(18 މެއި 2021 އާ ގުޅޭ)
އަނތްބެއްގެ ގޮތުގައި ނޯޔާއާ މެދު ދެކެންތޯ އަހަން އޭނާ ނިންމި އެވެ. މަގަށް މަޑުކުރި ހުދުކުލައިގެ ޓެކްސީ އިން އަސްލަން ފޭބިތަން ފެނުނީ އެވަގުތެވެ. ފަހަތު ސީޓުން ކުދީން ގޮވައިގެން ފޭބީ ލޫނާ އެވެ. ބެލްކަނިން ބޭރަށް ގުދުވެލިއިރު ނޯޔާ ހީވީ ފުންމާލަން އުޅެނީ ހެނެވެ. އަޑުގެ ކޮޅަށް ހަޅޭލަވައިގަންނަން އޭނާ ބޭނުން ވިއެވެ. ފަހަތުން މީހަކު ހިފައި ތެދުކުރި ފަދައެވެ. ގުދަށް އޮވެފައި ކުއްލިއަކަށް ނޯޔާ ތެދުވެއްޖެ އެވެ. މައިދޮރާ ދިމާއަށް އޭނާ ދުއްވައިގަތެވެ. ލޫނާއާއި އަސްލަންއާ ކުރިމަތިލާން ކަހަލަ އެވެ. ސޯފާ ކައިރީ ފޯރިއާއެކު ޓީވީއަށް ގެއްލިފައި އިން އަނުމް ނުފެންނަ ކަހަލަ އެވެ. ދޮރު ހުޅުވާލި ގޮތަށް ނޯޔާ ނުކުތީ އެވެ. އިނިރޭސި ބަހުން ކުދި ކިޔަމުން ދިޔަ އެވެ. ހުތުރު ބަސްތަކުންނެވެ. މިފެންނަނީ ކުރީން ނޯޔާގެ ޠަބީއަތުން ފެނިގެން ގޮސްފައިވާ ފަދަ ކުލަވަރެއް ނޫނެވެ. އެފަދަ ގަދަ ރުޅިއަކީ އޭނާއާ ދުރު އެއްޗެކެވެ. ހުތުރު ބަހުން އެއްޗެއް ބުނާ އަޑެއް ނީވޭނެ އެވެ. މީހަކަށް އަނިޔާވެރިވުމަށް އެ ހިތަށް ނުވެސް އަރާނެ އެވެ. އެކަމަކު މިވަގުތު ނޯޔާގެ ހިތް އެދެނީ ލޫނާގެ މޫނުގައި ޖެހުނު އެންމެ ބާރަކަށް ޖަހާށެވެ. ފިރިމީހާގެ ކުރިމަތީ އެވެ. އަސްލަން ހުރީ ކިހިނެއްވެފައިތޯ ސުވާލު ކުރާށެވެ. އަނބިމީހާ ހިތްހަމަ ނުޖެހޭކަން އެނގުމުން އެ ހިސާބުން އެކަމަކާ ދުރުވުމަކީ ފިރިމިހާ ކުރަންޖެހޭނެ ކަމެކެވެ. ހާއްސަކޮށް ހިލޭ އަންހެނަކާ ދެމެދު އޮންނަ ގުޅުންތަކެވެ.
ދުވަމުން ނުކުމެ ލިފްޓުގެ ސުވިޗަށް އޮބަން ފެށި އެވެ. އޭގެ އަމިއްލަ ދުވެލީގައި އައުން ވެސް މިއަދު ނޯޔާއަށް ލަސް ވެއްޖެ އެވެ. މުއްކަވާލެވިފައިވާ ކަނާއަތުން ސުވިޗުގައި އޭނާއަށް ތެޅުނެވެ. އަވަހަށް ލިފްޓު އެބަޔަށް އާދޭތޯކަން ޔަގީނެވެ. އޭނާއަށް ރޮވެނީކަން އެނގުނީ ހުޅުވުނު ލިފްޓުގެ ތެރެއަށް ވަދެވުނު ފަހުންނެވެ. ދެ ކޯތާފަތް ތެމި ހެދުނު ރޮނގުން ތިރިއަށް ކަރުނަތައް ފައިބައިގަތް ހިނދެވެ. ސިކުނޑިއަށް އަރާފައި ހުރި ވާންކަން ކުޑަވެ ބުއްދީގެ ބޭނުން ކުރެވެންފެށީ ދެނެވެ. ބަނޑުގައި ދެއަތުން ހިފަހައްޓާލުމާއެކު ލިފްޓުގެ ތެރެއަށް ނޯޔާއަށް ތިރިވެވުނެވެ. ދެ ކަކޫ މައްޗަށެވެ. ތަދުވާން ފެށީ އޭނާގެ ބަނޑަކަށް ނޫނެވެ. މޭގައި ތެޅެމުންދިޔަ ހިތަށެވެ. އެ ހިތް ފުނޑުފުނޑު ވަނީ ކަން ގައިމެވެ. ހަމައެވަގުތުން ނޯޔާގެ ދުލުން އަނުމްގެ ނަން ކިޔާލެވުނެވެ. އެކުއްޖާ ދޫކޮށްލާފައި އޭނާ އައިކަން ހަނދާންވީއެވެ. ބައޯ ޖަހައިގެން ކުރިއަށް ޖެހެމުން ކޮޅަށް އޭނާ ތެދުވި އެވެ. ހަލުވިކޮށް އަލުން އެޕާޓްމެންޓަށް ވަންނަން ނޯޔާ އައެވެ. މައި ދޮރު ހުޅުވާލި ގޮތަށް ނުލައްޕާކަން ހުރީ އެނގުނީ ދެނެވެ. ކުޑަ ވަގުތުކޮޅަށް ވިޔަސް އޭނާގެ ހޭ ބުއްދި ފިލައިގެން ދިޔައީކަން އިހްސާސް ކުރެވި ރުއިން ބާރުވިއެވެ. ރޮމުންރޮމުން އައިސް އަނުމް އުރާލިއެވެ. އެކުއްޖާ ގޮވައިގެން އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.
"ލޫނާ މަޑު ކުރޭ... ސާރާ! މަލް ގޮވައިގެން އެތެރެއަށް ވަދޭ." ސާރާގެ ކޮނޑުގައި ހިފާލަމުން އަސްލަން ބުންޏެވެ.
"އެ ކުދީންނާއެކު އަހަރެން ދިއުން ކީއްތަވާނީ؟" ލޫނާ ބުންޏެވެ. އެ އަޑު އަސްލަން ނޭހި އެވެ. އަނެއްކޮޅުން ބައްޕަ ބަލަން ހުރި ގޮތުން ސާރާ އަވަހަށް ކޮއްކޮގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ. މަލްސާގެ އަތުގައި އޮތް ހަދިޔާ ދައްކާ ލަމުން ލޫނާއަށް އެ ކުއްޖާ ޝުކުރު އަދާކުރީ ނިކަން ހިނިއައިސްފަ އެވެ. ދެބެން ގޮސް ގޭގެ ދޮރޯށިން ވަނުމުން އަސްލަން މަޑުކުރީ ސީދާ ދޮރޯށި ކުރިމަތީ އެވެ.
"ލޫނާ ކަންތައް ތިކުރާ ގޮތުން އަހަރެން ހިތްހަމައެއް ނުޖެހޭ. މިގެއަށް ނާންނާށޭ ކުރިން ދުވަހު ވެސް ބުނިން. އެއީ ސަމާސާއަކަށް ބުނި އެއްޗެއް ނޫން. އަނެއްކޮޅުން އަހަރެންގެ ދަރީން ބޭނުން ކުރަން ތިފެށީ ލޫނާގެ އަމިއްލަ ފައިދާއަށް. އެއީ ކުޑަކުދީން، ތިގޮތަށް އަހަރެންގެ ދަރީންނެއް ޔޫސްއެއް ނުކުރެވޭނެ. އަހަރެންމީ މަލްސާއެއް ނޫން ހަދިޔާއެއް ދީގެން ހެއްލޭކަށް. އެކުއްޖާ ލޫނާއާ ހެދި އެހާ ވަރުން އުޅުނީ ތި ދިން ހަދިޔާގެ ބޭނުމުގަ. ފަހަރެއްގައި ވެސް ލޫނާއަށް ބޭނުން ވެގެންނެއް ނޫން. އެހެންމީހަކު ހަދިޔާއެއް ދިނަސް ހަމަ އެހެން އޭނާ އުޅޭނެ."
