަކުން އިޒްްރޭލާ ދެކޮޅަށް ބަޔާންތައް ނެރެ ނުރުހުންފާޅުކުރާ ކަމަށް ދެއްކި ނަމަވެސް އިޒްރޭލުގެ ކިބުރުވެރިކަމަށް ކުޑައިކޮށް ވެސް ބަދަލެއް ނާދެ އެވެ.