ކެޓުރީނާ ކައިފް އާއި ސަލްމާން ޚާން ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހި ވެގެން އުޅުނުކަން އެއީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. އަދި އެ މީހުން ރުޅިވިތާ ވެސް މިހާރު ވަރަށް ގިނަ އަހަރުތައް ފާއިތުވެއްޖެ އެވެ. ކެޓުރީނާގެ ފިލްމީ ކެރިއަރު ކާމިޔާބު ވެފައިވަނީ ސަލްމާންގެ ވަރަށް މަސައްކަތުން ނަމަވެސް ސަލްމާންގެ ރުޅި ގަދަ ކަމާއި މިޒާޖު ހުންނަ ގޮތުން އޭނާ އާ ރައްޓެހި ވެގެން އުޅުމަކީ ކެޓުރީނާ އަށް ފަސޭހަ ކަމަކަށް ނުވީ އެވެ. އޭނާއާ ރުޅިވާން ކެޓުރީނާ ނިންމީ އެހެންވެ އެވެ.
ސަލްމާންގެ ހަޔާތަށް ކެޓުރީނާ އައީ އައިޝްވަރިޔާ ރާއީ އާއި ސަލްމާންގެ ލޯތްބަށް އައިޝްވަރިޔާ އަމިއްލައަށް ނިމުން ގެނެސް ރަސްމީކޮށް އެކަން އިއުލާން ކުރުމުގެ ސަބަބުން ސަލްމާން ވަރަށް ހިތާމައިގައި އުޅުނު ދުވަސްވަރު އެވެ. އޭނާގެ އެ ހިތާމައިގައި ބައިވެރިވެ ހިތްހަމަޖައްސައި ދޭން ކެޓުރީނާ ކުރި މަސައްކަތުގައި ދެ މީހުންނަށް އެންމެ ފަހުން ރައްޓެހިވެވުނީ އެވެ.
ކެޓުރީނާ އާއި ސަލްމާން ރައްޓެހިވެގެން އެތައް އަހަރަކު އުޅުނެވެ. އެމީހުންގެ ފޭނުން ހީކުރީ އެ ދެ ތަރިން ކައިވެނި ކުރާނެ ކަމަށެވެ. ނަމަވެސް ކައިވެނީގެ އެއްވެސް ޚަބަރެއް ނުވެ ކުއްލިއަކަށް މީޑީއާތަކަށް ފެންމަތިވީ އެމީހުން ރުޅިވި ވާހަކަ އެވެ.
ކެޓުރީނާގެ އެކުވެރިޔަކު އިންޑިޔާގެ ނޫހަކަށް ކިޔައިދިން ގޮތުގައި ސަލްމާނާ އޮތް ލޯބީގެ ގުޅުން ކެޓުރީނާ ކަނޑާލީ އެންމެ އެސްއެމްއެސް މެސެޖަކުންނެވެ. އޭރު ކެޓުރީނާ ހުރީ ރަންބީރު ކަޕޫރާއެކު އިންޑިޔާގެ އޫޓީގައި ފިލްމެއްގެ ޝޫޓިންގަށް ގޮހެވެ.
ރަންބީރާއި އޭނާގެ ލޯބީގެ ގުޅުން އޭރު ދިޔައީ ބަދަހިވަމުންނެވެ. އެހެންވެ އެނބުރި މުމްބާއި އަށް އާދެވެން ދެން ވެސް މަޑު ނުކޮށް އޫޓީގައި ހުރެގެން ސަލްމާނަށް މެސެޖުކޮށް ރުޅިވާން ކެޓުރީނާ ނިންމީ އެވެ.
ކެޓުރީނާގެ އެކުވެރިޔާ ބުނީ ސަލްމާނަށް ފޮނުވި މެސެޖުގައި ކެޓުރީނާ ބުނީ އޭނާގެ ފަރާތުން އެމީހުންގެ ލޯބީގެ ގުޅުން ނިންމާލާފައިވާ ކަމަށާއި އެކުވެރިންގެ ގޮތުގައި ދެމި ހުންނަން ބޭނުންވާ ކަމަށެވެ. މެސެޖު ލިބުމާއެކު ސަލްމާން ރުޅިގަދަވެ ކެޓުރީނާ ޝޫޓްކުރަމުން ދިޔަ ފިލްމުގެ ސެޓަށް ދާން ވެސް އުޅުނެވެ.
ކުރިން ވެސް ސަލްމާން އަތުވެދާނެ ކަމަށް ބިރުން ހުރި ކެޓުރީނާއަށް ސަލްމާން އަންނަން އުޅޭކަން އެނގުމުން ވަރަށް ހާސްވެ ހަދާނެ ގޮތް ހުސްވި އެވެ. ނަމަވެސް ފަހު ވަގުތު ޚިޔާލު ބަދަލުކޮށް ކެޓުރީނާ އާ ބައްދަލު ކުރަން ސަލްމާނެއް ނުދެ އެވެ.