"ތިހުރިހާ ކަމަކީ ވެސް ނޯޔާއަށް އަހަރެމެން ދެ މީހުން ދެމެދުގައި އޮތް އެކުވެރިކަން ހަޖަމް ނުވުން. އަސްލަން އޭނާގެ ދަށުވެފައެއްނު ތިހުންނަނީ. މައިރާ ދުވަހަކު ވެސް އަސްލަންގެ އެއްވެސް ކަމަކަށް ފާޑުކިޔާފައެއް ނުވޭ. ހަމައެކަނި އެކުވެރިކަން އޮންނާނީ ފިރިހެނުންނާ ނޫންކަން މައިރާ އަންޑަސްޓޭންޑްވޭ. ތި އަންހެނަކާ އިންފަހުން އަސްލަން މުޅިން ބަދަލު ވެއްޖެ." ލޫނާ ބުނެލި އެވެ.
"އަހަރެން ހުންނަނީ އަނބިދަށުވެފައި ވިޔަސް އެއީ ލޫނާއާ ބެހޭ ކަމެއް ނޫން. ނޯޔާ ނުޖެހޭ މައިރާއަށް ވާކަށް. ތަކުރާރުކޮށް މިހެން ވެސް ބުނެވިއްޖެ. އަހަރެންނަކީ މިހާރު ނޯޔާގެ ފިރިމީހާ. ކިތަންމެ ވަރަކަށް މައިރާއޭ ކިޔަސް، އޭނާއެއް ނާންނާނެ، މާޒީގެ ތެރޭ އަދިވެސް ލޫނާއަށް ތި އުޅެވެނީ. ދެން އޮތީ އިރުއިރުކޮޅާ ތި ހިފާ ދަމާ އެކުވެރިކަން... އަހަރެން އަދި އެކުވެރިކަން ކަނޑައެއް ނުލަން. ހަމައެކަނި ބުނީ ގެއަށް ދެން ނާންނާށޭ. އޮފީހުން ބައްދަލުވެއްޖެނަމަ އެހެންޏާ ވެސް ވާހަކަ ދައްކާ އުޅޭ އުސޫލުން ލޫނާއާ ވާހަކަ ދައްކަމެންނު. އެކަމަކު މިހާރު އަހަރެންނަކަށް ވެސް ނުފެނޭ ދެން އަހަރެމެން އެކުވެރީންގެ ގޮތުގައި ތިބޭކަށް. ލޫނާ ހީވަނީ އަހަރެންނަށް ނޫނީ ނޯޔާއަށް ޖެއްސުމަށް އުޅޭހެން. ތި އެކުވެރިކަމަށްވުރެ އަހަރެންނަށް އަނބިމީހާ މުހިންމު. ނޯޔާ ނޭދޭ އެއްވެސް ކަމެއް އަހަރެން ކުރާކަށް ބޭނުމެއް ނޫން. އޭނާއަށް ދަތިކަމެއް ލިބޭނަމަ އެކަމުން އަހަރެންނަށް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ. މިވަރުން ނުވިސްނޭނަމަ ދެން އަހަރެން މިހެން ރީތިކޮށް ވާހަކައެއް ނުދައްކާނަން. ލޫނާއާ މެދު ފިޔަވަޅު އަޅާނަން. އަހަރެންގެ ދިރިއުޅުމާ ކުޅެން ނޫޅޭތި، ނޯޔާއާއި ދަރީންނާ ނުބެހޭތި. އެމީހުންނާ ކުރިމަތިލަންޏާ ލޫނާ ހިތަށް ވެސް ނާރާ ފަދަ ބޮޑު ދުޝްމިނަކަށް އަހަރެން ވެދާނެ. ދެން ދޭ މިތަނުން... އުމުރުގަ ވެސް މި ގެއަކަށް ދެން ނުވަދެވޭނެ." އަސްލަން މޫނުން ނުދެއްކި ނަމަވެސް އެ އަޑުގައި އިންތިހާ ދަރަޖައިގެ ނުރުހުމާއި ހަރުކަށިކަން ވިއެވެ.
"އަސްލަން." ލޫނާ ގޮވާލީ މަޑުމޮޅި ގޮތަކަށެވެ. ނަމަވެސް އަސްލަންގެ އަސަރެއް ނެތް މޫނަށް ބަދަލެއް ނައިތާ ލޫނާއަށް ޝައުގުވެރި ކަމެއް ވެސް ނުވެއެވެ. އޭނާގެ ނަޒަރު ހިންގާލީ މަގުމައްޗަށެވެ. ހުރެވުނީ ގޭގެ ދޮރޯށި ކުރިމަތީ އެވެ. އޭނާގެ ކުރިމަތިން ފެންނަން ހުރީ ނޯޔާގެ ގެއެވެ. އެގެއިން މީހާކު ނުކުމެ ދާނެތީ ވެސް އަސްލަން ވިސްނަ އެވެ. މަގު ހިނގާ މިހުންނާ މެދު ވެސް އޭނާ ވިސްނައެވެ. އެގޮތަށް ދޮރޯށި ކައިރީ އަންހެނާ ވާހަކަދައްކަން ހުރުމަކީ އޭނާގެ އުސޫލެއް ނޫނެވެ.
"އަހަރެން... އަސްލަންދެކެ ލޯބި..." ލޫނާގެ ވާހަކަ ފުރިހަމަ ކުރާކަށް އަސްލަން ފުރުސަތެއް ނުދިނެވެ.
"ނޯޔާ ނޫން އަންހެނަކަށް އަހަރެން ބޭނުމެއް ނުވޭ. ވިޔާނުދާ ވާހަކަ ނުދައްކާ އަނބުރުވެރި އަންހެނެއްހެން ގެއަށް ދޭ." އަސްލަން ބުނެލި އެވެ. އޭނާ ދޮރޯށި ހުޅުވާލުމާއެކު ހަލުވި ފިޔަވަޅުގައި އެތެރެއަށް ވަދެ ދޮރޯށި ޖެހިއެވެ.
މިއަދު ދުވަހަކުވެސް ލޫނާއާމެދު ހިތްހަމަނުޖެހި ރުޅި ނާންނަވަރަށް އަސްލަން ރުޅި އަތުވެއްޖެ އެވެ. އޮފީސް ތެރޭގައި އޭނާގެ ކައިރީގައާއި ކުދީން ގޮވައިގެން އުޅުނު ގޮތުންނެވެ. މިހާއިރު ވަންދެން އޭނާ އެއްޗެކޭ ކެތްކުރީ ދަރީންގެ ކުރިމަތީ ވާހަކައެއް ނުދައްކަން ވެގެންނެވެ. މަލްސާއަށް ވާހަކައެއް އިވުނަސް އެކަމާ ސަމާލުކަން ނުދީފާނެ އެވެ. އެކަމަކު ދޮށީ ދަރިފުޅު ސާރާ އެގޮތެއް ނޫންކަން އަސްލަންއަށް ރަނގަޅަށް އެނގެއެވެ. އެކުއްޖާ އިވޭ އަޑުތަކާމެދު ވިސްނައެވެ. ސުވާލު ކުރެއެވެ. ވީއިރު އެ ދެމެދުގައި ދެކެވޭ ވާހަކައެއް ނޯޔާގެ ކަންފަތާ ދިއުމަކީ ވުން އެންމެ ކައިރި ކަންތަކަށެވެ. ދޮރޯށީގައި ލެނގިލައިގެން ހުރި އަސްލަންއަށް ނިތްކުރީގައި ކަނާއަތު އިނގިލިތަކުގެ ކުރި ހިންގާލިއެވެ. މުސްތަޤުބަލްގައި ލޫނާގެ ދަރީންނޭ ބައެއް ސްޓާފުން ކައިރީ ބުނަމުން ދިޔައީ ކޮން ހައިސިއްޔަތުންބާއޭ އަސްލަންއަށް ސުވާލު ކޮށްލެވުނެވެ. ހަމައެހިނދު ޗަސްޖަހާލި އެވެ. އެ ހިޔާލު ވެސް އޭނާއަށް ކަމު ނުދިޔައީ އެވެ. ނޯޔާ ދޫކޮށްލާފައި އެއަށްވުރެ ރަނގަޅު އެހެން އަންހެނެއް ދެން ލިބޭނޭ ކަމަށް އަސްލަން ގަބޫލެއް ނުކުރެއެވެ. އޭނާގެ ނަޒަރުގައި ދަރީންނަށް ހޯދާ ދެވޭނެ އެންމެ މާތް ރަނގަޅު މަންމަ ކަމުގައި ނޯޔާ ވެއެވެ.
"އޭނާ މިގޭ ދޮށަށް އަންނަކަން އެނގިއްޖެއްޔާ ނޯޔާގެ މޫޑު ހަރާބު ވާނެ. ނަސީބެ އެ ދުވަހުވެސް އަހަރެން ނުކުތް ވަގުތާ ދިމާވިކަން. މިއަދު އެ އައީ އެ މަގުސަދުކަން ޔަގީން. ލޯބިވޭ ބުނަންތަ އެ އުޅުނީ. އޭނާދެކެ އަހަރެން ލޯބިވެދާނޭ ހީވީތަ؟ އަހަރެން ދުވަހަކުވެސް އެކަހަލަ އިޝާރާތެއް ކޮށްފައެއް ނުވާނެ. މިހެންވެތަ ހުސެން ބުނީ ލޫނާއާ ދުރުން އުޅޭށޭ. އަނެއްކާ ހުސެންއާ ހިތާވާން އުޅުނީތަ؟ އެކަން ނުވީމަ އަހަރެންނާ ދިމާކުރަން އައީތަ؟ ހުސެންއާ ދެމީހުން އެންމެ އެއްކޮށް އުޅުނީ... އެކަމަކު މިހާރު އެ އެކުވެރިކަން އެއްގޮތަކަށް ވެސް ނުފެނޭ. މިއަދު ހުސެން އައިނަމަ އަހަރެންގެ ފަހަތުން ލޫނާ އަޔަނުދޭނެހެން ހީވޭ. މިވީ ގޮތުން އޭނާއާ މިވާހަކަ ދައްކަން ޖެހޭނެ. ހުސެންއަށް ކޮންމެވެސް އެއްޗެއް އެނގިގެން އެ އުޅެނީ." އަމިއްލަ ނަފްސާ އަސްލަން ވާހަކަ ދެއްކި އެވެ. އޭނާގެ ސިކުނޑިއަށް ލިބިފައިވާ ނުތަނަސްކަން ފިލައިގެން ނުދިޔައެވެ. އެހެންނަމަވެސް ފުންނޭވައެއް ހަށިފުރާ ބޭރުކޮށްލުމާއެކު އޭނާ އެތެރެއަށް ވަދެގެން އައެވެ.
ލިފްޓުން ނުކުތް ހިނދު އަސްލަންއަށް ފެނުނީ އެޕާޓްމެންޓުގެ ދޮރު ކައިރީ އިށީނދެ ތިބި ސާރާއާއި މަލްސާއެވެ. ހައިރާންވެ އަވަހަށް އެކުދީންގެ ގާތަށް އައެވެ.
"އެއްވެސް ކުއްޖެއް ނެތީ ކަންނޭނގެ. ދޮރެއް ނުހުޅުވާ." މަލްސާ ވާހަކަ ދެއްކި އެވެ.
އަސްލަން އަވަހަށް ތަޅު ހުޅުވާލި އެވެ. ދެބެން ގޭތެރެއަށް ވަނީ އެކުއެކީގައެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ފަޅުކަމެވެ. މަންމައަށް ގޮވަމުން ގޭތެރޭގައި މަލްސާ ދުއްވަން ފެށިއެވެ. ފަހަރަކު ކޮޓަރިއެއް ބަލަމުންނެވެ. އެކުދީން ގެއަށް އަތުވެއްޖެކަން އިއުލާން ކުރާ ކަހަލައެވެ. ނޯޔާގެ ކޮޓަރި ތަޅުލާފައި ހުރިކަން އެކުއްޖާ ފާހަގަ ކުރި އެވެ.
"މަންމައަށް ނިދިފަ އޮތީ ކަންނޭނގެ. ދެން އަޑުގަދަ ނުކުރޭ." ސުވާލު އުފެދިފައި ހުރިއިރު އަސްލަންއަށް ވެސް އޭނާ އެ ބުނި ބަސް ތެދަކަށް ނުވާނޭކަން އެނގެ އެވެ. އެހެންވިޔަސް އޭނާ ކަންބޮޑުވާކަން ނުދެއްކި އެވެ. އިރުއޮއްސެން ވާއިރު ބެލްކަނީގެ ދޮރު ދަމާލައި ތަޅުލުމަށްފަހު ފަރުދާތައް ވެސް ދަމާލި އެވެ. އެވަގުތު އަސްލަންގެ ލޮލުގައި މޭޒުމަތީ އޮތް މާބޮނޑި އަޅައިގަތެވެ. އޭނާއަށް ވުރެ ކުރީން އޭގެ ކައިރިއަށް ދެބެން އަތުވެއްޖެ އެވެ. އޭގައި އެކުދީން އަތްލަން އުޅުމުން ދެބެން ކައިރީ ކޮޓަރިއަށް ގޮސް ހެދުން ބަދަލުކޮށް ފާހާނާއަށް ވަދެ އަތްފައި ދޮވުމަށް އޭނާ ބުންޏެވެ. އެކުދީން ކޮޓަރިއަށް ވަނުމުން އަސްލަން މާބޮނޑި ބެލުމުގެ ބަދަލުގައި އައިސް ހުއްޓިލީ ނޯޔާގެ ކޮޓަރި ދޮރުމަތީއެވެ. ތަޅުގައި ހިފާލައިގެން ހުރެ އޭނާ މަޑުމަޑުން ޓަކި ދިނެވެ. ނޯޔާގެ ނަމުން ގޮވާލިއެވެ.
"ދޮރު ހުޅުވާލަން އެބަ." ތަޅުދަނޑިފަތި ހިފައިގެން އައިސް ދޮރު ކައިރީ މަޑުކޮށްލަމުން އަސްލަން ބުނެލި އެވެ.
ކޮޓަރީގެ ދޮރު ހުޅުވުނުއިރު ނޯޔާ އޮތީ ތަޅުންމަތީ އޮތް ރަގުގަ އެވެ. ބާލީސްތަކުގެ މެދުގައި ކުޅޭއެއްޗެހި އެއްކުރަން އަނުމް އިނެވެ. ދަމާލާފައި އޮތް ކަނާއަތުގެ ތެރޭ ނޯޔާ އޮތީ މޫނު ފޮރުވާލައިގެންނެވެ. ދޮރާ ދިމާއަށް ފެންނަން އޮތީ އޭނާގެ ފުރަގަހެވެ. އަސްލަން ކޮޓަރިއަށް ވަދެ ދޮރު ކައިރި ކޮށްލި އެވެ. ނޯޔާގެ ކައިރިއަށް ގުދުވެލައި އަނުމް އުރާލި އެވެ. ކުޑަކަކޫ މައްޗަށް ތިރިވެލަމުން މަޑުމަޑުން ނޯޔާގެ ކޮނޑުގައި ކޮއްޓާލި އެވެ. ނޯޔާ އޮތީ ނިދާފަ ނޫންކަމެއް އަސްލަންއަކަށް ނޭނގެ އެވެ.
"ނޯޔާ. މިގަޑީގަ ނިދަނީތަ؟ އިރުއޮއްސިއްޖެ. ބަންގި އެ ގޮވަނީ... ތެދުވެލަންވީނު." އަސްލަން ވާހަކަ ދެއްކި އެވެ.
"ލޫނާ ގޮވައިގެން މިސްކިތަށް ދާގަޑި ޖެހެނީ ދޯ." ޝަކުވާއާއި ރުޅިން ފިހެމުންދިޔަ ނޯޔާގެ ހިތް ގޮވާލިއިރު އެހެން އަސްލަންއާ ދިމާއަށް ބުނެލަން ނޯޔާ ނުހަނު ބޭނުންވެފައި އޮތެވެ.
"ނޯޔާ، ވަރުބަލީތަ؟. ބަނޑަށް ތަދުވަނީތަ؟. މަންމަ ކައިރިއަށް ކުދީން ފޮނުވަންތަ؟. އެކަމަކު ތިތާ އޮންނާކަށް ނުވާނެއެއްނު. އަވަހަށް ތެދުވޭ. އެނދުގަ އަރާމު ކޮށްލާ." އެހެންޏާ ނޯޔާ ނޫޅޭ ގޮތަކަށް ވިޔަސް އަނބިމީހާގެ ހާލަތު އެނގިފައި އޮތުމުން "އަންޑަސްޓޭންޑިން" ފިރިއަކަށް ވާން އަސްލަން މަސައްކަތް ކުރީއެވެ.
ނޯޔާ މަޑުމަޑުން ތެދުވެ އިށީނެވެ. އޭނާ އިނީ އަސްލަންއަށް މޫނު ނުފެންނާނޭ ހެންނެވެ. އޭނާއަށް ކޮށްފައިވާ އަސަރު ދައްކަން ބޭނުން ނުވީއެވެ. އެބަ ނުކުންނަން ކަމުގައި ނޯޔާ ބުނެލި އެވެ. އަސްލަން މަޑުކޮށްލަން އުޅެފައި ވެސް އެ ކޮޓަރިން ނުކުތީ ވިސްނިގެންނެވެ. ނޯޔާ ތެދުވަން މަސައްކަތް ނުކޮށް އެ އިންނަނީ އަސްލަން ނުކުންނަން ދެން ކަން އެނގުނީ އެވެ. އަނުމް އުރާލައިގެން ހުރެ އަސްލަން ނުކުތީ އެވެ.
ލޯގަނޑު ބަލާލުމާއެކު ތުވާލިން ނޯޔާ މޫނު ފުހުނެވެ. އެހެންވިޔަސް ރުއިމުގެ އަސަރު ފިލައިގެން ނުދިޔައެވެ. ނުކުންނަން ބޭނުން ނުވެގެން އަނެއްކާ ވެސް އޭނާއަށް އިށީނދެވުނީ އެނދުގައެވެ. އެގެއިން ނުކުމެގެން ދިއުމުގެ ހިޔާލު ނޯޔާއަށް އައީ ދެނެވެ. އަސްލަންއަށް ދުވަހަކުވެސް އޭނާ ބޭނުން ވާގޮތް ނުވިސްނޭނެއޭ ނޯޔާ ހިތަށް އަރަނީ އެވެ. އޭނާ ނާހަނީސް އަސްލަންއަށް ނުބުނެވެންވީ ކީއްވެ ހެއްޔެވެ. އޭނާދެކެ ލޯބިވަންޏާ ނުބުނެ ހުންނަންވީ ކީއްވެ ހެއްޔެވެ. އެކުގައި އުޅޭން ބޭނުންވާނަމަ އަސްލަންއަށް ވެސް ބުނެވޭނެ ނޫން ހެއްޔެވެ. ކޮންމެ ކަމެއްގައި ނޯޔާ އިސްނަގަން ޖެހޭނެ ހެއްޔެވެ. އޭނާ އަސްލަންގެ އަނބީމީހާއަށް ވާން އިސްނުނަގާ ހެއްޔެވެ. އެ ކުޑަކުޑަ ތިން ކުދީންނަށް ޓަކައި ފުރިހަމަ މަންމައަކަށް ވާން އިސް ނުނަގާ ހެއްޔެވެ. ހުރިހާ ކަމެއް ދޫކޮށްލާފައި އެ ދިރިއުޅުމަށް ހުސްވެ ނުގަންނަން ހެއްޔެވެ. އެއްވެސް ޝަކުވާއެއް އަސްލަންއާ މިހާތަނަށް ކޮށްފައެއް ނުވެއެވެ. މޫނުގައި އަތް އެޅި ގޮތަށް ނޯޔާ ރޯން ފެށި އެވެ. ސައިކަލު ފަހަތަށް ލޫނާ އަރުވައިގެން އަސްލަން ދިޔަ ގޮތް ލޮލަށް ފެންނަނީ އެވެ. އެއާ ވިދިގެން މިއަދު ޓެކްސީއިން ދެ ކުދީން ގޮވައިގެން ލޫނާ ފޭބި ގޮތެވެ. ފެންނަ މީހުންނަށް އެއީ ދެމަފިރިންނާއި ކުދީންކަން ސިފަ ވާނޭކަން ޔަގީނެވެ. އެކަމަކު ހުރިހާ ބުރައެއް އުފުލައި އެކުދީންނަށް ޓަކައި ހުސް ވެގެން ހުރީ ނޯޔާ ނޫން ހެއްޔެވެ. ގިސްލެވުނު ހިނދު ނޯޔާ ދެތުންފަތް ބައްދާލި އެވެ. އޭނާ އަސްލަންގެ ކޮޓަރީގައި ހޭދަކުރި ރޭތައް ހަނދާން ކުރިއެވެ. އެ ހަށިގަނޑުގެ ހޫނު އިހްސާސްވާހާ ގާތުގައި އެ ދެއަތުގެ ހިމާޔަތުގައި ރޭ ވޭތުވެގެން ދިޔައީ ކިހާ އުފާވެރިކޮށް ހެއްޔެވެ. އެކަމަކު ދާއިމީ ގޮތެއްގައި އެ އުފާވެރިކަން ނޯޔާއަށް ދިނުމަށް އަސްލަން ނުވިސްނާ ކަހަލައެވެ. ކައިވެނީގެ ރޭ އޭނާ ގެނެސް އަސްލަން ވެއްދި ކޮޓަރިއަކީ ނޯޔާގެ މަގާމު ކަހަލައެވެ. ފުރިހަމަ އަނތްބެއްގެ ހައްގު އޭނާއަށް ދޭން އަސްލަން ބޭނުންނުވަނީ ހެއްޔެވެ. ފުނޑުފުނޑު ވަމުން ދިޔަ ހިތަށް އެއްލި ގާބުރިއަކަށް އަސްލަންގެ ފަޓުލޫނު ޖީބުން ފެނުނު ލޫނާގެ ބުރުގާ ދަތި ވިއެވެ. ޔަޝާ ދެއްކި ވާހަކަތައް ތެދުވާން ނޭދުނަސް އެއީ ތެދަކަށް ވެދާނޭކަމާމެދު ނޯޔާއަށް ވިސްނުނެވެ. އިތުރަށް އެހިތް ހަލާކުވެއްޖެއެވެ. އޭނާއާ ކައިރިނުވެ ލޫނާއާ އަސްލަން ކައިރިވެދާނެ ހެއްޔެވެ. އަނތްބަކަށް ފިރިމީހާ ބޭނުންވާ ޒަރޫރީ ބޭނުންތައް އަސްލަންއަށް ފުއްދައިދެނީ ލޫނާބާއެވެ. ގައިމު ވެސް ލޫނާގެ ވާހަކަތައް ހުރީ އެފަދައިންނެވެ.
