ބޮލީވުޑް

ސަލްމާނާއި ކެޓުރީނާގެ "ޓައިގާ 3" މާޗްމަހު ތުރުކީގައި ފަށަނީ

"ޓައިގާ" ފްރެންޗައިސްގެ ތިން ވަނަ ފިލްމު "ޓައިގާ 3"ގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ. ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ލީޑް ރޯލު ކުޅޭ މި ފިލްމުގެ ފުރަތަމަ ޝެޑިއުލް އަންނަ މާޗު މަހު ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ކުރިޔަށް ގެންދަން މިހާރު ވަނީ ނިންމާފަ އެވެ. ކުރިން ހަމަޖެހިފައި އޮތީ މި ޝެޑިއުލް ޔޫއޭއީގައި ކުރިއަށް ގެންދާށެވެ.

މިއީ 2019 ގައި ރިލިޒްކުރި "ބާރަތު" އަށް ފަހު ސަލްމާނާއި ކެޓުރީނާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ކެޓުރީނާ މި ވަގުތު ބިޒީކޮށް އުޅެނީ "ފޯނު ބޫތު"ގެ ޝޫޓިންގްގައި އިންޑިޔާގެ އުދައިޕޫރުގަ އެވެ. މި ފިލްމުގައި ކެޓުރީނާ އާއެކު ލީޑް ރޯލު ކުޅެނީ އިޝާން ޚައްތަރު އާއި ސިދާންތު ޗަތުރަވޭދީ އެވެ.

ސަލްމާން މިހާޜު ޝޫޓްކުރަމުންދަނީ "އަންތިމް – ދަ ފައިނަލް ޓްރުތު" އެވެ. މި ފިލްމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ބާކީ އޮތީ އެންމެ ލަވައެއްގެ ޝޫޓިންގެވެ.

ސަލްމާނާއި ކެޓުރީނާ މިހާރު ކުޅޭ ފިލްމުތައް ނިމުމާއެކު ދެ އެކްޓަރުން ވެސް ދެން އެނބުރޭނީ "ޓައިގާ 3"ގެ މަސައްކަތަށެވެ.

މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރު ހިމެނޭ ބޮޑު ފިލްމަކަށް ވާތީ ޔޫއޭއީގައި ފިލްމު ޝޫޓްކުރުން ފަސޭހަކަމެއް ނޫންކަމަށް ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްޅާ އަށް ގަބޫލުކުރެވިގެން ފިލްމު ތުރުކީގައި ޝޫޓްކުރަން ވަނީ ނިންމާފަ އެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ޓައިގާ 3" ޑައިރެކްޓް ކުރަނީ މަނީޝް ޝަރުމާ އެވެ.