ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފި

Nov 10, 2015
2

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ހަ ދުވަސް ފަހުން ރައީސުލް ޖުމްހޫރިއްޔާ އުވާލައްވައިފި އެވެ. ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފާރާތްޕުޅުން އެކަން އިއުލާން ކުރެއްވީ ބަންޑާރަ ނައިބު މުހަންމަދު އަނިލް އެވެ.

ގާނޫނު އަސާސީ 253 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު މެންދުރު 12:00 ޖެހި އިރު އެވެ. ކުއްލި ހާލަތު މި އުވާލީ ހަ ދުވަހާ ހަތަރު ގަޑިއިރު ފަހުން މިއަދު ހަވީރު 5:00 ޖެހި އިރު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާން ކުރައްވަމުން ބަންޑާރަ ނައިބު އަނިލް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މިމަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރާ ގޮވާ ތަކެތި ފެނިފައިވާތީ އާ ފަދަ ތަކެތިން ބަޔަކު ހަމަލާ ދޭން މަސައްކަތް ކުރާ ކަމުގެ މައުލޫމާތެއް ފުލުހުންނާ ސިފައިންނަށް ލިބުމުން އެއީ ރާއްޖޭގެ ސަލާމަތާއި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ގަބޫލުފުޅު ކުރެވުމުން ކަމަށެވެ.

އަދި ކުއްލި ހާލަތު އިއުލާނު ކުރިތާ ހަ ދުވަސް ފަހުން، ހާލަތު ނިމުމަކަށް ގެންނަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވީ، ހަތިޔާރާއި ގޮވާތަކެތީގެ މައްސަލަޔާ ގުޅިގެން ސަލާމަތީ ބާރުތަކުން ފެށި ތަހުގީގަށް މުހިއްމު ކުރިއެރުން ލިބި، އެފަދަ ތަކެތި ބޭނުންކުރަން މަސައްކަތް ކުރި ބައެއް މީހުން މިހާރު ހައްޔަރު ކޮށްފައިވާތީއާ ރާއްޖެއާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް ސަލާމަތީ ބާރުތަކުން އަޅާފައިވާކަމަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށް އޭޖީ އަނިލް ވިދާޅުވި އެވެ.

".. އިސްވެ ދެންނެވުނު މައްސަލަޔާ ގުޅިގެން ސަލާމަތީ ބާރުތަކުން ކުރަމުންދާ ތަހުގީގަށް މުހިއްމު ކުރިއެރުންތަކެއް އައިސްފައިވާ ކަމަށާއި ނުރައްކާތެރި ހަތިޔާރާ ގޮވާތަކެތި ބޭނުންކުރަން މަސައްކަތް ކުރ މީހުންގެ ތެރެއިން ބަޔަކު މިހާރު ހައްޔަރު ކޮށްފައިވާތީ އާއި، ދިވެހި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި، އަދި ގައުމީ ސަލާމަތް ދެމެހެއްޓުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އެޅފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ރައީސުލް ޖުމްހޫރިއްޔާއަށް މިވަގުތު މައުލޫމާތު ދެއްވާފައިވާތީ،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވި ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެންނަން ބައިނަލް އަގުވާމީ މުޖުތަމައުތަކުން އެދުނު އެދުމަކީ ވެސް ހާލަތު އަނބުރާ ނަންގަވަން ރައީސް ބޭނުންފުޅުވި އެއް ސަބަބެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށާ، ޓޫރިޒަމް ގެ ދާއިރާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަކީވެސް ހާލަތު އަނބުރާ ނަންގަވަން ރައީސް ނިންމެވި މައިގަނޑު އެއް ސަބަބު ކަމަށް އަނިލް ވަނީ ވިދާޅުވެފަ އެވެ.

"ދިވެހި ރާއްޖޭގަ އުޅޭ އެންމެހާ މީސްތަކުންގެ އެންމެހާ ހައްގުތަކާ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިއްބައިދިނުމަކީ މުހިއްމުކަމެއް ކަމުގައި ދެކިވަޑައިގަންނަވާތީ އާ، އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް އާންމު ހާލަތަށް ވީ އެންމެ އަވަހަށް ރުޖޫއަ ވުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއާ، ކުއްލި ނުރައްކަލުގެ ހާލަތު ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެނައުމަށް ބައިނަލް އަގުވާމީ ފަރާތްތަކަކުން އެދެމުންދާތީ އާ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށާ، ޓޫރިޒަމް ގެ ދާއިރާއަށް ލިބިދާނެ ގެއްލުން ކުޑަ ކުރުމަށްޓަކައި،" އަނިލް ވިދާޅުވި އެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ހަނިކޮށް، ހިފަހައްޓާފައިވާ ހުރިހާ ހައްގަކާ މިނިވަންކަމެއް ރައްޔިތުންނަށް މިއަދުން ފެށިގެން ލިބޭނެ އެވެ.