ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސަބްރާ އިބްރާހީމް ނޫރައްދީން އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އާއިޝަތު ނޫޝީން ވަހީދު ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަނުކޮށްފައިވަނީ ގަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށް ފަހު ކަމަށް އެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ އެ ދެ ބޭފުޅުންނާ ގުޅޭގޮތުން އޮންލައިން ނޫހަކުން ފެތުރި ހަބަރެއް ދޮގު ކުރަމުންނެވެ.
ރައީސް އޮފީހުން ބުނީ "ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށާ މި ރިޕޯޓަކީ ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ހަބަރާއި މައުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މައުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުސޫލުން ބަލައި ސާފުކުރާ ކަމަށާ ސަބްރާ އާއި ނޫޝީންވެސް އެ އޮފީހުގެ ވަޒީފާއަށް އައްޔަނުކޮށްފައިވަނީ ގަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށް ފަހު ކަމަށެވެ.
ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުން ކަމަށްވެސް މި ބަޔާނުގައިވެއެވެ. އަދި އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތަށް އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން އިދާރާއެއް ހިންގާނެ ކަމަށްބުނެފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެކެވެ.
މިމަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައި ވަނީ ވަރަށް މުހިންމު މަގުސަދެއްގައި ކަމަށާ މި މަސައްކަތް ކުރަމުން ގެންދާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދޮގު މައުލޫމާތާއި ހަބަރު ފެތުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުމެއް ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.