ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

105 ރަށެއްގައި 2969 އެކްޓިވް ކޭސް

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާއިރު މިވަގުތު 105 ރަށެއްގައި 2969 އެކްޓިވް ކޭސް އެބަހުރި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ ކޮވިޑް ކޭސްތަކެއް ފެނިގެން 63 ރަށެއް އޮތީ މޮނިޓަރިންގައި ކަމަށެވެ. އަދި 105 ރަށެއްގައި ބަލި މީހުން ތިބިއިރު އެ ރަށްރަށުގައި ޖުމްލަ 2969 މީހަކަށް ވަނީ ބަލިޖެހިފައެވެ.

އެ ސެންޓަރުން ބުނީ ރަށްރަށުގައި ބަލި ފެތުރޭ ސަބަބުތަކުގެ ތެރޭގައި ކަރަންޓީން އުސޫލާއި ހިލާފުވުން ހިމެނޭ ކަމަށެވެ. އެހެން ކަމުން ކަރަންޓީންގައި ތިބޭ މީހުން ކަރަންޓީން މުއްދަތު ފުރިހަމަ ވަންދެން ތިބުމަށް ވަނީ އެދިފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 18،843 މީހުންނެވެ. މިހާތަނަށް 29،644 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 274 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަތް މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. ރާއްޖެއިން މިހާތަނަށް 112 މީހަކު ވަނީ މަރުވެފައެވެ.