ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފެށި ނަމަވެސް ސަރުކާރުން އެ މައްސަލާގައި މަތިޖަހާ ފޮރުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އީސައާއި ގުޅޭ މިފަދަ މައްސަލައެއް ބަލަމުންދާ ކަމަކަށް ފުލުހުން ނުބުންޏެވެ. އެކަމަކު ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށް ބުންޏެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އީސަގެ ގެވެށި އަނިޔާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޭނާ ދިިރިއުޅޭ އިމާރާތުގެ އެހެން ފްލޯއެއްގައި އުޅޭ ބައެކެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ މައްސަލަތައް ކިތަންމެ ވަރަކަށް ހުށައެޅި ނަމަވެސް އެމްޑީޕީގެ މަޖިލީސް މެންބަރުންނާއި މިނިސްޓަރުންގެ މައްޗަށް ގާނޫނު ހިންގުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވަނީ ހަމައެކަނި އެމްޑީޕީއަށްޓަކައި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
"ނަމެއްގައި ގާނޫނު ހިންގުން ހުއްޓާލަން އެބަޖެހޭ. ކަށަވަރު މަތިޖަހާ ފޮރުވާނެ،" އީސަގެ މައްސަލަ ނުބަލާނެ ކަމަށް ވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލަ އެވެ.
އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާ އެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގި ވަގުތު ފުލުހުން ވެސް ވަނީ އެތަނަށް ގޮސްފަ އެވެ. އަދި އީސަގެ އަންހެނުން އެ ވަގުތު އައިޖީއެމްއެޗަށް ގެންދެވުނު ކަމަށްވެސް އެނގިފައިވެ އެވެ.
އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލާގައި އަޒްރާ މިއަދު ފުލުހުންނަށް ބަޔާނެއް ދީފައިވެ އެވެ. އަވަސް އިން އީސަ އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އީސަގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެެ.