އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތްތައް ކާމިޔާބުކުރުމުގެ މަގަށް ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ސަފުތައް ރުކުރުވާލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމް މިހެން ވިދާޅުވީ އޭސީސީގެ މެންބަރު ކަމަށް އަލުން ފަސް ބޭފުޅަކު އައްޔަންކުރެއްވުމާ ގުޅިގެން އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ އަމިއްލަ ބްލޮގްގައި ލިޔުއްވިި ލިޔުމެއްގަ އެވެ.
އޭސީސީ އަށް ފަސް މެންބަރުން އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
"މިމުނާސަބަތުގައި ކޮމިޝަނަށް އައްޔަންވި މެމްބަރުންނަށް އަޅުގަނޑުގެ އިޚްލާސްތެރި ތަހުނިޔާ އަރިސް ކުރަމެވެ. އަލަށް އައްޔަންވި މެންބަރުންގެ ތެރޭގައި، އަލްއަޒްހަރު ޔުނިވަސިޓީން ތައުލީމު ހާސިލްކުރެއްވި ދެ ބޭފުޅަކު ތިއްބެވި ކަމީ އަޅުގަނޑުމެން އަޒްހަރު ޚިއްރީޖުންނަށް ލިބުނު ހާއްސަ އުފަލެކެވެ." ޝަމީމް ވިދާޅުވެފައިވެ އެވެ.
ޕީޖީ ޝަމީމް ވިދާޅުވީ އޭސީސީގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަސްލަހަތުގައި އޮތް ކަމެއް ކަމަށެވެ. ގާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި އޭސީސީގެ އެއް ނަންބަރު ސަޕޯޓަރަކަށް ވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ކަމަށެވެ.
"ޕީޖީ އޮފީހުގެ ހުރިހާ އިންސާނީ ވަސީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށްކު ރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އޮންނާނީ ރުކުރުވާލާފަ އެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން އައު މެންބަރުންނަށް އަޅުގަނޑު އަރުވަމެވެ."
ޝަމީމް ވިދާޅުވީ އޭސީސީން ފަށާފައިވާ ޖިނާއީ ހުރިހާ ތަހުގީގެއްގެ އަނެއް ކޮޅުގައި ޕީޖީ އޮފީސް ވަރުގަދައަށް ހިފާނެ ކަމަށެވެ. އެ މަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
ކޮތަރެއްގެ އުޅުން ހުންނަ ގޮތާއި ގާނޫނު ތަންފީޒުކުރުމާ އެއްގޮތް ގޮތެއް ހުންނަ ކަމަށް ސިފަކުރައްވަމުން ޕީޖީ ވިދާޅުވީ އެމީހެއްގެ ނުފޫޒާއި، ބޮޑާކަމާއި، ހަނި ވިސްނުމާއި، ހަމައާއި އިންސާފު ގަބޫލުނުކުރެވުމާއި، ދުނިޔޭގެ ކަންކަން ހިނގާ ގޮތުގެ ތޮބީއަތު ނޭނގޭނަމަ، އެމީހެއްގެ ސައިކަލުގެ މަޑިއަށް "ގުއި ރުނު ކޮތަރު ހޯދައިގެން އެކޮތަރު މަރައިލަން އުޅެފާނެ" ކަމަށެވެ.
"ނަމަވެސް، އެކޮތަރު ނެތިއްޔާ، އެތަނުގައި އެހެން ކޮތަރެއް އިންނާނެ އެވެ. ގުއި ރޭނެ އެވެ. އެއީ، އޭގެ ތޮބީއަތެވެ. ދުނިޔެ އޮތް ހައި ހިނދަކު، ކޮތަރު ސީ ލުމެއް ނުހުއްޓުވޭނެ އެވެ. ކޮންމެވެސް އަދަދަކަށް ކޮތަރު މަރައިލާ، ނައްތާލައި، ނިޒާމުން ގެއްލުވައި ލެވިދާނެ އެވެ. ނަމަވެސް، ކޮތަރު އެނބުރި އަންނާނެ އެވެ. ކޮތަރަކީ މަފްހޫމެކެވެ." ގާނޫނު ތަންފީޒު ކުރުމަކީ އެކަހަލަ ކަމެއް ކަމަށް ސިފަކުރައްވާ ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ގާނޫނެއް ހަދައި ތަންފީޒީ އިދާރާތަކާ ތަންފީޒުކުރަން ހަވާލުކުރުމުން ތަންފީޒީ އިދާރާތައް އަމަލުކުރާނީ "ކޮތަރި ގުއި ރޭ" އުސޫލުން ކަމަށެވެ. ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ގާނޫނު ތަންފީޒުކުރާނެ ކަމަށެވެ. އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސްކަން އަންނާނެ ކަމަށާއި ނަމަވެސް ގާނޫނުގެ ކުރިމަތީގައި ހުރަހަށް ޕާކުކުރާ މީހާ ޕާކު ކުރަންވާނީ "ކޮތަރު ގުއި ރޭ ގޮތަށް" ގާނޫނު ތަންފީޒުވުމުގެ ފުރުސަތު އޮންނާނެކަން ދަނެގެން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުއްމީދަކީ އަލަށް އެކުލަވާލެވުނު ކޮމިޝަނާއެކު ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއް ކޮށް، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވުމެވެ. ކޮރަޕްޝަން ނެތް މުޖުތަމައެއް ބިނާ ކުރުމެވެ." ޝަމީމްގެ ލިޔުމުގައިވެ އެވެ.