ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އީސައާއި ގުޅޭ މިފަދަ މައްސަލައެއް ބަލަމުންދާ ކަމަކަށް ފުލުހުން ނުބުންޏެވެ. އެކަމަކު ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށް ބުންޏެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅޭ ބައެކެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އެވެ.
އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގި ވަގުތު ފުލުހުން ވެސް ވަނީ އެތަނަށް ގޮސްފަ އެވެ. އަދި އީސަގެ އަންހެނުން އެ ވަގުތު އައިޖީއެމްއެޗަށް ގެންދެވުނު ކަމަށްވެސް އެނގިފައިވެ އެވެ.
އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލާގައި އަޒްރާ މިއަދު ފުލުހުންނަށް ބަޔާނެއް ދީފައިވެ އެވެ. އަވަސް އިން އީސަ އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އީސަގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެެ.