ގެވެށި އަނިޔާ

އީސަ ހައްޔަރު ކުރަން ގޮވާ އަޑު ގަދަކޮށްފި

ގެވެށި އަނިޔާގެ ތުހުމަތުތަކެއް އަމާޒު ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހައްޔަރު ކުރަން ސޯޝަލް މީޑިއާގައި ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވަމުން ގެންދަވާ އީސަ މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން ވަނީ ފުލުހުންނަށް ބަޔާނެއް ދީފަ އެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވީ ނާއިބު ރައީސްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) އާ އެވެ. އެއީ އީސާގެ ތިންވަނަ ކައިވެންޏެވެ. އަސޫގެ ފުރަތަމަ ކައިވެންޏެވެ. އެ ދެމަފިރިންނަށް ކުއްޖަކު ވެސް ލިބިފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އީސަ އަނިޔާކުރި ކަމަށް ބުނާ މަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އަސްރާ ދިރިއުޅޭ ގޭގެ އެހެން ފްލޯއެއްގައި އުޅުނު ބަޔެކެވެ. އަސޫއަށް ލިބުނު އަނިޔާތަކާ ގުޅޭ މައުލޫމާތު ހޯދަން "އަވަސް" އިން އޭނާއަށް ގުޅުމުން ބުނީ އެކަމާ ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ގެވެށި އަނިޔާގެ ތުހުމަތާ ގުޅިގެން އީސަ ހައްޔަރު ނުކުރާތީ އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން އެފަދަ އަމަލެއް އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވަގުތުން ފިޔަވަޅު އަޅަން ވެސް ދަނީ ގޮވާލަމުން ނެވެ.

މެންބަރު އީސައަށް ފިޔަވަޅު ނާޅާތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބައެއް އިސް ފަރާތްތަކުގެ ނުރުހުން ވެސް ވަނީ އަމާޒުވެފަ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެ މައްސަލައިގައި އީސަ އަދި ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އެމްޑީޕީއަަށް ނިސްބަތްވާ އީސަ ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި އެ ޕާޓީން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މައްޗަށް ގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް މިއަދު ފޭސްބުކް ޕޯސްޓެއް ކުރައްވާ އެ މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައްވާފައި ވެއެވެ.

"އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން. ކޮންމެ ފަދަ މަގާމެއްގައި ހުރި މީހަކު ކުރި ކަމެއް ނަމަވެސް އެމީހަކު ހައްޔަރުކޮށް މައްސަލަ ބަލަން އަޅުގަނޑު ގޮވާލަން. އަޅުގަނޑު ދެކޭގޮތުގައި ޕާޓީ [އެމްޑީޕީގެ] އިންވެސް މިކަމުގައި ނަގާނެ ރައުޔަކީ މިއީ. އަޅުގަނޑު އަބަދުވެސް ހުންނާނީ އަނިޔާ ލިބުނު މީހުންނާއެކު. އިންސާފަށް ހުރަސް އަޅައިގެން ނުވާނެ" ހައިތަމް ވިދާޅުވި އެވެ.

"އީސަގެ އަމަލަކީ މުޅި މަޖިލިސް ހުރިހާ މެމްބަރުންނަށް ވެސް ލިބުނު ހުތުރެއް. ކީއްވެތޯ ފުލުހުން މި ލަސްވަނީ އީސަ ހައްޔަރު ނުކޮށްގެން" ޓްވިޓާގައި ހައިތަމް ވިދާޅުވި އެވެ.

ގެވެށި އަނިޔާ ކުރިކަމުގެ ތުހުމަތު އީސައަށް ކުރި އިރު މަޖިލީހުން އާންމުކުރި މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން މެންބަރު އީސަ ވަކި ކުރަން ވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ވެސް އޭނާ ނަން ހިމަނާފައި އޮވެ އެވެ. ނަމަވެސް އެ ހިޔާނާތުން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް އީސަ ގެންދަވަނީ ވިދާޅުވަމުން ނެވެ.