ނޯޔާ ނުނިކުތުމުން އަސްލަން ކުދީން ގެން ގޮސް މަންމަގެ ބަޔަށް ލީއެވެ. ނޯޔާ ވަރުބަލިކޮށް އުޅޭތީ އިޝާ ނަމާދުން އޭނާ އަންނަންދެން މަންމަ ކައިރީ އެކުދީން ބައިތިއްބާލަ ދިނުމަށް އެދުނެވެ. އޭނާ އެނބުރި އެޕާޓްމެންޓަށް އައެވެ. އޭރު ވެސް ނޯޔާ ކޮޓަރިން ނުނިކުމެވެ. އެ ކޮޓަރިއަށް ދެވަނަ ފަހަރަށް ވަންނަން އައީ އެހެން ވެއެވެ. އަސްލަން އަޖައިބުވީ ދޮރު ހުޅުވާލި ހިނދު ކަންފަތުގައި ރުއިމާއި ގިސްލުމުގެ އަޑު ޖެހުމުންނެވެ. ހާސްވެފައި އެތެރެއަށް ވަން ގޮތަށް ނޯޔާގެ ކައިރީ އެނދުގެ މަގަތުން އިށީނެވެ.
"ކިހިނެއްވީ؟. ކީއްވެ ރޮނީ؟." އަސްލަން އެއްސެވެ. ނޯޔާގެ ކޮނޑުގައި ފިރުމާލައި ގާތްކޮށްލަން އަސްލަންއަށް އުޅެވުނެވެ. އިތުރު ހައިރާންކަމެއް ލިބުނީ ނޯޔާ ދެކޮނޑު ފޮޅުވާލައި ދުރަށް ޖެހުނީމައެވެ.
"ކައިރި ނުވޭ." ނޯޔާއަށް ބުނެވުނެވެ. ސިހިފައި އަސްލަންއަށް ޖެހެވުނީ ދުރަށެވެ.
"ނޯޔާ." އަސްލަންއަށް ގޮވާލެވުނީ ކަންބޮޑުވެފައި އިނދެއެވެ.
"އަހަރެން އެކަނި ދޫކޮށްލަފާނަންތަ؟" ގިސްލެވިފައި އަޑުގައި ހަރުކަށިކަން ވިއެވެ. އަސްލަން ހިމޭންވީ ފެންނަ މަންޒަރު ގަބޫލު ނުކުރެވިފައި އިނދެއެވެ. އެފަދަ ގޮތަކަށް އޭނާއާ ނޯޔާ ވާހަކަ ދައްކާނޭ ހީކުރެވިފަ ނެތީއެވެ. ނޯޔާއަށް ކަމެއްވެއްޖެކަން އަސްލަންއަށް ބުނެދިނީ ފެންނަމުން ދިޔަ ގަބޫލުކުރަން ދަތި ސިފަތަކުންނެވެ.
"ލީވް... ޕްލީޒް..." މިވަގުތު އަސްލަންއަށް ބަލާލުން ނޯޔާއަށް ކެތްވާވަރު ކަމަކަށް ނުވީއެވެ. ދެން ބުނެވޭނީ ކިހާވަރެއްގެ އެއްޗެއް ކަމެއް އޭނާއަށް ވެސް ނޭނގެ އެވެ. ވީއިރު ބުނެވޭ ބަހަކުން ފަހުން ދެރަވާން ޖެހޭ ފަދަ ހާލަތެއް މެދުވެރި ވެދާނެކަން ޔަގީނެވެ.
މަޑުމަޑުން އެނދުން އަސްލަން ތެދުވި އެވެ. ހަރަކާތްތަކުން ފެންނަނީ މަޖުބޫރު ކަމެވެ. އެ ކޮޓަރިން ނުކުންނަން ބޭނުން ނުވާކަމެވެ. މިވަގުތު ނޯޔާ އެކަނި ދޫކޮށްލަން ހިތް އެއްގޮތަކަށް ވެސް ނޭދެއެވެ. އަސްލަން ނުކުތުމާއެކު ނޯޔާ ފުންމައިގެން ތެދުވިއެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލީ ދޮރުމަތީ އަސްލަން ބަލަން ހުއްޓަ އެވެ.
"ނޯޔާ... ޕްލީޒް... ކިހިނެއްވީ؟. އަހަންނަށް ކަމެއް ކުރެވުނީތަ؟. ބުނެބަލަ." ހާސްވެ ހުރެ ދޮރުގައި ޓަކި ދިނުމާއެކު އަސްލަން ވާހަކަދެއްކިއެވެ.
ނޯޔާއަށް މިއައި ބަދަލާއެކު ގެއިން ނުކުތުން ރަނގަޅު ހިޔާލަކަށް އަސްލަންއަށް ނުވިއެވެ. އޭނާ ވާހަކަ ދެއްކިއެވެ. އެކި ސުވާލު ކޮށްފިއެވެ. ނޯޔާގެ ފަރާތުން އެއްވެސް ކަމެއް އޮޅުމެއް ނުފިލިއެވެ. އެހެންވެ އޭނާ ނަމާދަށް އެރީ ވެސް ސިޓިންރޫމުގަ އެވެ. ނޯޔާ ކޮޓަރިން ނުކުމެއްޖެނަމަ ފެންނާނެތީ އެވެ. އިޝާ ނަމާދުން ފޭބި ގޮތަށް ނޯޔާގެ ކޮޓަރި ކައިރިއަށް އަނެއްކާ ވެސް އަސްލަން އައެވެ. އަނބިމީހާއަށް ގޮވިއެވެ. ކަންބޮޑުވެ ގޮތް ހުސްވެފައި ފިކުރު ކުރަން ހުރެވޭކަށް އަސްލަންއަކަށް ނެތެވެ. މަންމަގެ ގާތުގައި ތިބި ކުދީންނަކީ އޭނާގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އެކެވެ. މަންމަގެ ބަޔަށް ގޮސް ކުދީން ގޮވައިގެން އަސްލަން އައެވެ. އެރޭގެ ބާކީބައި ހޭދަވެގެން ދާނީ ކިހިނެއްކަމެއް އަދި ތިން ދަރީން މަންމައަށް ބޭނުންވެގެން ބުނުމުން ދޭނޭ ޖަވާބެއް އަސްލަންއަކަށް ނޭނގެއެވެ.
ގޭތެރޭ އަނުމްގެ ރުއިން ގަދަވެއްޖެ އެވެ. މަންމަގެ އެހީތެރިކަން ހޯދުމުގެ ވިސްނުމެއް އަސްލަންގެ ނެތެވެ. އަނުމް ކާގަޑި ފާއިތުވަނީކަން އެނގެއެވެ. އެ ރޮނީ ބަނޑުހައި ވެގެންނެވެ. އެހެންވެ އޭނާ އުޅުނީ ބުއްފުޅިއެއް ދޭން ކަމަށެވެ. ދެން ތިބި ދެބޭން ވެސް ކާމޭޒު މަތިން ތަށިތައް ނުފެންނާތީ މަންމައަށް ގޮވަން ފަށައިފި އެވެ. ކުއްލިއަކަށް އަސްލަން އިހްސާސް ކުރެވުނީ އޭނާގެ ދިރިއުޅުމުގައި ނޯޔާގެ ހިއްސާ އޮތް މިންވަރެވެ. ކައިވެނި ކުރި ދުވަހުން ފެށިގެން ނޯޔާ އޭނާގެ ދަރީން ބަލަހައްޓަމުން އައީ ކިހާ ފުރިހަމައަށްކަން ހިތަށް ވަނެވެ. ތިން ދަރީންގެ ކަންތައް އެއްވެސް ކުއްޖެއްގެ ކަމެއް އުނިނުވާނޭހާ ފުރިހަމައަށް ނޯޔާ އައީ ކޮށްދެމުންނެވެ. މިއަދު އެކުދީން ވެސް ނޯޔާއަށް ގޮވުމަށް އެ އެދެނީ އެކުދީން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކޮށްދޭން އެނގޭނީ ހަމައެކަނި އެ މަންމައަށްކަން ގަބޫލުކުރާތީއެވެ.
"ނޯޔާ..." ދޮރު ހުޅުވާލުމާއެކު ކޮޓަރިން ނުކުމެގެން އައީ ނޯޔާ އެވެ. އަސްލަން ގޮވާލުމުން ރައްދެއް ނުދިނެވެ. ބަލާ ވެސް ނުލިއެވެ. އައި ގޮތަށް އަސްލަންގެ އަތުން އޭނާ އަނުމް އުރާލައިފި އެވެ. އަދި ކާ މޭޒު ދޮށަށް އަނުމްގެ ކާން އިންނަ ގޮނޑި ޖައްސާލި އެވެ. މަންމަ އުރާލުމުން ދެން ގިނަ އިރެއް ނުވެ ކާން ލިބިދާނޭކަން އެ ކުޑަކުޑަ ކުއްޖާއަށް ވެސް ވިސްނުނީ ކަންނޭނގެ އެވެ. ރުއިން މަޑުވިއެވެ. އެރޭ އަނުމްއަށް ދޭން ތައްޔާރު ކޮށްފައި ހުރި ކާއެއްޗެހި ތައްޓަށް އެޅިއެވެ. އެކުއްޖާ ކާން ބޭންދުމަށްފަހު ކާމޭޒުމައްޗަށް ތަށިތައް ނަގަން ފެށިއެވެ. ރޭގަނޑުގެ ކެއުމަށް ތައްޔާރު ކުރިއެވެ. ބެލްކަނީގެ ދޮރު ހުޅުވާލައިގެން ދޮރުކަނީގައި ލެނގިލައިގެން އަސްލަން ހުއްޓެވެ. ނޯޔާގެ ކޮންމެ ހަރަކާތަކަށް ބަލާށެވެ. ނޯޔާ ކަންތައް އެ ކުރާގޮތުން އަސްލަންގެ ހިތަށް ވަރަށް އަސަރު ކޮށްފި އެވެ. ދެރަވެއްޖެ އެވެ. ކުރެވުނީ ކީއްކަން ނޯޔާ ބުނާނެނަމައޭ އޭނާ ހިތަށް އަރައެވެ. ނޯޔާ ވާހަކަ ނުދެއްކިޔަސް ދާގޮތަށް ގޮސް އޭނާގެ ގައިގާ ބައްދާލުމާއެކު ދެއަތުގެ ތެރޭ ހައްޔަރުކޮށްލަންވީއޭ ވެސް އޭނާ ހިތުގައި ވިއެވެ. އަދި ވަރަށް ލޯބިވެޔޭ، ތިހެން ނުހަދާށޭ ބުނެ ނޯޔާގެ ދެއަތާއި މޫނުގައި ބޮސްދޭން އަސްލަންގެ ހިތް ރޮމުންދިޔައެވެ.
ކުދީން ނިދުމުން އެ ކޮޓަރިން އަސްލަން ނުކުތެވެ. ނާއުންމީދުވެ ހުރެއެވެ. ނަމަވެސް ކޮޓަރި ކައިރީ ހުއްޓިލައިގެން ހުރި ނޯޔާ އޭނާއަށް ފެނިއްޖެ އެވެ. ބޮޑު އެއްފިޔަޅު އޭނާ އަޅާލި ކަހަލައެވެ. ހަލުވިކަމާއެކު އޭނާ އައިސް ހުރީ ނޯޔާގެ ކައިރީ އެވެ.
"އަހަރެން ވަރުބަލިވެއްޖެ." ނޯޔާ ބުންޏެވެ.
"އަހަރެން ކީއްކޮށްދޭންވީ؟." އަސްލަން އަހާލީ ނުހަނު އަވަހަށެވެ.
"ބްރޭކެއް... މި ލައިފްއިން ބްރޭކެއް." ނޯޔާ އިސްޖަހާލީ ހިތާ ދެކޮޅަށް ބުނީތީ އެވެ.
"ނޯޔާ." ތި އެދެނީ ކޮންކަމަކަށްހޭ އަހާ ފަދައިން އަސްލަން ގޮވާލި އެވެ. ނޯޔާގެ އަތުގައި ހިފާލެވެން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރީން ނޯޔާ ދެއަތް އުރާލައިފި އެވެ. އެހެންވެ ދިއްކޮށްލެވުނު އަތް އަސްލަން ވެސް ދުރުކޮށްލީ އެވެ. ކުރިމަތީ ނޯޔާ ހުރިއިރު ވެސް އަސްލަންއަށް ހީވަނީ އެތައް މޭލެއް ދުރުގައި ނޯޔާ ހުއްޓިލައިގެން ހުރި ހެންނެވެ.
"މަންމަ ކައިރިއަށް ދާން އަހަރެން ނިންމައިފިން." ނޯޔާ ބުނެލި އެވެ. އަސްލަން ސިހުނެވެ. އެ މޫނުން ފާޅުވި އަސަރުތަކުން އޭނާގެ ބޯމައްޗަށް އުޑު ވެއްޓުނު ފަދައެވެ.
"ކޮންއިރަކުން އަންނާނީ؟" އަސްލަން އަހާލި އެވެ.
"ދެ ދުވަސް." ނޯޔާ އިސްޖަހައިގެން ހުރެ ބުނެލި އެވެ.
އަސްލަންގެ ހިމޭންކަން ދިގުލައިގެން ދިއުމާއެކު ނޯޔާއަށް އިސްއުފުލާ ލެވިއްޖެއެވެ. އެސްފިޔަ ޖަހާލަން ހަނދާންނެތިފައި ހުރި މީހަކުހެން އަސްލަން ބަލަން ހުއްޓެވެ. އެ ދެ ލޮލުގެ ތެރެއަށް ގެނބިގެންދާން ނޯޔާގެ ހިތް އެދުނެވެ. އެއާއެކު އޭނާ އެދުނަސް ފޮނުވާނުލާން ނޯޔާއަށް ހިތުގެ ފުންމިނުން އެދެވުނެވެ. އަސްލަންއާ ދުރަށް ނުދެވޭނެއޭ ބުނާ އަޑު އަހަން ނޯޔާގެ ހިތް ތެޅިތެޅި އޮތެވެ.
"އެންމެ ރަނގަޅު." މަޑު އާހެއް ފަދައިން އަސްލަން ބުނެލި އެވެ. އަދި ނުހަނު އަވަހަށް އޭނާ އެނބުރިލައިފި އެވެ. ނޯޔާއަށް ފުރަގަސް ދިނީއެވެ. ވަގުތުކޮޅަކަށް ހުއްޓުން އަރާފައި އެގޮތުގައި އަސްލަން ހުއްޓެވެ. ދެން އޭނާ މަޑުމަޑުން ގޮސް ނުކުތީ ބެލްކަންޏަށެވެ.
އަސްލަންއަށް ބަލަން ހުރި ނޯޔާގެ ލޮލުން އޭގެ މަގާމު ދޫކޮށް ކަރުނައިގެ ސައިލެއް އޮހިގަތެވެ. ނަމަވެސް ދެ ލޯ ފުހެމުން އޭނާ އެ އެޕާޓްމެންޓުން ނުކުތެވެ. ލެއްޕުނު ދޮރު އަސްލަން ދުވެފައި އައިސް ހުޅުވާލި އެވެ. ލިފްޓުގެ ދޮރު ލެއްޕުނު ހިނދު ހިތާއި ނަފްސުން ބައެއް އުނިވެއްޖެކަމުގެ އިހްސާސް ކުރެވުނެވެ.
