މޯލްޑިވްސް ޕޮލިސް ސާވިސް

ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަން: ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން މިއަދު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ދެންމެ ބުނީ ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޮޕަރޭޝަންގެ އިތުރު ތަފްސީލެއް ނުދެއެވެ. އަދި މިއަދު ހައްޔަރުކުރި މީހާއަށް ތުހުމަތު ކުރާ ކަންތައްތަކެއްވެސް ފުލުހުން ނުބުނެއެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބ. ދަރަވަންދޫއިންވެސް ޒުވާނަކު ހައްޔަރުކޮށްފައިވެއެވެ.

ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރުއިރު އޭނާ އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. ނަމަވެސް އެ ހަމަލާ އާއި އޭނާ އާއި އޮތް ގުޅުން ފުލުހުން ހާމަކޮށްދީފައެއް ނުވެ އެވެ. އޭނާ އަކީ ހަމަލާ ދިން ތަނުގައި ސައިކަލު ބެހެއްޓި މީހާ ކަމަށް ބުނެއެވެ.

އޭގެ ކުރީ ރޭވެސް ހަރުކަށި ފިކުރު ފަތުރާ އިސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުން ދަނިކޮށް ކަމަށެވެ. އެއީ ހއ. މޮޅަދޫއަށް ނިސްބަތްވާ އަބްދުﷲ އަލި މަނިކެވެ.