ދުނިޔެ

"ރަޝީދާ ތިޔައީ ހިތްވަރުގަދަ ފަހުލަވާނެއް!"

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މިޝިގަން ތަމްސީލް ކުރައްވާ މެމްބަރު ރަޝީދާ ތަލީބްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި އެކަމަނާ އަކީ އަނެކާއަށް އަޅާލައްވާ ހިތްވަރުގަދަ ފަހުލަވާނެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑަން ވިދާޅުވީ އިޒްރޭލުން ޖަހައިގެންފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރަޝީދާގެ އާއިލާއަށް ހެޔޮ ދުއާ ކޮށްދެއްވާނެ ކަމަށެވެ.

ރަޝީދާ ތަލީބް ނިސްބަތްވެ ވަޑައިގަންނަވަނީ ފަލަސްތީން ދަރިކޮޅަށެވެ. އެކަމަކު އެކަމަނާއަކީ އެމެރިކާގެ ރައްޔިތެކެވެ. ގާނޫނު ހަދާ މަޖިލީހުގައި ޑިމޮކްރެޓިކް މެމްބަރެކެވެ. އެކަމަނާގެ އާއިލާ އޮތީވެސް އަދި ދިރިއުޅެނީ ފަލަސްތީންގައި ހުޅަނގު އައްސޭރީގަ އެވެ. ރަޝީދާގެ މާމަ އަދި ވެސް ދިރި ދުނިޔޭގައި އެބައިނެވެ.

"އަޅުގަނޑު މިދަންނަވަނީ ހިތުގެ އެންމެ ފުނުން،" ބައިޑަން ވިދާޅުވި އެވެ. "ރަޝީދާގެ މާމަ އާއި އާއިލާއަށް ދުއާކޮށްދޭނަން"

ބައިޑަން ވިދާޅުވީ ހުޅަނގު ސަހަރާގައި ދިއުޅޭ ރަޝީދާގެ އާއިލާއަށް ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވާ ކަމަށާއި ހާލު ބައްލަވާނެ ކަަމަށެވެ.

އިޒްރޭލުން ފަލަސްރީނުގައި ހިންގާ ޖަރީމާތަކަށް ވަރަށް ކެރިވަޑައިގެން ރަޝީދާ ގެންދަވަނީ ފާޅުގައި ބަސް ވިދާޅުވަމުންނެވެ. ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގެންނެވި ނަމަވެސް ފަލަަސްތީނާ ދެކޮޅަށް އެމެރިކާއިން ކުރާހާ ކަމަކަށް އެނާ ރުހިވަޑައި ނުގަންނަވަ އެވެ. އަދި ފެނިވަޑައިގަންނަވާ ގޮތް ސީދާ ބައިޑަންއަށް ދަންނަވަ އެވެ.

ރަޝީދާ ވިދާޅުވީ އެމެރިކާއިން ވަކި ކޮޅަކަށް ބުރަވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އަދުލުވެރިވެ ވަޑއިގަތުމަށް ބައިޑަންއަށް ދަންނަވާނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް އަރައިގަނެ ގާޒާއަށް ގެމުން ގެންދާ މިސައިލް ހަމަލާތަކުގައި 217 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 63 ކުދިންނާޢި 36 އަންހެނުން ހިމެނެ އެވެ.