"ކިހިނެއް މިވީ؟ އެކަމަކު ނުދާށޭ ބުނިނަމަ ނޯޔާ މަޑުކުރާނެތަ؟" އަސްލަން އެނބުރި އެޕާޓްމެންޓަށް ވަނެވެ. ބަދިގޭ ކަބަޑުތަކުގެ މަތީ އޮތް މާބޮނޑި ފެނި އޭގެ ކައިރިއަށް އައެވެ. އެއީ ކުދީން ގޮވައިގެން ހަވީރު އޭނާ ނުކުމެގެން ދިޔައިރު އެގޭގައި އޮތް އެއްޗެއް ނޫނެވެ. ކާމޭޒުމަތީ އޮއްވާ އެތަނަށް ގެނައީ ވެސް ނޯޔާއެވެ. އަސްލަން މާބޮނޑި ނެގިއެވެ. ކާޑުކޮޅު ފެނި އޭގައި އޮތް އެއްޗެއް ބެލިއެވެ.
"ނޯޔާއަށް އައި ބަދަލަކީ މި މާބޮނޑިތަ؟ އެމް!... އެއީ ކާކު؟ ލޯބިވެޔޭ... މީ ކާކު؟. ނޯޔާއަކީ މީހެއްގެ އަނތްބެއް. އަހަރެންގެ އަންހެނުން. އެވަރު މި މީހަކަށް ނޭނގުނީތަ؟ ނޫނީ ގަސްދުގައިތަ؟" ހިޔާލުތަކުގައި އަސްލަން ކޮށިއެރިއެވެ. މާބޮނޑި ހޫރާލެވުނެވެ. ދެން ފެންފޮދެއް ބޯން އަވަސްވިއެވެ.
* * * * *
"ނޯޔާ... ދަރިފުޅު އެކަނިތަ؟" ދޮރު ހުޅުވާލި ރޫމާއަށް ނޯޔާގެ ފަހަތުން ހޯދާލެވުނެވެ. ހާސްވެ ކަންބޮޑުވީ ނޯޔާގެ މޫނު ފެނިފައެވެ. ރޮއެފަކަން އެހެރީ އެނގިއެވެ. އަވަހަށް ދަރިފުޅުގެ ކޮނޑުގައި ހިފާ ކައިރިކޮށްލުމާއެކު އެތެރެއަށް ވެއްދިއެވެ.
"މަންމާ، މިގޭގަ މިރޭ މަޑުކޮށްލެވިދާނެތަ؟" ނޯޔާގެ އަޑު ކުރެހުނެވެ. ދެ ލޮލަށް ޖަވާމާ ކަރުނަ ނުހިފެއްޓިގެން އޭނާ އިސްޖަހާލީއެވެ.
"ނޯޔާގެ ކޮޓަރި ހުންނާނެ. އަވަހަށް ހިނގާ." ރޫމާ ބުންޏެވެ. އޭނާ ނޯޔާ ގޮވައިގެން އައިސް ކޮޓަރިއަށް ވަނެވެ. އެނދު ފެނިފައި އޭނާ ނެތަސް އެ މަންމަ އެނދުގެ ތަންމަތި ބަދަލުކުރާކަން ނޯޔާއަށް އެނގުނެވެ. އެނދުގައި އިށީނުމާއެކު މަންމަގެ ގާތުން ނޯޔާ އެދުނީ ނިދާލަން ބޭނުންވާ ކަމެވެ. އެއާއެކު ރޫމާ ބޯޖަހާލީ ދަރިފުޅު އެކަނިވެލަން ބޭނުންވަނީކަން އެނގޭތީއެވެ. ނޯޔާގެ ބޮލުގައި ބޮސްދީފައި އަރާމުކޮށް ނިދާލަން ބުނެ ރޫމާ ނުކުތީއެވެ.
"ނޯޔާ ކީކޭތަ އެކީ؟ އެމަންޖެ ގޮވައިގެން ކޮޓަރިއަށް ތިދިޔައީޔޯ! އަސްލަން ނާދޭތަ؟" ރޫމާ ސިޓިންރޫމަށް ނުކުތްތަން ފެނި އައްޔޫބް ވާހަކަދައްކަން ފެށިއެވެ.
"މިރޭ ވާހަކަދެއްކުން ރަނގަޅެއްނުވާނެ. ހީވަނީ ވަރަށް ބޮޑު ދެބަސްވުމެއް އެ ދެކުދީން ދެމެދު ހިނގައިފިހެން. ނޯޔާ އެ އައީ ރޮމުންރޮމުން. އަދި އިނީ ހުއްޓާލާ ގޮތަކަށް ނޫން. މިރޭ އޭނާ ވިސްނަން ވަގުތު ދޭންވާނެ. މާދަން ހެނދުނުން އަހަރެމެން އޮޅުންފިލުވަން އުޅޭނީ. ވަރުބަލިވެފަ ހުރިހެން ހީވޭ... އަންނާނަން ޖޫސްތަށްޓެއް ދީފައި." އައިސްއަލަމާރި ކައިރީ ހުއްޓިލި ރޫމާ ވާހަކަދެއްކިއެވެ. އައްޔޫބުގެ މޫނަށް ހައިރާންކަމާއި އެއްވަރަށް ހާސްކަން ވެރިވިއެވެ.
ދިގު ރެއެކެވެ. ދެ ނަފްސު ތިބީ ދެ ތަނުގައެވެ. އެއްފުރާޅުން ބޭރުގައެވެ. އަސްލަންއާއި ނޯޔާގެ ލޮލުގައި ވެސް ނިންޖެއް ނެތެވެ. ވިސްނާވިސްނާ އަސްލަންގެ ބޮލުގައި ރިހެނީއެވެ. ރޮއެރޮއެ ނޯޔާ ހިނދެން ކައިރިވަނީއެވެ. ދެ މީހުންގެ އުޅުން ހުރީ އެއްގޮތަކަށެވެ. އެނދުގައި ނޯވެވުމުން ތެދުވަނީއެވެ. އިށީނދެ ނީނދެވުނުން ކޮޅަށް ހުރެއެވެ. ދެކޮޅަށް ހިނގައެވެ. އަނެއްކާ ވެސް އޮށޯވެއެވެ. މިގޮތަށް ތަކުރާރު ކުރެއެވެ.
ފަތިސްވެ އާ ދުވަހެއް ފެށިއްޖެއެވެ. ވަރުބަލިކަމާއެކު އެނދު ހުރަހަށް ކުރުގެޅިލައިގެން ނޯޔާ އޮތެވެ. ފަތިސް ނަމާދުން ފައިބައިގެން އައިސް ރޫމާ އެ ކޮޓަރިއަށް ވަނެވެ. ދަރިފުޅު ފެނުމާއެކު ހިތަށް އުނދަގޫވިއެވެ.
"ދެމަފިރިންގެ ކަމެއްކަން އެނގޭ. އެހެންވިޔަސް މަންމައާ ހިއްސާ ކުރެވިދާނެތަ؟ ދަރިފުޅު ކޮންމެވެސް ކަމަކާ ވަރަށް ދެރަވެއްޖެކަން އެނގޭ." ރޫމާ ވާހަކަދެއްކިއެވެ. ނޯޔާ ހިމޭންވެ އޮތީއެވެ. ދަރިފުޅުގެ ފައިގައާއި އަތުގައި ރޫމާ ފިރުމިއެވެ. އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"މަންމަ ކަމެއް ބޭނުންވީމަ ބައްޕައަށް އެނގޭ. މަންމަ އުފާކޮށްދޭން ކުރާނީ ކީއްކަން ވެސް ބައްޕައަށް އެނގޭ. ނޫންތަ މަންމާ!." ނޯޔާ ވާހަކަދެއްކިއެވެ. ރޫމާ ހިނިތުންވެލިއެވެ.
