މޯލްޑިވްސް ޕޮލިސް ސާވިސް

ހަރުކަށި ފިކުރުގެ މީހާގެ ބަންދަށް 15 ދުވަސް

ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.

ރޭ ހައްޔަރުކޮށްފައިވަނީ ހއ. މޮޅަދޫއަށް ނިސްބަތްވާ އަބްދުﷲ އަލި މަނިކެވެ. ނަމަވެސް ފުލުހުން އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

ފުލުހުން ދެންމެ ބުނީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގަައި މާލެއިން ހައްޔަރު ކުރި 49 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރަން ފުލުހުން ހޯދި ކޯޓް އަމުރުގައި އޭނާގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ދީނީ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމަށް މާލޭ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަަދައިގެން ނަމާދުކޮށް އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ ކަމަށް ބުނެފައިވެއެވެ. އަދި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަކީ ސަބަބުވެރި އަމަލެއްކަމުގައި ދައްކުވައިގެން ރާއްޖެއިން ޖިހާދު ކުރުމަށް މީހުން ފޮނުވާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.

މީގެ އިތުރުން ޖިހާދަށް މީހުން ފޮނުވަން ރެކްރޫޓްކޮށް ދިވެހިރާއްޖޭގައި ހަަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.

އަބްދުﷲ އަލި މަނިކަކީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ހިމަންދޫގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހެކެވެ.