މާލޭ ސިޓީ ކައުންސިލް

ދަފްތަރުގައި ޖެއްސުން މެދުކަނޑާލައިފި

މާލެ ދަފްތަރުގައި ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މާލޭސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ސިޓީ ކައުންްސިލްގެ ފުރަތަމަ ބައްދަލްވުމުގައި މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލެ ދަފްތަރުގައި ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް މެދުކަނޑާލާފައިވަނީ މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވެންދެން އަދި ދަފްތަރުގައި ޖެއްސުން ހަރުދަނާ ނިޒާމެއްގެ ދަށަށް ގެނެވެންދެން ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ދަފްތަރުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ގެދޮރު ލިބިފައިވާ މީހުންނާއި ނުލިބޭ މީހުން ދެނެގަނެ އަދި ގެދޮރު ނެތް މީހުންނަށް ގޯތިގެދޮރު ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ދަފްތަރުގައި 17،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޖެހިފައިވެއެވެ.

ކައުންސިލްގެ ފުރަތަމަ ބައްދަލްވުމުގައި ވަނީ އިދާރީ އޮނިގަނޑު ފާސްކޮށްފައެވެ. އެ ގޮތުން ސިޓީ ކައުންސިލްގައި ހަ ޑިޕާޓްމަންޓެއް އުފައްދާ ވިލިމާލެ އާއި ހުޅުމާލެއަށް ހާއްސަ ދެ ޑިޕާޓްމަންޓް އުފެއްދުމަށް ވަނީ ނިންމާފައެވެ. މުއިއްޒު ވިދާޅުވީ މާލެއިން ލިބޭ ހުރިހާ ހިދުމަތްތައް ވިލިމާލެ އާއި ހުޅުމާލޭގައި ގާއިމު ކުރެވޭ ޑިޕާޓްމަންޓުން ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.