"ހުރިހާ ފަހަރަކުނޫން. ނޯޔާއަށް މިހާރު ތިފެންނަ ބައްޕަ... މި މަންމައާއެކު އުޅޭތާ ކިތައް އަހަރު މިވީ. އަހަރެމެން އަންހެނުންނަށް ވާގޮތެއް އެއީ. އަހަރެމެން ބޭނުންވާގޮތް، އަހަރެމެންގެ ހިތުގައި އޮންނަ އެއްޗެއް. ފިރިންނަށް އެނގެން ޖެހޭނެއޭ. އެކަމަކު އެހެންވާނީ ކިހިނެއް؟ އެމީހުންނަކީ ވަހީ އިއްވެވޭ ބަޔަކީތަ. ހުރިހާ ކަމެއް އެނގެން... އެއީ ވެސް އަހަރެމެން ފަދަ އިންސާނެއް. ހިތުގާ އޮންނަ އެއްޗެއް އެނގުމެއްނުވޭ. ހިތުގައި އޮންނަ ކަންތައް ކިޔާދޭންވީ އެހެންވެ. ރުހޭ ކަންތަކާއި ނުރުހޭ ކަންތައްތައް، ލޯބިކުރާ ކަންކަމާއި އެކަމަކުން ފޫހިކަން ގެނެސްދޭ ކަންކަން ވެސް... މިހެން ގޮސް ހުރިހާކަމެއް. އަނބިމީހާގެ ގޮތް އެންމެ ރަނގަޅަށް ކިޔާދޭން އެނގޭނީ ހަމަ އެ އަނބިމީހާއަށް، ފިރިމީހާގެ ގާތުން ކަމެއް އެނގެން ބޭނުންވެއްޖެނަމަ އަވަހަށް އަހަންވާނެ، އެކަކުއަނެކަކު ދަސްވާނީ އޭރުން. ދެމަފިރިންގެ ގުޅުން ބަދަހިވާނީ އޭރުން. ދެ މީހުންގެ ހުރި އެއްގޮތް ކަންތަކާއި ނުގުޅޭ ކަންކަން ދަސްކުރަން ފަސޭހަވާނެ... ދަރިފުޅުގެ ބައްޕައަކީ މަންމަދެކެ ލޯބިވާ ފިރިއެއްކަން ޔަގީން. އަނބިމީހާ ބޭނުންވާގޮތް ހާމަކުރުމުން ލޯބިވާ ފިރިއަކު އެކަން އަބަދަށް ހަނދާން ބަހައްޓާނެ. އައްޔޫބު ބަހައްޓާ ފަރުވާތެރިކަމުގެ އަސްލަކީ އެއީ. މަންމަ ވެސް ބައްޕަ ވެސް އެންމެ އިސްކަމެއް ދޭ ކަމަކީ އެއީ. ކޮންމެ ކަމެއް ވިޔަސް އަހަރެމެން މަޝްވަރާކުރަން. ބައެއްފަހަރު އަހަރެމެންނަށް އަނެކާ ހިތަށް އަރާފާނޭ އެއްޗެއް ނޭނގޭތީ ބައެއް ވާހަކަތައް ނުބުނެ ހުރެވޭ. މަންމަގެ ނަޒަރުގައި އެއީ އެއްގޮތަކަށް ވެސް ކަމުދާ ގޮތެއް ނޫން. ނުބުނެ ހުރުމުން ޝައްކުތަކާއި ވަހުމްތައް ވާނީ އިތުރު." ނޯޔާ ބޯހިއްލާލައި އެނދުމަތީ ދެމެމުން އައިސް ރޫމާގެ އުނގުގައި ބޯ އަޅާލިއެވެ.
"އަނުމް މިހާރު ހޭލާނެ. ބުއްފުޅިބޯން ބޭނުންވާނެ. މަލްކޮއަށް ނުގޮވަންޏާ ނިދަން އޮވެދާނެ... ދެން މިރޭ ނިދާނީ އެހާލަހުން. ސާރާ އަހާނެ ހެނދުނު ސައިބޯން ހުރީ ކޯއްޗެއްތޯ." ރޮމުންރޮމުން ނޯޔާ ވާހަކަ ދެއްކި އެވެ.
"މަންމައަކަށްވުމަށްފަހު ދަރީން ދޫކޮށް ނުލެވޭނެ. ދަރިފުޅާއެކު އެކުދީން ގެނައިނަމަ." ނޯޔާގެ ބޮލުގައި ފިރުމިއިރު ރޫމާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ހޫންއެކޭ ބުނެލާ ފަދަ އަޑެއް ލައްވާލުމާއެކު މަންމަގެ އުނގުގައި ނޯޔާ މޫނު ފޮރުވާލީއެވެ.
* * * * *
މެންދުރުވީއިރު އަސްލަންގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ނޯޔާ ބުނިހެން ދެ ދުވަސް ނުދެވޭނެތީ އެވެ. އޭނާގެ އެހާ ކެތްތެރިކަމެއް ނެތީއެވެ. ނޯޔާއާއި ނުލާ އުޅުން ދަތިވޭނަކަށް ވީމައެވެ. ތިން ކުދީން ގޮވައިގެން ގެއިން އަސްލަން ނުކުތީ ނޯޔާ މެންގެއަށް ދާށެވެ. ލޯބިވާ އަނބިމީހާއާއި ކުދީންގެ ގޮވަމުންދިޔަ މަންމަ ބަލާއެވެ. އޭނާ ނޯޔާ ނުލާ އެނބުރިއެއް ނާންނާނެއެވެ. އެންމެންގެ ތެރޭ އާދޭސް ކުރަން ޖެހުނަސް އެކަން ކުރާނެއެވެ. ވީގޮތެއް އޮޅުންފިލުވާނެއެވެ. ނޯޔާ އެދޭ ގޮތަކަށް އެދޭ ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން ދޭނެއެވެ. ނޯޔާ ބުނި ކޮންމެ ކަމެއް އަސްލަން ކުރާނެއެވެ. އޭނާ ހުރީ އެ ޔަގީންކަމުގައެވެ. ތައްޔާރުވެއެވެ.
ބެލް ޖެހިތާ ގިނައިރެއް ނުވަނީސް ދޮރު ހުޅުވީ ރޫމާއެވެ. އަސްލަންއާއި ތިން ކުދީން ފެނުމުން ރޫމާއަށް ނަގައިގަނެވުނެވެ. ހިނިތުންވުމަކާއެކު ވަންނާށޭ ރޫމާ ބުނީ އުފަލާއެކު މަރުހަބާ ކިޔާ ފަދައިންނެވެ.
"މަންމާ... ނޯޔާ." އަސްލަންގެ އަޑުގައި ވަނީ ޖެހިލުންވުމެވެ. ހިނދުކޮޅަކަށް ވިޔަސް ރޫމާ ހުއްޓުން އެރިއެވެ. ކައިވެންޏަށް ފަހު އޭނާއަށް މަންމާއޭ އަސްލަން އެ ގޮވާލީ ފުރަތަމަ ފަހަރަށެވެ. އަބަދުވެސް ރޫމާ ކުރިމަތީ އަސްލަން ފެންނަނީ ލަދުން އިންނަ ތަނެވެ. އެކަމަކު މިއަދު އެފަދަ އަސަރެއް ނުފެނެއެވެ. އޭގެ ބަދަލުގައި ކަމަކާ ކުރިމަތިލާން ތައްޔާރުވެ އައިސް ހުރި ފަދައެވެ.
"މި މަންޖެ މަންމައަށް ދޭންވީނު. ދޭބަލަ އެތެރޭ ހުރި ކޮޓަރިއަށް. އެބައޮތް ކޮޓަރީގަ." ރޫމާ ބުނެލިއެވެ. ޝުކުރުވެރި ބެލުމަކާއެކު އަސްލަން ބޯޖަހާލިއެވެ. ރޫމާއަށް އަނުމް ދީފައި އަސްލަން ހިނގައިގަތެވެ.
ނޯޔާގެ ކޮޓަރީގައި ޓަކި ދީފައި އަސްލަން ދޮރު ހުޅުވިއެވެ. އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލައިގެން އިން ނޯޔާއަށް ލިބުނީ ސިހުމެކެވެ.(ނުނިމޭ)