އެމެރިކާގެ ރައީސް ޖޯ ބައިޑަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅުއްވައި ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ. ބައިޑަން ވިދާޅުވީ ހަމަލާތަކަށް މިއަދުން މިއަދަށް ހެޔޮ ބަދަލު އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ދެކޮޅުން ވެސް ދޫދޭން ޖެހިފައިވާ ކަމަށެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކާއި ހަމާސްއާ ދެމެދު ބަދަލު ކުރަމުން ގެންދާ ހަމަލާތަކުގެ ސަބަބުން ގާޒާއިން މަރުވާ މީހުން އިތުރުވެ އަދި ވަކިން ހާއްސަކޮށް ކުޑަކުދިންނައި އަންހެނުން މަރުވާ ރޭޓް ބިރުގަންނަ ވަރަށް ދަނީ އިތުރު ވަމުންނެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ޖެހިލުމެއް ނެތި ގާޒާއަށް މިސައިލް ހަމަލާތައް ދެމުން ގެންދަނީ އެމެރިކާއިން އަޅައިނުލާތީ އެވެ. އެހެނެއް ކަމަކު ރައީސް ޖޯ ބައިޑަންނަށް އެމެރިކާގެ ތެރެއިންނާއި ބޭރުން ކުރިމަތިވެ ވަޑައިގެންފައިވާ ޕްރެޝަރު ލުއި ކުރުމަށްޓަކައި ކޮންމެވެސް ފިޔަވަޅެއް އަޅުއްވަން ވަނީ ޖެހިވަޑައިގެންފަ އެވެ.
ވައިޓް ހައުސްއިން ބުނީ ހަމާސްއިން އިޒްރޭލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތަކުން އިޒްރޭލަށް ވެސް ބޮޑެތި ގެއްލުން ވަމުންދާ ކަމަށާއި މަސްރަހު މިހާރުން މިހާރަށް ފިނި ކޮށްގެން މެވުނީ ހާލަތު ބަދަލު ނުވާނެ ކަމަށް ބައިޑަން ނަތަންޔާހޫއަށް ދެންނެވި ކަމަށެވެ.
އިޒްރޭލުން ގާޒާއަށް އަރައިގަތީ އެތައް ދުވަހެއް ވަންދެން ފަލަސްތީން އާންމުން ރުޅިއެރުވުމަށް ފަހު އެވެ. އެގޮތުން މަސްޖިދުލް އަގްސޯގައި ތަރާވިސް ނަމާދަށް ތިބި އާންމުންނަށް ހަމަލާދީ ސަފުތައް ބުރުވާލި އެވެ. އަދި ޝެއިހް ޖައްރާހް އަވަށުން ފަލަސްތީން އާއިލާތައް ބޭރުކޮށް ނަސްލު ނައްތާލަން އަނިޔާވެރި އަމަލުތަކެއް ވެސް ހިންގި އެވެ.
ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ސިނާއީ މަރުކަޒުތަކާއި އުސް އިމާރާތްތައް އިޒްރޭލުން ވަނީ ބިމާ ހަމަކޮށްފަ އެވެ. ސުކޫލްތަކާއި އިޖުތިމާއީ މަރުކަޒުތައް އަދި މީޑިއާ އޮފީސްތައް ގޮއްވާލައި ވަނީ އަޅިއަށް ހަދާފަ އެވެ.
އިޒްރޭލުން އިރުމަތީ ގުދުސް ޖަހަގައިގަތީ 1967 ވަނަ އަހަރު ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ. އެއަށް ފަހު އިޒްރޭލުން ދަނީ ގުދުސްގައި ޔަހޫދީން ގެދޮރުވެރި ކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންތައް ވިއްކައި އިމާރާތް ކުރަމުންނެވެ.