ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.
މެންދުރު 12:02 ގަައި މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.
މި މަރާއެކު ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 121 އަށް އެރީއެވެ.
އިއްޔެވެސް މި ބަލީގައި ހަތަރު މީހަކު މަރުވިއެވެ. ރޭ 7:46 ގައި މަރުވެފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ 3:45 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިއްޔެ ހެނދުނު 10:54 ގައިވެސް، ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފައިވެއެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެ އިތުރުން ކުރީ ރޭ މެންދަމު 4:06 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބުރާސްފަތި ދުވަހުވެސް ކޮވިޑް ބަލީގަައި ހަތަރު މީހަކު މަރުވިއެވެ. މި އަހަރުގެ މިހާތަނަށް 70 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. މި މަހު އެކަނިވެސް 48 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.