އެމްއައިޓީޑީސީ

އެމްއައިޓީޑީސީގެ ކުރީގެ އެމްޑީ އާއި ޑީއެމްޑީގެ މައްޗަށް ދައުވާ ކުރަނީ

އެމްއައިޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝާހިދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސައިންގެ މައްޗަށް ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ އައު އަހަރު ފާހަގަކުރުމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން އިންތިޒާމުކޮށްގެންޑިސެންބަރު 31، 2017 ގައި މާލޭ ކާނިވާ ސަރަޙައްދުގައި ބޭއްވި މިއުޒިކް ޝޯގައި ބޭނުންކުރުމަށް ލިންކްސް-އައި އިންކޯޕަރޭޓަޑްއާ ހަވާލުކޮށްގެން ކޯލްޑް ސްޕާކްސް މެޝިންތަކެއް ގަނެފައިވާ ކަމަށާ އެ މެޝިންތައް ގަތުމަށް ހަތްހާސް ދުއިސައްތަ ތިރީސް ހަތަރު އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 111,548.28ރ އެވެ.

އޭސީސީން ބުނީ އެ މެޝިންތަކާއި މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަރު އައު އަހަރުގެ މިއުޒިކް ޝޯ ބާއްވަންވާއިރަށް ވެސް ނުލިބޭކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.

އަދި އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެން ނެތުމާއެކު އޭރު މެޝިންތައް ގެނެސް އެމްއައިޓީޑީސީއާ ހަވާލުކޮށްފައި ނުވާކަން ތަހުގީގު އެނގެ ކަމަށެވެ. މީގެ އިތުރުން އެމްއައިޓީޑީސީގެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެ ކުންފުނީގެ އެންގުމުން ލިންކްސް-އައި އިންކޯޕަރޭޓަޑްއިން އެ މެޝިންތައް ހަވާލުކޮށްފައިވާ ކަމާއި އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެމްއައިޓީޑީސީއިން މަސައްކަތް ކޮށްފައި ނެތް ކަމަށެވެ. ލިންކްސް-އައި އިންކޯޕަރޭޓަޑް އިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްއިރު އެއް އަހަރާއި ފަސް މަސްވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައި އިންކޯޕަރޭޓަޑްގެ ބެލުމުގެ ދަށުގައިކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ހަރަދުކުރުމުގައި ހުންނަންޖެހޭނެ ކަމަށް އެމްއައިޓީޑީސީގެ ޕްރޮކިއުމަންޓް ޕޮލިސީ ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށްކަން ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭތީ އަދި ފައިސާ ހަރަދުކުރުމަށް ހުއްދަދީފައިވަނީ އެމްއައިޓީޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަކީބާ ހުސައިން ކަން ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭތީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން އެދިފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝާހިދު އާއި ޝަކީބާގެ މައްޗަށް ކޮށް ދިނުމަށެވެ.