ރެޑްބްލް

ރެޑްބުލް ދަޅެއްގެ އަގު 20ރ. އަށް ވައްޓާލައިފި

Nov 10, 2015
2
  • ވަކިން ދަޅެއް ވިއްކަނީ 20ރ. އަށް
  • މާލޭގައި ރެޑްބުލް ކޭހަކުން 90ރ. ހެޔޮ
  • އަގު ހެޔޮކުރީ ޔޫރޯގެ އަގު ހެޔޮވުމުން

ރާއްޖެ އާއި ދުނިޔޭގެ ބާޒާރުގައި އެންމެ މަގުބޫލު އެނާޖީ ޑްރިންކް ކަމަށްވާ "ރެޑްބުލް" ދަޅެއްގެ އަގު 20ރ. އަށް ޔޫރޯ މާކެޓިން އިން ހެޔޮކޮށްފި އެވެ.

ރާއްޖެއަށް ރެޑްބުލް އެތެރެކުރާ ޔޫރޯ މާކެޓިންގެ ކޮމާޝަލް މެނޭޖަރު މުހައްމަދު ފަހުމީ މިއަދު ވިދާޅުވީ ކުރިން 25ރ. އަށް ވިއްކަމުން ދިޔަ ރެޑްބުލް ދަޅަކުން ފަސް ރުފިޔާ ހެޔޮ ކުރުމާއެކު މިހާރު ވަކިން ދަޅެއް ވިއްކާނީ 20ރ. އަށް ކަމަށެވެ.

"އަގަށް ބަދަލު ގެނައީ ޔޫރޯގެ އަގު ހެޔޮވުމުން. އެހެންވެ ޔޫރޯ މާކެޓިން އިން ބޭނުންވަނީ ޔޫރޯގެ އަގަށް މިއައި ބަދަލު ރައްޔިތުންނާ ހަމައަށް ޕާސް ކުރަން،" ފަހުމީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ޔޫރޯއަކަށް ދިވެހި ރުފިޔާ ޖެހުނީ 24ރ. އެވެ. ނަމަވެސް މިހާރު ޔޫރޯގެ އަގު ވަނީ ރާއްޖޭގައި 17-18ރ. އަށް ވެއްޓިފަ އެވެ.

ފަހުމީ ވިދާޅުވީ އަގަށް މިއަދު ގެނައި ބަދަލާއެކު މާލޭގައި ރެޑްބުލް ކޭހަކުން 90ރ. ހެޔޮވެގެން ގޮސްފައިވާ ކަމަށެވެ.

"މިހާރު އަގަށް މިއައީ ވަރަށް ބޮޑު ބަދަލެއް،" ފަހުމީ ވިދާޅުވި އެވެ.

ރެޑްބުލްގެ އަގު ރާއްޖޭގެ ބާޒާރުގައި ހެޔޮކުރިއިރު، ރެޑްބުލްއިން ދާދިފަހުން ވަނީ "ރެޑްބުލްގެ ރެޑް އެޑިޝަން" ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. ރެޑްބުލް ރެޑް އެޑިޝަން އަކީ ރެޑްބުލް އެނާޖީ ޑްރިންކްގެ ފޯމިއުލާ ބޭނުނުކޮށްގެން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. އެކަމަކު ރެޑް އެޑިޝަންގެ ތަފާތަކީ ރަހަ އާއި ކުލައިގެ ތަފާތެވެ. ރެޑް އެޑިޝަން އަކީ ކްރޭންބެރީ ފްލޭވާ އެކުލެވިގެންވާ ޑްރިންކެކެވެ. އަދި މި ޑްރިންކްގެ ކުލައަކީ ރަތްކުލަ އެވެ.