ރާއްޖޭގައި ވަރަށް މަތީ މިންވަރަކަށް ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތް ކަމަށް ސަރުކާރުން ނުދެކޭތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފެކްޝަން އުފެދި ބައިބައިވެފައި އޮތް އެމްޑީޕީން މިކަންބޮޑުވުން ހާމަކުރީ ނޫރު މިސްކިތުގެ ތަނބެއްގައި "ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ގައުމު ސުންނާފަތި ކޮށްލާނޭ ކަމަށް" ލިޔެ އިންޒާރުދީފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ނެރެނު ނޫސްބަޔާނެއްގައެވެ.
އެމްޑީޕީން ބުނީ މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު މިސްކިތުގެ ހުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އަދި މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރު ކަމަށެވެ.
މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓްގައި ބައެއް މިސްކިތްތަކުގައި އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭ ގޮތުން ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު ހަމަ އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ހިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާ ކަމަށް ތުހުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައިވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
"މި މިންވަރުގެ ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވާ ކަމީ މި ޕާޓީން ކަންބޮޑުވާ ކަމެކެވެ. އެހެން ކަމުން ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އިތުރަށް ސަމާލުވެވަޑައިގެން ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސްކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުން ގައުމީ މަޖިލީހުން ޖުލައި މަހުގެ 25 ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި 139 މެންބަރުންް ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް އެރޭގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ 41 މެންބަރުންނެވެ. ގަރާރު ފާސްކުރެއްވީ 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓްގައި މުޅީންވެސް ބައިވެރިވެވަޑައިގެންފައިވަނީ ރައީސް ނަޝީދުގެ ވަފާތެރިން މެންބަރުންނެވެ.
ސަރުކާރުން ފަހުން ވަނީ ކުއްލި ނުރައްކާ އިއުލާނު ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ބުނެފައެވެ.