ޑރ. މުހައްމަދު މުއިއްޒު

މާރުކޭޓް ގޮޅިތަކުގެ ވެރިންގެ ސިޓީއެއް މާލޭގެ މޭޔަރަށް

May 21, 2021
1

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ގޮޅިތައް ހިންގާ ގޮޅިތަކުގެ ވެރިންގެ ފަރާތުން ސިޓީއެއް ހަވާލުކޮށްފި އެވެ.

މޭޔަރަށް މިސިޓީ ހަވާލުކުރެއްވީ މާލޭގެ އުތުރު ފަރާތުގައިވާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސްވެރިންގެ މާރުކޭޓުގެ ހާލަތު ހުރި ގޮތް ބަލައިލުމަށް މުއިއްޒު މިއަދު މާރުކޭޓަށް ކުރެއްވި ޒިޔާރާތުގައި ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތް ކުރެއްވުމުންނެވެ.

މިސިޓީ މުއިއްޒުއާ ހަވާލުކުރުމަށްޓަކައި ގޮޅިއެއްގެ ކުރިމަތީގައި ހަރުކޮށްފައި ހުރީ މުއިއްޒުއަށް ފެންނަ ގޮތަށެވެ. މުއިއްޒު ވަނީ ސިޓީ ވިދާޅުވެފަ އެވެ. އަދި ސިޓީގައި ފާހަގަކޮށްފައިވާ ކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ މައްސަލަ އަކީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ވުރެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ކުޑަވި ނަމަވެސް ދެ މާރުކޭޓުގެ ގޮޅިތަކަށް ވެސް އެއްވަރެއްގެ ކުއްޔެއް ދައްކަންޖެހޭ މައްސަލަ އެވެ.

މާރުކޭޓު ގޮޅިތަކަށް ކުލީގެ ގޮތުގައި މަހަކު ދައްކަންޖެހެނީ 2،150 ރުފިޔާ އެވެ.

"ވީމާ މިފަދަ ތަފާތުތަކަށް މަނިކުފާނު ބަދަލު ގެންނަވާނެ ކަމަށް ދެކެމެވެ. ބޮޑު ގޮޅިއަށް ކުޑަގޮޅިއަށް ފައިސާ އެއްވަރު. ދަތުރުވެރިންގެ މާރުކޭޓް ގޮޅި ބޮޑުކުރުމާއި ގޮޅިއަށް ފީގެ ގޮތުގައި ނަގާ ފައިސާ ކުޑަކުރުމާއި މިދުވަސްވަރު މީހުންގެ ހާލަތަށް ބެއްލެވުން މުހިއްމު." ސިޓީގައިވެ އެވެ.

މުއިއްޒު މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ނިންމި ނިންމުންތަކުގެ ތެރޭގައި މާލޭގައި ދުއްވާ ކާރުތައް ޕާކް ކުރުމަށް ހާއްސަކޮށްފައިވާ ޖާގަތަކަށް ކުލީގެ ގޮތުގައި ކުރިން ނަގަމުން އައި 3،000 ރުފިޔާ 750 ރުފިޔާ އަށް ކުޑަކުރަން ވަނީ ނިންމާފަ އެވެ.

މި ނިންމުމަށް އިޝާރާތްކޮށް ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ވެރިންގެ ސިޓީގައި ބުނެފައިވަނީ މާރުކޭޓުގެ ގޮޅިތަކުގެ ވެރިންގެ ހާލު މާބޮޑު ކަމަށެވެ. އެހެންކަމުން ގޮޅިތަކުގެ ކުލި ކުޑަކޮށްދިނުމަށް އެމީހުން ވަނީ މުއިއްޒުއަށް ހުށަހަޅާފަ އެވެ.