އިންފޮމޭޝަން ކޮމިޝަނާ

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ފޮނުވި އެއްވެސް ނަމެއް ފާހެއް ނުވި

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި އެއްވެސް ނަމަކަށް ރުހުން ދޭން މަޖިލީހުގެ ކޮމިޓީން ފާހެއް ނުވި އެވެ.

އެ މަގާމަށް ކުރިމަތލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ހުށަހެޅުމުން އެ ބޭފުޅުންގެ ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމަނާފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ޝިހާމް މުހައްމަދު ވަހީދުގެ ނަމެވެ. ދެން ހިމެނެނީ ހ. ގުރުވަ، އަހްމަދު އާހިދު ރަޝީދާއި، މ. ދާސްތާން، މަރިޔަމް އަލީމްގެ ނަމެވެ.

މިއަދު މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި އެ ތިން ބޭފުޅުންނާ ވެސް ވަނީ އިންޓަވިއުކޮށްފަ އެވެ. ނަމަވެސް އިންޓަވިއު އިން ފާސްވުމަށް ކޮމިޓީން ކަނޑައަޅާފައިވާ އަދަދަށް އެތަނުން އެއްްވެސް ބޭފުޅަކަށް ވޯޓު ލިބިވަޑައިގެންފައެއް ނުވެ އެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ހާލަތުގައި އަމަލުކުރާނެ އެއްވެސް އުސޫލެއް ނެތް ކަމަށެވެ. އެހެންވެ ކޮމިޓީގެ މެންބަރުން ވޯޓު ދެއްވި ގޮތަށް ރިޕޯޓް އެކުލަވާލުމަށްފަހު އެމައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމަށް ކޮމިޓީގެ ރިޕޯޓް ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ފިޔާޒު މޫސާ، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ދުވަހު ނޫހެއް ހެއްދެވުމުގެ ގޮތުން އެނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު ފަހުކޮޅު އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.