ސަލްމާން ހާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ 3" އިއުލާން ކުރީއްސުރެ އެކި ކަހަލަ ހުރަސްތައް ފިލްމުގެ ޝޫޓިންގަށް ދަނީ ކުރިމަތި ވަމުންނެވެ. ފިލްމު ފަށަން ތައްޔާރުވީތަނާ ފުރަތަމަ ދިމާވީ ކޮވިޑް-19 އިގެ ވަބާގެ ސަބަބުން ލޮކްޑައުން ކުރުމުން ދިމާވި މައްސަލަ ތަކެވެ. ދެ ވަނަ ކަމަކަށް ދިމާވީ ކެޓުރީނާ ކޮވިޑަށް ޕޮޒިޓިވް ވުމެވެ.
ކެޓުރީނާ ބަލިން ފަސޭހަ ވުމުން ވަރަށް ބާރަށް ޝޫޓިން ފެށި އެވެ. ނަމަވެސް އަނެއްކާވެސް އިތުރު ހުރަސްތަކެއް ފިލްމަށް މިހާޜު ވަނީ ކުރިމަތިވެފަ އެވެ. އެއީ "ޓައުޓޭ" ތޫފާނުގެ ސަބަބުން ދިމާވި މައްސަލަ ތަކެވެ. އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިލްމު ސިޓީގައި ތައްޔާރު ކޮށްފައިވާ "ޓައިގާ 3" ގެ ސެޓަށް ތޫފާނުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ފޯރާފަ އެވެ.
ސިނެމާގައި މަސައްކަތްކުރާ މީހުންގެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ތޫފާނުގައި އެންމެ ބޮޑު ގެއްލުމެއްވީ ފިލްމު ސިޓީ އަށެވެ. މިއީ ގިނަ އަދަދެއްގެ ފިލްމުތަކާއި ސިލްސިލާތައް ޝޫޓް ކުރަމުންދާ ތަނެކެވެ. ނަމަވެސް އެތަން ބަންދު ކޮށްފައި ހުރުމުން މީހަކަށް ނުވަތަ އެތެރޭގައި އެތެރޭގައި ހުރި އެއްޗިއްސަށް ގެއްލުމެއް ނުވެ އެވެ.
"ޓައިގާ 3" އަކީ ޓައިގާ ސިލްސިލާގެ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ވަނީ "އޭކް ތާ ޓައިގާ" އާއި "ޓައިގާ ޒިންދާ ހޭ" ރިލީޒް ކޮށްފަ އެވެ. ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ހުރިހާ ފިލްމެއްގައި ވެސް ލީޑް ރޯލު ކުޅެނީ ސަލްމާނާއި ކެޓްރީނާ އެވެ.