އެމްޑީޕީ

އީސައަށް އެމްޑީޕީން ފިޔަވަޅު އަޅައިފި

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ގެވެށި އަނިޔާގެ ކުށްތަކެއްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހުގީގެއް އަވަހަށް ހިންގަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގެވެށިއަނިޔާ އާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާ އާއި އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެ ޕާޓީން އެއްގޮތަކަށް ވެސް ޓޮލަރޭޓް ކުރާނޭ އަމަލުތަކެއް ނޫން ކަމަށެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އީސާ ތަމްސީލު ކުރައްވާ ކޮމެޓީތަކުގެ މުގައްރިރު ކަމުން އޭނާ އެކަހެރި ކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވަނީ ނިންމާފައެވެ.

އެ ޕާޓީން ބުނީ އީސަގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާއީ ތަހުގީގު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.