ރައީސް އޮފީސް

ލިސްޓްގައި ހިމެނޭ ބޭފުޅުންގެ މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން ވަކިކުރާނެ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ކޮމިޓީ ހިމެނޭ ސަބް ކޮމިޓީން ދިރާސާކޮށް އެކުލަވާލި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ރިޕޯޓްގައި 281 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި 119 ބޭފުޅެއް ހިމެނެ އެވެ. އަދި އެމްޑީޕީއާއި ޕީޕީއެމް އަށް ނިސްބަތްވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރެއްވެސް ލިސްޓުގައި ހިމެނެ އެވެ. އެ ލިސްޓް މަޖިލީހުން ވަނީ އާންމުވެސް ކޮށްފަ އެވެ.

ނަމަވެސް ލިސްޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މިވަގުތު މަގާމުތަކުގައި ތިއްބެވީ ވަރަށް މަދު ބޭފުޅުން ކޮޅެކެވެ. މިނިސްޓަރުންގެ ތެރެއިން ލިސްޓްގައި ނަން އޮތީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އެކަންޏެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ތެރެއިން ޕްލޭނިން މިނިސްޓްރީގެ އަކްރަމް ކަމާލުއްދީންނެވެ. ދެން ހިމެނިވަަޑައިގަންނަވަނީ ސަލާމަތީ ހިދުމަތްތަކުގެ ބައެއް އޮފިސަރުންނާއި ބައެއް މަޖިލިސް މެންބަރުންނެވެ.

އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ހިޔާނާތް ބަލައި އިންސާފު ގާއިމުކުރުމަށް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކޮމިޝަނެއް އުފައްދަވާ އެ ކޮމިޝަންގެ މަސައްކަތްތަކާއެކު ދެން އަޅުއްވާނެ ފިޔަވަޅުތައް މާކުރިން ފެށިގެން ނިންމަވާފައިވާ ކަމަށެވެ. ކޮމިޝަންގެ މަަސައްކަތްތައް ހަލުވި ކުރެވި ވީހާވެސް އަވަހަށް އެ މައްސަލަތައް ނިންމުމަކީ ރައީސް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެއް ކަމަށާ އެ ކޮމިޝަންގެ މަަސައްކަތްތައް ވަރަށް ގާތުން ރައީސް ބައްލަވަމުން ގެންދަވާ ކަމަށެވެ.

މަބުރޫކް ވިދާޅުވީ ކޮމިޝަންގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ފޮނުވުމުން އެ މައްސަލާގައި ދައުވާ ކުރުމާމެދު ޕީޖީން ގޮތްތަކެއް ނިންމުމާ އެކު އެ ބޭފުޅަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"ރީޒަނަބަލް ޑައުޓެއް އޮތް ކަން ނިންމޭނެ ހިސާބެއް އެއީ ޕީޖީން އެ މައްސަލަ ބަލާ ދައުވާ ކުރަން ފޮނުވޭ ހިސާބު. އެހެންވީމަ އެ ހިސާބުން ރައީސް ފިޔަވަޅު އަޅުއްވާނެ. ކޮންމެހެން ކޯޓް މަރުހަލާ ނިމެންދެން މަޑެއް ނުކުރައްވާނެ،" މަބުރޫކް ވިދާޅުވި އެވެ.


އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓް މަޖިލީހާ ހިއްސާ ކުރުމުން އެ ލިސްޓް މަޖިލީހުން އާންމު ކުރި ގޮތާމެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ މަޖިލީހުން ގާނޫނުތަކާއި ހިލާފަށް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށްވެސް ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މަބުރޫކް ވިދާޅުވީ ކޮމިޝަންގެ ހޯދުންތައް ހިއްސާކޮށް ދިނުމަށް މަޖިލީހުން އެދިވަޑައިގަތުމުން ހުރިހާ މައުލޫމާތެއް ހިއްސާކުރެއްވުމަށް ރައީސް އެންގެވި ކަމަށެވެ. އަދި އެ މައުލޫމާތު ސަރުކާރުން ހިއްސާކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީއާ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.

އާންމުކުރި ލިސްޓްގައި ތަހުގީގުގައި އެއް ފަހަރުވެސް ސުވާލުކޮށް ނުލައި އެތައް ބައެއްގެ ނަންތައް ހިމެނިފައިވާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވެސް ވަނީ ބުނެފަ އެވެ. އަދި ލިސްޓްގައި ހިމެނޭ ހުރިހާ މީހުންނަކީ ކުށްވެރިން ކަމަށް ނުބެލުމަށާއި އެ ލިސްޓަށް އަދިވެސް ބައެއް ބަދަލުތައް އަންނާނެ ކަަމަށްވެސް ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.