ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރިން ޖީއެސްޓީގެ ބަދަލުގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ނެގުމަށް ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ޓޫރިޒަމާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ވަކި ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ނަގަނީ ޖީއެސްޓީ އެވެ.
ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީސާ މިއަދު ވަނީ ޓޫރިސްޓް ރިޒޯޓެއްގެ ކޮޓަރިއެއް ނުވަތަ ވިލާއެއް ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމުގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ގާނޫނުގެ ދަށުން ނަގަމުން އައި ޖީއެސްޓީ ނެގުން ނިމުމަކަށް ގެނެސް އޭގެ ބަދަލުގައި އެފަދަ މުއާމަލާތްތަކުން ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ނެގުމުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާ ގުޅޭ ގޮތުން މެންބަރުން ދިރާސާ ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސިޔާސީ ގޮތުން ވިސްނުންފުޅު ގެންގުޅުއްވާ (މެންބަރުން) މި ބިލުން ޖީއެސްޓީ ކަނޑާލަނީއޭ. ވިޔަފާރިވެރިންނަށް، ރިސޯޓް އޯނަރުންނަށް އަނެއްކާވެސް ސަރުކާރުން ފޭވާ ކުރަނީއޭ. މި ވިސްނުން ގެންގުޅުމުގެ ބަދަލުގައި ޖީއެސްޓީ ކަނޑުއްވާލައްވާފަ ތައާރަފުކުރާ ރިއަލް އެސްޓޭޓް ޓެކްސްގެ ސަބަބުން ދައުލަތުގެ އާމްދަނީ ވާނީ އިތުރުތީ މަދުތޯ މި ދިރާސާވެސް ރަނގަޅަށް ކުރެއްވުމަށްފަހު ހަރުދަނާ ވާހަކަތަކެއް ދެއްކެވުން،" އީސާ ވިދާޅުވި އެވެ.
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރި
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށްދޭ ވިލާ ނުވަތަ ކޮޓަރިއަކީ ޓޫރިސްޓް ރިޒޯޓުގެ ނުވަތަ އިންޓަގްރޭޑަޑް ޓޫރިސްޓް ރިޒޯޓުގެ ސައިޓް ޕްލޭންގައި ހިމެނޭ، އެ ރިޒޯޓުގައި ހިމެނޭ އެހެނިހެން ތަންތަނާ ވަކިން، ވަކި ބައުންޑަރީއެއް ކަނޑައެޅިފައިވާ ގޮތަށް އިމާރާތްކޮށްފައިވާ ކޮޓަރިއެއް ނުވަތަ އެއް ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހިމެނޭ ވިލާ އާއި އެތަނުގައި ހިމެނޭ އެންމެހައި ތަންތަނާއި، އެތަނުގައި ހަރުކޮށްފައިވާ ހުރިހާ އެއްޗަކާއި، އެންމެހައި ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެއްޗެވެ.
އެތަންތަނަކީ ރިޒޯޓުގެ އާންމު ހިދުމަތުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުަތާއި ރިޒޯޓަށް އަރާ ފޭބުމާއި ކޮޓަރި ނުވަތަ ވިލާއަށް ވަދެ ނުކުތުމުގެ ހައްގު ލިބިދެވޭ ގޮތަށް ހަމަޖެހިފައިވާ ތަންތަން ކަމުގައި ވާންވާނެ ކަމަށް ގާނޫނުގައިވެ އެވެ.