ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އެމީހުންގެ ބިމަށް ވެރިވެގަނެގެން ތިބި ހަރުކަށި އިޒްރޭލުގެ ޔަހޫދީން ހިންގަމުންދާ އަނިޔާތަކާއި އަބަދުވެސް ރާއްޖެއިން ދެކޮޅު ހަދާ ކަމަށާ އިޒްރޭލާ ރާއްޖެއާ ދެމެދު އޮތް ހުރިހާ ގުޅުމެއް ހުއްޓާލާފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ފްރީ ފަލަސްތީން" ކެންޕެއިންގައި ބައިވެރިވެވަޑައިގެން ޒުވާނުން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަށް ވަނީ ހިތްވަރު ދެއްވާފަ އެވެ. ރައީސް ސޯލިހް ވަނީ ފަލަސްތީނުގެ ދިދައާއެކު މުޅި ދުނިޔެެއަށް ވަރުގަދަ މެސެޖެއް ދެއްވާފަ އެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށެވެ.
ރައީސްގެ ޓްވީޓް، ރިޓްވީޓް ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ބޭއިންސާފާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. ދިވެހިން ތިބީ ފަލަސްތީނާ އެކު ކަމަށް ރައީސް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާ މަބުރޫކް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެ ރައްޔިތުންގެ ބިމުގެ ހައްގު އޮންނާނެ ކަމަށާ އެކަން ކަށަވަރުވާންވެސް ޖެހޭ ކަމަށެވެ.
ރާއްޖެ އާއި އިޒްރޭލާ އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކުރައްވާ މަބުރޫކް ވިދާޅުވީ އެ ގައުމުގެ މުދާ ރާއްޖެއަށް އެތެރެކުރުން މުޅީން މަނާކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ މީގެކުރީގެ ސަރުކާރުތައް ފަދަައިން މިސަރުކާރުން ވެސް ވަނީ އެކި ފަހަރު މަތިން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.
އދގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވި ތަގުރީރު ގައި ފަލަސްތީނާއި އިޒްރާއީލުގެ މައްސަލާގައި ދިވެހިންގެ ވިސްނުން ހުރި ގޮތް އެ މަނިކުފާނު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފަ އެވެ. އަދި މީގެ ކުރިން ވެސް ފަލަސްތީނުގެ މައްސަލާގައި ދިވެހިރާއްޖެ ނަގާފައިވާ ސްޓޭންޑް އާކުރައްވާ އެކަން ވަނީ މުޅި ދުނިޔެއަށް އިއުލާނު ކޮށްދެއްވާފަ އެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލުކުރަން އދ.ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ގެއްލި އެތައް އަހަރުތަކެއް ފާއިތުވެގެން ދާއިރު، އެ މައްސަލަ ހައްލު ނުކުރެވި އޮތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. ފަލަސްތީނަށް މިނިވަންކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި ރާއްޖެ އިން ކުރާ ތާއިދު އަބަދުވެސް އެގޮތުގައި އޮންނާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.