ސަލްމާން ނުދިޔައީ އޭނާގެ އާއިލާގެ މީހުންނާއި އެކުވެރިން އޭނާއަށް ވިސްނައިދިނުމުން އެމީހުން ދެއްކި ވާހަކަތައް ގަބޫލު ކޮށްގެންނެވެ. އޭނާއާ ރުޅިވާން އައިޝްވަރިޔާ ނިންމުމުން ވެސް ސަލްމާން އެގޮތަށް ކަންތައްކޮށް އޭގެ ނަތީޖާ ނުކުތީ ވަރަށް ހިތިކޮށެވެ. އޭރު އައިޝްވަރިޔާ އުޅެނީ ޝާހްރުކް ޚާނާއެކު "ޗަލްތޭ ޗަލްތޭ" ގެ ޝޫޓިންގަ އެވެ. ސަލްމާން އެތަނަށް ގޮސް ޝާހްރުކް އާ އަރާރުންވެ އަދި ފިލްމު ސެޓަށް ވެސް ގެއްލުން ދިނެވެ. ނަތީޖާއެއްގެ ގޮތުން އައިޝްވަރިޔާ އެ ފިލްމުން ވަކިކުރަން ޝާޙްރުކް ނިންމި އެވެ. އަދި އެކަމާ އައި ރުޅިން އައިޝްވަރިޔާ މީޑީއާ އަށް ބޮޑު ސްޓޭޓްމަންޓެއް ދިނެވެ. އޭނާ އާއި ސަލްމާނާ އޮތް ގުޅުން އަބަދަށްޓަކައި ކަނޑާލައިފި ކަމަށާއި ދުވަހަކު ވެސް ސަލްމާނާއެކު ފިލްމު ވެސް ނުކުޅޭނެ ކަމަށް ބުނެ އެވެ.
އައިޝްވަރިޔާ މިގޮތަށް ކަންތައް ކުރިޔަސް އެ ދުވަސްވަރު ކެޓުރީނާގެ ކެރިއަރު އެހާ ރަނގަޅަށް ކުރިއަރަމުން ނުދާތީ ސަލްމާން އޭނާއަށް ގެއްލުމެއް ދޭން އުޅެފިނަމަ ކެރިއަރު ހަލާކުވާނެކަން ކެޓުރީނާއަށް ޔަގީންވެ އެވެ. އޭނާ އެހާ ބިރުން އުޅުނީ އެ ސަބަބާ ހުރެ އެވެ.
ސަލްމާންގެ ނުފޫޒާއެކު އެ ދުވަސްވަރު ކެޓުރީނާ އަށް ވަރަށް ބޮޑެތި ފިލްމުތަކެއް ކުޅެން ލިބިފައި ވެއެވެ. އަދި ކޮންމެ ފިލްމަކަށް އޭނާ ކިޔާ އަގު ވެސް އިންތިހާއަށް ބޮޑުކޮށްފައި ވެއެވެ. ވީމާ މިފަދަ ވަގުތެއްގައި ސަލްމާނާ ރުޅިވުމުގެ އަގު ވަރަށް ހިތިކޮށް ފެނިދާނެ ކަމަށް ކެޓުރީނާ ވަރަށް ހާސްވި އެވެ.
ނަމަވެސް އައިޝްވަރިޔާގެ ތަޖުރިބާއަށް ފަހު އެފަދަ ގޮތަކަށް ކެޓުރީނާ އަށް ކަންތައް ކުރަން ސަލްމާން ބޭނުން ނުވީ އެވެ. އަދި ކެޓުރީނާ އޭނާ އާ ރައްޓެހިވެގެން އުޅެމުން ރަންބީރު އާ ލޯބީގެ ގޮތުން ގުޅުނު ކަން އެނގި ހުރެ ވެސް އެކަމާ އެއްވެސް އެއްޗެއް މީޑިއާގައި ސަލްމާން ނުބުނެ އެވެ.
ރަންބީރު އާ ބައްދަލުވުމުގެ ކުރިން ވެސް ކެޓުރީނާ ހުރީ ސަލްމާން ދެކެ ފޫހިވެ އޭނާއާ ލޯބީގެ ގުޅުން ކަނޑާލަން ބޭނުންވެފަ އެވެ. އެހެންވެ ރަނގަޅު ފުރުސަތަކާއި ރަނގަޅު ލޯބިވެރިޔަކު ލިބުމުން އަވަހަށް އެކަން ކޮށްލީ އެވެ.
ކެޓުރީނާ ބޭނުންވި ގޮތަށް ސަލްމާން އޭނާ އާ އޮތް ގުޅުން ކަނޑައެއް ނުލަ އެވެ. ލޯބީގެ ގުޅުން ނެތަސް އެކުވެރިކަން ބޭއްވި އެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ އާއި ކެޓުރީނާގެ މެދުގައި ރަނގަޅު އެކުވެރިކަމެއް އެބައޮތެވެ.
ރަންބީރު އާއި ކެޓުރީނާ ރުޅިވެ އެކަމުގެ ހިތާމަތައް ލިބުމުން ވެސް ކެޓުރީނާ އެންމެ ފުރަތަމަ ދުވެފައި ދިޔައީ ސަލްމާން ކައިރިއަށެވެ. އަދި އެމީހުންގެ ގުޅުން އަލުން އާ ކުރެވޭތޯ ވެސް ކެޓުރީނާ މަސައްކަތް ކުރި ކަމަށް ވެއެވެ. ނަމަވެސް ސަލްމާން އޭރު ހުރީ ކެޓުރީނާ މަތިން ހަނދާން ނައްތާލާ އޫލިއާ ވަންތޫރާ ލޯބީގެ ގޮތުން ގުޅިފަ އެވެ. އެހެންވެ ކެޓުރީނާ އާ އަލުން ކުޅެން އޭނާ ބޭނުމެއް ނުވި އެވެ.